އަމިއްލަ މީޑިއާތަކަށް ދައުލަތުގެ ބަޖެޓުން މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ސަރުކާރުން ނިންމާފައިވާ ނިންމުމުގެ ދަށުން، ޝަރުތު ފުރިހަމަވާ 39 މީޑިއާއަކަށް ޖުމްލަ 28.2 މިލިއަން ރުފިޔާ ދޫކުރުމަށް ހަމަޖެހިފައިވާ ކަމަށް މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުން ހާމަކޮށްފިއެވެ.
މީޑިއާ ކޮމިޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ދައުލަތުގެ އެހީތެރިކަމަށް އެދި 57 މީޑިއާއަކުން ޕްރޮފައިލް ކްރިއޭޓްކޮށްފައިވާ ކަމަށެވެ. މީގެ ތެރެއިން ޝަރުތު ހަމަވީ 41 މީޑިއާއެއް ނަމަވެސް، އެހީއަށް އެދުމުގެ އެންމެ ފަހުގެ މަރުހަލާ ފުރިހަމަކޮށްފައިވަނީ 39 މީޑިއާއަކުންނެވެ. އެހެންކަމުން މި އެހީ ލިބިގެންދާނީ އެ 39 މީޑިއާއަށް ކަމަށާއި، ކޮންމެ މީޑިއާއަކަށް ލިބޭނެ އަދަދު މިހާރު ޕޯޓަލް މެދުވެރިކޮށް ފެންނަން ހުންނާނެ ކަމަށް ކޮމިޝަނުން ބުނެއެވެ.
އިޖުރާއަތްތައް ފުރިހަމަނުވާ މީޑިއާތަކަށް އެހީ ހޯދައިދިނުން
މާލީ އެހީތެރިކަމަށް އެދި އިޖުރާއަތްތައް ފުރިހަމަ ނުކުރެވުނު ދެ މީޑިއާއަކަށް ވެސް ފައިސާ ލިބޭނެ ގޮތް ހަމަޖައްސައިދިނުމަށް މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސްގައި އެދިފައިވާނެ ކަމަށް ކޮމިޝަނުން ބުނެއެވެ. މީޑިއާތަކަށް ފައިސާ ދޫކުރާނީ ޔޫތު މިނިސްޓްރީ މެދުވެރިކޮށް ފިނޭންސް މިނިސްޓްރީއަށް ފޮނުވައިގެންނެވެ. އަދި ޝަރުތު ހަމަވާ ކޮންމެ މީޑިއާއަކަށް ލިބޭ ޖުމްލަ އަދަދު އެއް ޕޭމަންޓެއްގެ ގޮތުގައި ދޫކުރުމަށް ވަނީ ނިންމާފައެވެ.
ދައުލަތުގެ ބަޖެޓުން މީޑިއާތަކަށް ފައިސާ ދިނުމުގެ އުސޫލަށް މިދިޔަ ހަފުތާގައި ގެނައި ބަދަލާއެކު، މި އެހީ ލިބޭނީ ރަޖިސްޓަރީކޮށްގެން މެދުނުކެނޑި ހިންގާތާ އެއް އަހަރު ވެފައިވާ މީޑިއާތަކަށެވެ. މިއީ ދިވެހިރާއްޖޭގެ ތާރީޚުގައި ދައުލަތުގެ ބަޖެޓުން އަމިއްލަ މީޑިއާތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދޭ ފުރަތަމަ ފަހަރެވެ.
ސަރުކާރުގެ މި ނިންމުމުގެ މައިގަނޑު މަގްސަދަކީ އަމިއްލަ މީޑިއާތަކަކީ މާލީ ގޮތުން ފުދުންތެރި، އަދި އެހެން ފަރާތްތަކުގެ ނުފޫޒުން އެއްކިބާވެފައިވާ މިނިވަން މުއައްސަސާތަކަކަށް ހެދުމެވެ. މީޑިއާ ކޮމިޝަނުގެ އަމާޒަކީ މިއަހަރު ނިމުމުގެ ކުރިން މީޑިއާތަކަށް މި ފައިސާ ހަވާލުކޮށް ނިންމުމެވެ.

