ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގެ އާ ޓާމިނަލްގައި އެންމެ ޒަމާނީ ޓެކްނޮލޮޖީއާއެކު 11 އީ-ގޭޓު ހަރުކޮށް، ދިވެހިންނަށް އެކަނި ބޭނުންކުރެވޭ ގޮތަށް މިއަދު ހިދުމަތް ދޭން ފަށައިފިއެވެ. މި ހިދުމަތް ރަސްމީކޮށް އިފްތިތާހްކޮށްދެއްވީ ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަން މުހައްމަދު ޝަމްޢާން ވަހީދެވެ.
މި ހިދުމަތަކީ ވީއައިއޭ ބޭނުންކުރާ ދިވެހިންނާއި ފަތުރުވެރިން ބޯޑާ ކޮންޓްރޯލް ކައުންޓަރުތަކުގައި ހޭދަކުރަންޖެހޭ ވަގުތު ކުޑަކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވާ ސިޔާސަތުގެ ދަށުން ތައާރަފުކުރެވުނު ހިދުމަތެކެވެ. މި ހިދުމަތް އަންނަ ޖެނުއަރީ މަހުގެ އެއްވަނަ ދުވަހު ފައްޓަވާނެކަން ރައީސް އިއުލާން ކުރެއްވީ މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައެވެ.
އިމިގްރޭޝަނުން މައުލޫމާތު ދޭ ގޮތުގައި، މިހާރު އާ ޓާމިނަލްގެ އެރައިވަލްގައި ފަސް އީ-ގޭޓު އަދި ޑިޕާޗާގައި ފަސް އީ-ގޭޓު ވަނީ ގާއިމުކޮށްފައެވެ. މި ގޭޓުތަކަކީ އެންމެ ފަހުގެ ފޭޝަލް ރެކޮގްނިޝަން ޓެކްނޮލޮޖީ ބޭނުންކުރާ ގޭޓުތަކެކެވެ. ރައީސް ވިދާޅުވެފައިވާ ގޮތުގައި “މި ގޭޓުތަކުން އެއްފަހަރު ޕާސްޕޯޓު ސްކޭންކުރުމަށްފަހު، ދެން ބޯޑަރު ހުރަސްކުރާއިރު އޮތޮރައިޒް ކުރެވޭނީ ފޭޝަލް ރެކޮގްނިޝަންގެ ޒަރިއްޔާއިން” އެވެ.
މި ވަގުތު ހަމައެކަނި ދިވެހިންނަށް ހާއްސަކޮށްގެން މި ހިދުމަތް ފެށި ނަމަވެސް، ކުރިއަށް އޮތް ތަނުގައި މި ހިދުމަތް އިތުރަށް ފުޅާކުރުމަށް ވަނީ ރޭވިފައެވެ. އެގޮތުން އެރައިވަލްގައި 10 އީ-ގޭޓު އަދި ޑިޕާޗާގައި 10 އީ-ގޭޓު ބަހައްޓައި، ބިދޭސީން ހިމެނޭހެން ހުރިހާ ދަތުރުވެރިންނަށް މި ހިދުމަތް ލިބޭނެ ގޮތް ހެދުމަށް ވަނީ ނިންމާފައެވެ.
އިމިގްރޭޝަނުން ލަފާކުރާ ގޮތުގައި ބިދޭސީންނަށްވެސް ބޭނުންކުރެވޭ ގޮތަށް މި ހިދުމަތް ފުޅާކުރެވިގެންދާނީ 2026 ވަނަ އަހަރުގެ ފުރަތަމަ ކުއާޓާގެ ތެރޭގައެވެ. މި ބަދަލާއެކު ވީއައިއޭގެ ބޯޑާ ކޮންޓްރޯލްގެ ހިދުމަތްތައް އަވަސްވެ، ދަތުރުވެރިންނަށް ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެއެވެ.

