މިއަހަރު ފަތުރުވެރިކަމުގެ ދާއިރާއިން ރާއްޖެ ހާސިލްކޮށްފައިވާ ބޮޑެތި ކާމިޔާބީތައް ފާހަގަކުރުމަށާއި، އައު އަހަރަށް މަރުހަބާ ކިޔުމަށްޓަކައި “މޯލްޑިވްސް ކަލްޗަރ އެންޑް ފުޑް ފެސްޓިވަލް” ގެ ނަމުގައި ހާއްސަ ފެސްޓިވަލެއް މިއަދު ފަށައިފިއެވެ.
ހުޅުމާލެ ސެންޓްރަލް ޕާކުގައި ކުރިއަށްގެންދާ މި ފެސްޓިވަލަކީ ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނާއި، ފަތުރުވެރިކަމާ ތިމާވެއްޓާބެހޭ ވުޒާރާގެ އިތުރުން ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ގުޅިގެން އިންތިޒާމުކުރާ ހަރަކާތެކެވެ. މިއަދު ހަވީރުން ފެށިގެން ޖެނުއަރީ މަހުގެ 1 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި ފެސްޓިވަލުގެ ތެރެއިން އައު އަހަރާ ގުޅުވައިގެން ތަފާތު ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ރޭވިފައެވެ.
މި ފެސްޓިވަލުގައި ކާބޯތަކެތީގެ ރަހަތަކަށް ލޯބިކުރާ ފަރާތްތަކަށް ޚާއްޞަކޮށްގެން ތަފާތު ބާވަތްތައް ލިބޭނެ ފުޑް ސްޓޯލްތަކެއް ވަނީ ގާއިމުކޮށްފައެވެ. މީގެ އިތުރުން އެކި އުމުރުފުރާގެ ކުދިންނަށް އަމާޒުކޮށްގެން ތަފާތު ކުޅިވަރުތައް ސްޓޯލްތަކުގައި ކުރިއަށްދާއިރު، ފެސްޓިވަލަށް ޒިޔާރަތްކުރި ބައެއް ކުދިން ބުނިގޮތުގައި ސްޓޯލްތައް ފަރުމާކޮށްފައިވަނީ ކުޑަކުދިން ވަރަށް ގަޔާވާނެ ފަދަ މަޖާ ގޮތަކަށެވެ.
މި ފެސްޓިވަލުގެ އެންމެ ހާއްސަ އެއް ހަރަކާތަކީ މިދިޔަ އަހަރެކޭ އެއްފަދައިން އާންމުންގެ ބޮޑު މަގުބޫލުކަމެއް ލިބިފައިވާ ޑްރޯން ޝޯއެވެ. މީގެ އިތުރުން ހަވާ އެރުވުމުގެ ހަރަކާތްތަކާއި، ރާއްޖޭގެ މުއްސަނދި ސަޤާފަތް ދައްކުވައިދޭ ތަފާތު އައިޓަމްތައްވެސް މި ފެސްޓިވަލުގެ ތެރެއިން ފެނިގެންދާނެއެވެ.
އައު އަހަރަށް މަރުހަބާ ކިޔުމުގެ ގޮތުން ކޮންމެ އަހަރަކުވެސް ހުޅުމާލެ ސެންޓްރަލް ޕާކުގައި ކުލަގަދަ ހަރަކާތްތަކެއް ބާއްވަމުން އަންނައިރު، މިއަހަރުގެ ފެސްޓިވަލަކީ ފަތުރުވެރިކަމުގެ ކާމިޔާބީތަކާވެސް ގުޅުވައިގެން ބާއްވާ ހާއްސަ ހަރަކާތެކެވެ.

