ރާއްޖޭގެ މުނިފޫހިފިލުވުމުގެ ދާއިރާގައި ގިނަ ދުވަހު މަސައްކަތް ކުރައްވާފައިވާ މަޝްހޫރު ފިލްމު ޑައިރެކްޓަރ އަބްދުލްފައްތާހު ނިޔާވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެއެވެ. ފައްތާހު ނިޔާވީ އިއްޔެގެ ހަވީރުގެ ވަގުތެއްގައި ކުއްލި ގޮތަކަށް ދިމާވި ސިއްހީ މައްސަލައެއްގައެވެ.
ރައީސުލްޖުމްހޫރިއްޔާ ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ތަޢުޒިޔާގެ މެސެޖުގައި ވިދާޅުވީ، މުނިފޫހިފިލުވުމުގެ ދާއިރާއިން، ފިލްމު ޑައިރެކްޓް ކުރެއްވުމުގެ ރޮނގުން ޤައުމީ ޚިދުމަތުގެ އިނާމު ޙާޞިލްކުރައްވާފައިވާ ފަންނުވެރިއެއްކަމުގައިވާ ޢަބްދުލްފައްތާޙް ޢަބްދުލްޤައްޔޫމް ނިޔާވުމާ ގުޅިގެން އެކަމުގެ ހިތާމައިގައި ބައިވެރިވެ، އެ ޢާއިލާއަށް ތަޢުޒިޔާ ދަންނަވާ ކަމަށެވެ. އަދި މަރުޙޫމަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވުން އެދި އެމަނިކުފާނު ދުޢާ ކުރެއްވިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ފައްތާހު ނިޔާވީ ހާޓް އެޓޭކެއް ޖެހިގެން، ހއ. ދިއްދޫއަށް ގެންދިއުމުގެ މަގުމަތީގައި ކަނޑުމަތީގައެވެ. އުމުރުން 54 އަހަރުގެ ފައްތާހު ނިޔާވިއިރު، އޭނާގެ ސިއްހީ އެއްވެސް މައްސަލައެއް އުޅޭކަމުގެ މައުލޫމާތެއް ކުރިން ލިބިފައެއް ނުވެއެވެ. އޭނާގެ ޖަނާޒާ ރޭ ފަތިހު ދިއްދޫ އިސްލާމީ މަރުކަޒުގައި ވަނީ ބާއްވާފައެވެ.
ޢަބްދުލްފައްތާހަކީ ދިވެހި ފިލްމީ ދާއިރާގައި އެންމެ ކާމިޔާބު އެއް ޑައިރެކްޓަރެވެ. އޭނާ ވަނީ 2004 ވަނަ އަހަރު އާންމު ޚިދުމަތުގެ ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ހާސިލްކުރައްވާފައެވެ. މީގެ އިތުރުން ގައުމީ ފިލްމު އެވޯޑްސްތަކުގައި އެންމެ މޮޅު ޑައިރެކްޓަރުގެ މަގާމާއި، އެޑިޓިން އަދި އާޓް ޑައިރެކްޝަން ފަދަ އެތައް ދާއިރާއަކުން ގިނަ އެވޯޑްތަކެއް އޭނާ ވަނީ ކާމިޔާބު ކުރައްވާފައެވެ.
ފައްތާހުގެ ކެރިއަރުގައި އޭނާ އެންމެ ފަހުން ޑައިރެކްޓްކުރި ފިލްމަކީ 2017 ވަނަ އަހަރު ނެރުނު "ހައްދު" އެވެ. އެ ފިލްމަށްވެސް 9 ވަނަ ގައުމީ ފިލްމު އެވޯޑްސްގައި އެންމެ މޮޅު ޑައިރެކްޓަރުގެ އެވޯޑު ލިބިފައިވެއެވެ. އޭނާއަކީ ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް) ގެ ގިނަ އުފެއްދުންތަކެއްގައިވެސް މުހިންމު ދައުރެއް އަދާކުރައްވާފައިވާ ފަންނާނެކެވެ.

