ސަރުކާރުން ކުރިއަށްގެންދާ “ހިޔާވެހި ފައިނޭންސިން” ސްކީމުގެ ދަށުން މިހާތަނަށް 909 މިލިޔަން ރުފިޔާ ލޯނުގެ ގޮތުގައި ދޫކުރުމަށް ނިންމާފައިވާ ކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ. މިއީ މާލެއާއި އަތޮޅުތަކުގައި ގެދޮރު އެޅުމަށް ދަތިވެފައިވާ ފަރާތްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސިޔާސަތުގެ ދަށުން ފަށާފައިވާ ޚާއްޞަ ސްކީމެކެވެ.
އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާބެހޭ ވުޒާރާއިން ވިދާޅުވި ގޮތުގައި، މި ސްކީމްގެ ދަށުން އަމިއްލަ ގޯތީގައި ގެދޮރު ބިނާކުރުމަށް މިހާތަނަށް 909 މިލިޔަން ރުފިޔާގެ ލޯނު ދޫކުރުމަށް ވަނީ ނިންމާފައެވެ. އަދި މި ސްކީމްގެ ފުރަތަމަ ބުރުގައި ޖުމްލަ 23 ފަރާތަކަށް ފައިނޭންސިން ދިނުމަށް މިހާރު ވަނީ ކަނޑައަޅާފައެވެ.
ހިޔާވެހި ފައިނޭންސިން ސްކީމަކީ ރާއްޖޭގެ ތިން ބޭންކަކާ ގުޅިގެން އިސްލާމީ އުސޫލުން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. މި ސްކީމްގެ ދަށުން ލޯނު ދޫކުރަނީ %5 ފައިދާގައި ކަމަށްވާއިރު، ފައިސާ އަނބުރާ ދެއްކުމަށް 25 އަހަރުގެ ދިގު މުއްދަތެއް ލިބިގެންދާނެއެވެ.
މި ޕްރޮގްރާމް ބަހާލެވިފައިވަނީ މައިގަނޑު ތިން ބަޔަކަށެވެ. ފުރަތަމަ ސްކީމަކީ އަތޮޅުތަކުގެ ރަށްރަށަށް ޚާއްޞަ ސްކީމެކެވެ. އެޗްޑީއެފްސީ މެދުވެރިކޮށް ދޫކުރާ މި ސްކީމްގެ ދަށުން 1 މިލިޔަން ރުފިޔާއާ ހަމައަށް ލޯނު ލިބޭއިރު، އެއްވެސް އިކުއިޓީއެއް ދައްކާކަށް ނުޖެހޭނެއެވެ. ދެވަނަ ސްކީމަކީ އާބަން ސެންޓަރުތަކަށް ޚާއްޞަ ސްކީމެކެވެ. މި ބައިގެ ދަށުން 3 މިލިޔަން ރުފިޔާއާ ހަމައަށް މާލީ އެހީ ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.
ތިންވަނަ ސްކީމް ޚާއްޞަކޮށްފައިވަނީ މާލެ ސަރަހައްދަށެވެ. މި ސްކީމްގެ ދަށުން 6 މިލިޔަން ރުފިޔާއާ ހަމައަށް ލޯނު ދޫކުރާނެއެވެ. މީގެ މައިގަނޑު މަޤްޞަދަކީ ގެދޮރު ނުހެދި ހުރި ފަރާތްތަކަށާއި، މަސައްކަތް ފަށައި ނުނިމި ހުރި އިމާރާތްތައް ނިންމުމަށް އެހީތެރިވުމެވެ. މީގެ އިތުރުން މާލޭގައި ހިމެނޭ ކުދި ބިންތައް އެއްކޮށްލައިގެން އިމާރާތްކުރުމުގެ ފުރުޞަތުވެސް މި ސްކީމްގެ ދަށުން ފަހިވެގެންދާނެއެވެ. އާބަން ސެންޓަރުތަކާއި ފުރަމާލެއަށް ޚާއްޞަ ލޯނުތައް ދޫކުރާނީ ބީއެމްއެލް އަދި އެމްއައިބީ މެދުވެރިކޮށެވެ.

