މުޖުތަމަޢުން ފާޙިޝް ކަންތައްތަކާއި މުންކަރާތްތައް މަދުކުރެވޭނީ އެންމެންގެ ޚިޔާލު އެއްގޮތްވެގެން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ ރައްޔިތުންގެ ކަންބޮޑުވުންތަކާއެކު މަސާޖު ޕާލާތައް ބަންދުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތަފްސީލު ހާމަކުރައްވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މަސާޖު ޕާލާތައް ބަންދުކުރުމުގެ މަސައްކަތުގެ ދަށުން މިދިޔަ ޑިސެންބަރު މަހުގެ 9 ވަނަ ދުވަހުގެ ފަހުން މިހާތަނަށް 96 މަސާޖު ޕާލާއެއް ބަންދުކޮށްފައިވާ ކަމަށެވެ. މުޖުތަމަޢުގެ ޙާލަތު ބަދަލުކުރެވޭނީ ޢާންމު ރައްޔިތުންނާއި އެންމެހާ ފަރާތްތަކެއްގެ ނިޔަތާއި ޢަމަލު މިފަދަ ކަންކަމުގައި އެއްގޮތްވެގެން ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ސޯޝަލް މީޑިއާގައި ޙިއްޞާކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ، މިފަދަ ތަންތަން ހިންގަނީ ހުއްދަ ނަގާފައިވާ ވިޔަފާރީގެ ބަދަލުގައި ފާޙިޝް ޢަމަލުތަކަށް އެ ވިޔަފާރީގެ ނަން ބޭނުންކޮށްގެން ކަމަށެވެ. “މިފަދަ ތަންތަން ހިންގަމުން ދަނީ މިފަދަ ތަންތަނުގެ ބޭނުން ހިފާ ފަރާތްތައް ތިބުމުންކަމީ ހިތާމަޔާ އެކީ ޤަބޫލުކުރަންޖެހޭ ޙަޤީޤަތެއް،” ރައީސް ވިދާޅުވިއެވެ.
ބިދޭސީން ޤަވާއިދާ ޚިލާފަށް ފުޅާ ދާއިރާއެއްގައި ވިޔަފާރި ކުރަމުންދާ މައްސަލަ ޙައްލުކުރުމަށްޓަކައި، “ނެޝަނަލް ޓާސްކްފޯރސް އޮން ކޮމްބެޓިންގ އިލީގަލް އެކްސްޕެޓްރިއޭޓް އޮޕަރޭޝަންސް އެންޑް ބިޒްނަސަސް” ގެ ނަމުގައި މިހާރު ވަނީ ޚާއްޞަ ޓާސްކްފޯހެއް އެކުލަވާލާފައެވެ.
މި ޓާސްކްފޯހަކީ އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވުޒާރާއާއި، ދާޚިލީ ސަލާމަތާއި ފަންނިއްޔާތާއި ބެހޭ ވުޒާރާގެ އިތުރުން ދިވެހި ފުލުހުންގެ ޚިދުމަތާއި މޯލްޑިވްސް އިމިގްރޭޝަން ހިމެނޭ ގޮތަށް އެކުލަވާލާފައިވާ ފޯހެކެވެ. މި ޓާސްކްފޯހުން ދަނީ ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ހިންގަމުންދާ ކަމަށް ބެލެވޭ ވިޔަފާރިތައް ބަލައި ފާސްކޮށް، އެފަދަ ކަންކަމަށް ފިޔަވަޅު އަޅަމުންނެވެ.

