ނ. އަތޮޅުގައި ތަރައްޤީކުރުމަށް ހަމަޖެހިފައިވާ “އައިލާ ސަސްޓެއިނަބަލް ޓައުންޝިޕް” މަޝްރޫޢުގެ އިންވެސްޓަރުންނާއެކު ދިވެހި ސަރުކާރުން ރަސްމީކޮށް ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ޚާއްސަ ރަސްމިއްޔާތު އޮތީ އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާގައެވެ.
މި އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދެވެ. އަދި އިންވެސްޓަރު ކުންފުނި، ކްރިސްޓަލް ހޯލްޑިންސް ޕްރައިވެޓް ލިމިޑެޓްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ ޕެރަޓް ކްރިސްޓިކްއެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވީ، މި ޓައުންޝިޕް މަޝްރޫޢަކީ ރާއްޖޭގެ އިޤްތިޞާދު އައު ހަރުފަތަކަށް ގެންދިއުމުގައި ވަރަށް މުހިންމު ދައުރެއް އަދާކުރާނެ މަޝްރޫޢެއް ކަމަށެވެ. އަދި މީގެ ސަބަބުން އިތުރު އިންވެސްޓްމަންޓްތައް ހޯދުމަށް މަގުފަހިވެ، ދުނިޔޭގެ އިންވެސްޓަރުންނަށާއި ދިވެހި ފަރުދުންނަށް އާމްދަނީ ހޯދުމުގެ އައު ފުރުސަތުތަކެއް ހުޅުވިގެންދާނެކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ވަޒީރު އިތުރަށް ވިދާޅުވީ، “މިފަދަ އިންވެސްޓްމަންޓްތަކުގެ ސަބަބުން، ވަޒީފާގެ ފުރުސަތުތައް އިތުރުވުމާއި، ތިމާވެށީގެ ރައްކާތެރިކަމާއި، 60 އިންސައްތަ އިއާދަކުރަނިވި ހަކަތަ ބޭނުންކުރުން ފަދަ ކަންކަމުގެ ތެރެއިން ރާއްޖޭގެ އިޤްތިޞާދީ ދާއިރާއަށް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެ” ކަމަށެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ދެމެހެއްޓެނިވި ތަރައްޤީގެ ސިޔާސަތަށް ލިބޭ ބޮޑު ބާރެއްކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
ކްރިސްޓަލް ހޯލްޑިންސްގެ ސީއީއޯ ޕެރަޓް ކްރިސްޓިކް ވިދާޅުވީ، ރާއްޖެއަކީ އިންވެސްޓަރުންނަށް ވަރަށް ފަހި މާހައުލެއް އޮތް ޤައުމެއް ކަމަށާއި، ސަރުކާރުން ގެންގުޅުއްވާ ވިޔަފާރީގެ އުސޫލުތަކަށް އިތުބާރު ކުރައްވާ ކަމަށެވެ. “ބޭރުގެ އިންވެސްޓަރުންނަށް އޮތް އާ މަންޒިލެއްގެ ގޮތުގައި ދިވެހިރާއްޖެއަށް ކުރާ އިތުބާރާއި ޔަގީންކަން ވަރަށް ބޮޑު” ކަމަށް އޭނާ ވިދާޅުވިއެވެ.
ޖުމްލަ 790 މިލިޔަން އެމެރިކާ ޑޮލަރު (12.2 ބިލިޔަން ރުފިޔާ) އިންވެސްޓްކޮށްގެން ނ. އަތޮޅުގައި ތަރައްޤީކުރާ މި ޓައުންޝިޕަކީ ޒަމާނީ ވަޞީލަތްތަކާއެކު ދުނިޔޭގެ ފެންވަރުގައި ފާހަގަކުރެވޭނެ ތަފާތު މަޝްރޫޢެކެވެ. މި މަޝްރޫޢުގެ މަސައްކަތް 2028 ވަނަ އަހަރުގެ ނިޔަލަށް އެއްކޮށް ނިންމާލުމަށް ވަނީ އަމާޒު ހިފާފައެވެ.

