ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގެ އައު ޓާމިނަލުން ޓާކިޝް އެއާލައިނަށް ހިދުމަތް ދޭން ފަށައިފިއެވެ. މިއާއެކު މިހާރު ޖުމްލަ 41 އެއާލައިނަކަށް އައު ޓާމިނަލުން އަންނަނީ ހިދުމަތް ފޯރުކޮށްދެމުންނެވެ.
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ޓާކިޝް އެއާލައިނަށް އައު ޓާމިނަލުން ހިދުމަތް ދޭން ފެށުން ވަނީ ފާހަގަކޮށްފައެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޝަރީފު މުހައްމަދެވެ. މި ރަސްމިއްޔާތުގައި ޓާކިޝް އެއާލައިންގެ ރާއްޖޭގެ ސްޓޭޝަން މެނޭޖަރު އެލިފް އޮޒްޓުރުކް މިނާކް އާއި އެމްއޭސީއެލްގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
ޓާކިޝް އެއާލައިނަށް ހިދުމަތް ދޭން ފެށުމުގެ ގޮތުން އައު ޓާމިނަލުގައި ހުންނަ އެ އެއާލައިނުގެ ކައުންޓަރުތައް ވަނީ ރަސްމީކޮށް ހުޅުވާފައެވެ. އަދި މިއަދު ވީއައިއޭއިން ފުރި އެ އެއާލައިންގެ 227 ފަސިންޖަރުންނަށް ހާއްސަ ހަދިޔާއެއް ދީފައިވާއިރު، ޓީކޭ734 އިން ރާއްޖެއަށް އައި 384 ފަސިންޖަރުންނަށް ސަގާފީ ހަރަކާތްތަކާއެކު ވަނީ ހޫނު މަރުހަބާއެއް ކިޔާފައެވެ.
ނޮވެންބަރު 25، 2012 އިން ފެށިގެން ރާއްޖެއަށް ދަތުރުކުރަމުންދާ ޓާކިޝް އެއާލައިނަކީ ރާއްޖޭގެ ފަތުރުވެރިކަމުގައި މުހިންމު ދައުރެއް އަދާކުރާ އެއާލައިނެކެވެ. އެމްއޭސީއެލްގެ އަމާޒަކީ ވީއައިއޭއަށް ދަތުރުކުރާ ހުރިހާ އެއާލައިނަކަށް އެންމެ ޒަމާނީ މަތީ ފަންތީގެ ހިދުމަތް ފޯރުކޮށްދިނުން ކަމަށް އެ ކުންފުނިން ބުނެއެވެ.

