ގދ ފިޔޯރީ ކައުންސިލުގެ ބީފާން ވޮލީ މުބާރާތް 2026 ގެ ބެވަރެޖް ޕާޓްނަރަކަށް “ކޮކާ ކޯލާ” ހަމަޖައްސައިފިއެވެ.
ރާއްޖޭގެ އެންމެ ދެކުނަށް އޮންނަ ހަތަރު އަތޮޅަށް ހުޅުވާލައިގެން ބާއްވާ މި މުބާރާތް ކުޅެން ހަމަޖެހިފައިވަނީ ގދ. ފިޔޯރީގައެވެ.
މި މުބާރާތުގެ ބެވަރެޖް ޕާޓްނަރަކަށް ހަމަޖެއްސި ކޮކާ ކޯލާއަކީ ރާއްޖޭގައި ބާއްވާ ބޮޑެތި ކުޅިވަރު މުބާރާތްތަކާއި އެކި ހަފްލާތަކުގައި މީގެ ކުރިންވެސް ކާމިޔާބުކަމާއެކު ބައިވެރިވެފައިވާ ބްރޭންޑެކެވެ.
ފިޔޯރީ ކައުންސިލުން އައުޓްސޯސްކޮށްގެން ކުރިއަށްގެންދާ މި މުބާރާތް ހޯސްޓް ކުރުމުގެ ޒިންމާ ހަވާލުކޮށްފައިވަނީ އިޖުތިމާޢީ ހަރަކާތްތަކުގައި ފާހަގަކޮށްލެވޭ ޖަމިއްޔާއެއް ކަމަށްވާ ފިޔޯރީ އެސޯސިއޭޝަން ފޯ ކޮމިއުނިޓީ އެމްޕަވަރމަންޓް (ފޭސް) އާއެވެ.
މުބާރާތުގެ ބެވަރެޖް ޕާޓްނަރަކަށް ކޮކާ ކޯލާ ހަމަޖައްސާފައިވާއިރު، މުބާރާތުގެ ލައިވް ސްޓްްރީމް އަދި އިވެންޓް މެނޭޖް ކުރަން ހަމަޖައްސާފައިވަނީ ރާއްޖޭގެ މަޝްހޫރު އޮރިއޮން އެފްއެކްސެވެ. އަދި ބްރޭންޑިން އާއި ޑިޒައިނިން ޕާޓްނަރަކަށް ރާޅު އާޓްސް އެންޑް ޑިޒައިން ހަމަޖައްސާފައިވެއެވެ.
ޖުމްލަ ދެ ޑިވިޝަނަކަށް ބަހާލައިގެން ބާއްވާ މި މުބާރާތް ފަށަން ތާވަލުކޮށްފައިވަނީ އަންނަ ޖެނުއަރީ މަހުގެ 15 ވަނަ ދުވަހުއެވެ. މުބާރާތުގައި ރާއްޖޭގެ ވޮލީ ޤައުމީ ޓީމުގެ ތަޖުރިބާކާރު ކުޅުންތެރިންނާއި ކޯޗުންގެ އިތުރުން، ރާއްޖެއިން ބޭރުގެ ހުނަރުވެރި ކުޅުންތެރިންވެސް ފެނިގެންދާނެއެވެ.
ބީފާންގެ ވާދައިގެ ތައްޓައް ހުރިހާ ޓީމަކުން ވެސް މަސައްކަތް ފަށާފައިވަނީ އުންމީދާއި ޖޯޝާއިއެކުގައެވެ. ރޭވުންތެރި، މޮޅު ކޯޗިންއެއްގެ ދަށުން ހުރިހާ ޓީމެއް ވެސް ތައްޔާރުވަމުންދަނީ އެއް އަމާޒަކަށް ވާސިލުވުމަށެވެ.

