ސްކޫލެގެ އިސްވެރިންގެ ގޮތުގައި ދިވެހި ޤާބިލްފަރާތަށް ތަޢުލީމީ ދާއިރާގެ އިސްވެރިންގެ ގޮތުގައި ނެރުމަށް ސްކޫލްތަކުގެ ޕްރިންސިޕަލުން ތަމްރީން ކުރުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންދިޔުމަށް ނިންމާފައިވާކަމަށް މިނިސްޓަރ އޮފް އެޑިއުކޭޝަން ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެއެވެ.
މިގޮތުން ސަރުކާރުގެ ޚާއްސަ ސްކޮލަރޝިޕެއްގެ ދަށުން ކޮންމެ އަހަރަކުވެސް 20 ޕްރިންސިޕަލުން ތަމްރީން ކުރުމަކީ މިސަރުކާރުގެ އަމާޒެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ބައިވެރިވެޑައިގެން މެމްބަރަކު ކުރެއްވި ސުވާލަކަށް ރައްދު ދެއްވަމުން ޑރ.އާއިޝަތު އަލީ ވިދާޅުވެއްޖެއެެވެ.
މިނިސްޓަރ މިހެން ވިދާޅުވީ، މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް، ޕްރިންސިޕަލުން ނުލިބިގެން އުޅޭ ސަބަބާއި، އަދި ޕްރިންސިޕަލުން ހަރުނުލާ ރަށްރަށާމެދު އަމަލުކުރަން ރާވާފައިވާ ގޮތާ ގުޅޭގޮތުން ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.
މިނިސްޓަރ ފާހަގަކޮށްފައިވާ ގޮތުގައި، ރާއްޖޭގައި އެންމެފަހުން ޕްރިންސިޕަލުން ތަމްރީނުކުރުމަށް ޕްރޮގްރާމެއް ކުރިޔަށް ގެންދެވިފައިވަނީ 2011 ކަމަށެވެ. ނަމަވެސް މިއަހަރު ޚާއްަސަ ސްކޮލަރޝިޕެއްގެ ދަށުން 20 ބޭފުޅުންނަށް ތަމްރީނުވުމުގެ ފުރުޞަތު ހުޅުވާލެވިފައި ވާކަމަށެވެ. މިގޮތުން، ޝަރުޠު ހަމަވާ ފަރާތްތަށް ހޯދުމުގެ މަސައްކަތް މިހާރު ވަނީ ފެށިފައި ކަމަށެވެ. އަދި މިސަރުކާރުގެ ޕްލޭނަކީ އަހަރަކު 20 ޕްރިންސިޕަލުން ތަމްރީނުކުރުން ކަމުގައި އެޑިއުކޭޝަން މިނިސްޓަރ ޑރ.އައިޝަތު އަލީ ވިދޅުވިއެވެ.
މި ސްކޮލާޝިޕަށް ހޮވޭ ފަރާތްތަކަށް ކިޔެވުމުގެ ޚަރަދާއި، މުސާރައާ އެއްވަރުގެ އެލަވަންސްގެ އިތުރުން ދެކޮޅު ޓިކެޓް ދިނުމަށްވަނީ ހަމަޖައްސާފައެވެ. މިސްކޮލާޝިޕަށް ހޮވޭ ފަރާތްތަކުން ކަނޑައެޅޭ ސަރުކާރުގެ ސްކޫލެއްގައި ވަކި މުއްދަތަކަށް، ބޮންޑެއްގެ ދަށުން ޚިދުމަތްކުރުމަށްވަނީ ކަނޑައަޅުއްވާފައެވެ.

