ދިވެހި ފިލްމީ ދާއިރާގައި އަހަރުތަކެއް ކުރިން، އެންމެ ފާހަގަކޮށްލެވުނު އެއް ޑައިރެކްޓަރު ކަމަށްވާ އަބްދުލްފައްތާހު މިރޭ ކުއްލި ގޮތަކަށް ނިޔާވެއްޖެއެވެ. ފައްތާހު ނިޔާވީ މިއަދު ހަވީރުގެ ވަގުތެއްގައި\ ހާޓް އެޓޭކެއް ޖެހިގެން ކަމަށް މައުލޫމާތު ލިބިފައިވެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ފައްތާހަށް ހާޓް އެޓޭކް ޖެހުމުން ފުރަތަމަ މަސައްކަތް ކުރީ ހދ. ކުޅުދުއްފުއްޓަށް ގެންދިއުމަށެވެ. ނަމަވެސް އެއަށްވުރެ އަވަހަށް ދެވެން އޮތީ ހއ. ދިއްދޫއަށް ކަމަށްވުމުން، އޭނާ ނިޔާވީ ދިއްދޫއަށް ދަތުރުކުރަމުން ދަނިކޮށް ކަނޑުމަތީގައެވެ. ފައްތާހުގެ ހަށިގަނޑު މިހާރު ވަނީ ދިއްދޫއަށް ގެންގޮސްފައެވެ.
މި ހާދިސާއާ ގުޅިގެން މައުލޫމާތު ދިން މީހަކު ބުނީ، މިއަދުވެސް ފައްތާހު އޭނާގެ ރަށުގެ އެކުވެރިންނާއެކު ވަގުތު ހޭދަކުރި ކަމަށެވެ. އަދި އޭނާގެ ސިއްހީ އެއްވެސް މައްސަލައެއް އުޅޭކަމުގެ މައުލޫމާތެއް ކުރިން ލިބިފައި ނުވާކަމަށްވެސް އެ ފަރާތުން ބުންޏެވެ. ފައްތާހުގެ ޖަނާޒާ ދިއްދޫގައި ބޭއްވުމަށް މިހާރު ދަނީ ތައްޔާރުވަމުންނެވެ.
އަބްދުލްފައްތާހަކީ ދިވެހި ފިލްމީ ދާއިރާގެ އެންމެ ކާމިޔާބު އެއް ޑައިރެކްޓަރެވެ. އޭނާ ވަނީ ގިނަ އަދަދެއްގެ މަގުބޫލު ފިލްމުތަކާއި، ޑްރާމާ ސިލްސިލާތަކުގެ އިތުރުން ގިނަ ވީޑިއޯ ލަވަތަކެއް ޑައިރެކްޓްކޮށްފައެވެ. އޭނާގެ އުފެއްދުންތަކުގެ ތެރެއިން “ދޯޕައްޓާ” ފަދަ ޑްރާމާ ސިލްސިލާތަކަކީ ދިވެހިންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދި އުފެއްދުންތަކެކެވެ.
ފިލްމީ މަސައްކަތްތަކުގެ އިތުރުން، ފައްތާހަކީ ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ގެ އެތައް އުފެއްދުންތަކެއްގައިވެސް އަމަލީގޮތުން ޝާމިލުވެ، ފާހަގަކޮށްލެވޭ ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ފަންނާނެކެވެ. އޭނާގެ ވަކިވެދިއުމަކީ ދިވެހި ފަންނީ ދާއިރާއަށް ލިބުނު ބޮޑު ފަޅުކަމެކެވެ.

