މި މަހުގެ ނުވަ ވަނަ ދުވަހު ފެށި ހާއްސަ އޮޕަރޭޝަންގެ ތެރެއިން ވޭތުވެދިޔަ 22 ދުވަސް ތެރޭގައި 96 މަސާޖް ޕާލާއެއް ބަންދުކޮށްފައިވާ ކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު އިއުލާން ކުރައްވައިފިއެވެ.
ރައީސް މުއިއްޒު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ހުއްދަ ނަގާފައިވާ ވިޔަފާރީގެ ނަމުގައި ފާހިޝް އަމަލުތައް ހިންގަމުންދާ މަސާޖު ޕާލާތައް ބަންދު ކުރުމަށް ޑިސެންބަރު ނުވައެއްގައި ފެށި އޮޕަރޭޝަންގެ ދަށުން މިއަދާ ހަމަޔަށް 96 ތަނެއް ބަންދުކުރެވިފައިވާ ކަމަށެވެ. މިއީ މުޖުތަމައު އިސްލާހު ކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ކުރިއަށްދާ އޮޕަރޭޝަނެކެވެ.
މިފަދަ ތަންތަން ހިނގަމުންދަނީ އެފަދަ ތަންތަނުގެ ބޭނުން ހިފާ ފަރާތްތައް މުޖުތަމައުގައި ތިބުމުން ކަމަށާއި، އެއީ ހިތާމަޔާ އެކީ ގަބޫލު ކުރަން ޖެހޭ ހަގީގަތެއް ކަމަށް ރައީސް ފާހަގަކުރެއްވިއެވެ. “މުޖުތަމައުން ފާހިޝް ކަންތައްތަކާއި މުންކަރާތްތައް މަދުކުރެވޭނީ މުޖުމަތައުގެ ހާލަތު ބަދަލު ކުރެވޭނީ، އާއްމު ރައްޔިތުންނާއި އެންމެހާ ފަރާތްތަކެއްގެ ނިޔަތާއި އަމަލު އެފަދަ ކަންކަމުގައި އެއްގޮތްވެގެން،” ރައީސް ވިދާޅުވިއެވެ.
ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން ކުރިއަށްގެންދާ މި އޮޕަރޭޝަންތަކުގައި ގިނަ އަދަދެއްގެ ބިދޭސީންވެސް ވަނީ ހިފަހައްޓާފައެވެ. އިމިގްރޭޝަނުން ބުނެފައިވާ ގޮތުގައި މި ތަންތަނުން ހިފަހައްޓާ ބިދޭސީން ޑީޕޯޓް ކުރުމުގެ މަސައްކަތް ކަމާ ގުޅުން ހުރި އިދާރާތަކުން ދަނީ ކުރަމުންނެވެ.
ސަރުކާރުން އަންނަނީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންނާއި، ވިޔަފާރީގެ ނަމުގައި ހިންގާ ނުރަނގަޅު ހަރަކާތްތައް ހުއްޓުވުމަށް މާލެ ސަރަހައްދުގައި ވަރުގަދަ އޮޕަރޭޝަންތަކެއް ހިންގަމުންނެވެ.

