ރާއްޖޭގައި ނަފްސާނީ ހުރިހާ ބާވަތެއްގެ ފަރުވާއަކަށް މާދަމާ (ޖެނުއަރީ 1) އިން ފެށިގެން އާސަންދަ މެދުވެރިކޮށް ހިލޭ ބޭސްފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިފިއެވެ.
މިކަން އިޢުލާން ކުރެވުނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުތައް ފުއްދެވުމަށް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން އިންތިޒާމްކޮށްގެން ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި އިޖުތިމާޢީ ރައްކާތެރިކަމާއި ޞިއްޙީ ދާއިރާގެ މުހިއްމު 5 ޕްރޮގްރާމެއް ސަރުކާރުން އިފްތިތާޙުކޮށްފިއެވެ.
ދަރުމަވަންތަ ހޮސްޕިޓަލްގައި ބޭއްވުނު މި ރަސްމިއްޔާތުގައި ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހީމް އަދި އިޖްތިމާޢީ އަދި އާއިލީ ތަރައްޤީއާ ބެހޭ ވަޒީރު ޑޮކްޓަރ ޢާއިޝަތު ޝިހާމް ބައިވެރިވެވަޑައިގެންނެވިއެވެ. ޞިއްޙީ ވަޒީރު ވިދާޅުވީ މިއަދަކީ ރައީސް ޑރ. މުޢިއްޒުގެ ވަޢުދުތައް ފުއްދެވުމުގައި އިތުރު ހަރުފަތަކަށް ދިޔަ ދުވަހެއް ކަމަށެވެ.
“ރައްޔިތުންގެ ކަންބޮޑުވުންތަކަށް އެތައް ލުޔެއް ލިބިގެންދާނެ ކަމެއް. ރައީސް ޑރ. މުޢިއްޒު، ރައްޔިތުންނާ ބައްދަލު ކުރެއްވުމުން ރައްޔިތުން ހުށަހަޅުއްވާ ކަންބޮޑުވުންތަކަށް ރިޢާޔަތްކޮށް، ރައީސް އެ ގެންދަވަނީ އެކަންކަމަށް ޙައްލު ހޯއްދަވައި ދެއްވައި ލުއި ފަސޭހަތައް ހޯއްދަވައި ދެއްވަމުން،” ނާޡިމް ވިދާޅުވިއެވެ.
ރާއްޖޭގައި ނަފްސާނީ ބަލިތަކަށް ފަރުވާ ހޯދާ ފަރާތްތަކަށް މިހާތަނަށް އާސަންދައިގެ ޚިދުމަތް ފުރިހަމައަށް ލިބިފައިނުވާކަން ފާހަގަކޮށް، މިދިދިޔަ މަހުގެ 17 ވަނަ ދުވަހު ސޯޝަލް ސެންޓަރުގައި ބޭއްވުނު ޖަލްސާއެއްގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ މިކަމަށް ޙައްލެއް ގެނައުމަށް ވަޢުދުވެވަޑައިގެންފައެވެ.
“މިއަދާ ހަމައަށް ވެސް ނަފްސާނީ ބައްޔަށް ކުރާ ޚަރަދު އާސަންދައިން އެއްކޮށް ކަވަރެއް ނުވޭ. އަޅުގަނޑުމެން އެންމެން ހައިރާންވެފައި މި ތިބީ އެކަމުގައި. އެކަން ނިމުމަކަށް ގެނެސް އެކެއް ޖެނުއަރީން ފެށިގެން ނަފްސާނީ ބައްޔަށް ކުރާ ހުރިހާ ޚަރަދެއް އާސަންދައިން ކަވަރު ވާނެ،” ރައީސް ވިދާޅުވިއެވެ.
އެންސްޕާއިން ބުނީ ނަފްސާނީ ދުޅަހެޔޮކަމަށް ސަރުކާރުން ދޭ އަހައްމިއްޔަތުކަން މި ޕްރޮގްރާމްތަކުން ހާމަވެގެންދާނެ ކަމަށެވެ. ޚާއްޞަކޮށް ނަފްސާނީ ބަލިތަކަށް ފަރުވާ ހޯދުމަށް ހުރި މާލީ ހުރަސްތައް ނައްތާލުމަށް މިއީ އެޅޭ މުހިންމު ފިޔަވަޅެއް ކަމަށް އެ އެޖެންސީން ފާހަގަކޮށްފައިވެއެވެ.
ތެލަސީމިއާ ކުދިންނަށް ދެވޭ އެލަވަންސްއަކީ އެ ކުދިންނާއި އެ ކުދިންގެ ޢާއިލާތަކަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމެއްކަން ފާހަގަކޮށް، ޞިއްޙީ ވަޒީރު ވިދާޅުވީ މި ބަލީގައި ދިރިއުޅޭ ކުދިންނަށް ދިމާވާ ޚާއްޞަ ޚަރަދުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މި އެލަވަންސް އެހީތެރިވެދޭނެ ކަމަށެވެ.

