ރުޤްޔާ ކުރުމުގެ ނަމުގައި އަންހެނަކާއި ކުޑަކުދިންތަކަކަށް ޖިސްމާނީ ހާނިކަކޮށް، ޖިންސީ ގޯނާކުރި މައްސަލައެއްގައި ދައުވާ ލިބޭ މީހަކު 25 އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން މިއަދު ޙުކުމްކޮށްފިއެވެ. މި މައްސަލައަކީ 2020 ވަނަ އަހަރުގެ ތެރޭގައި އެކި ދުވަސްމަތިން އަންހެނަކާއި 18 އަހަރު ނުފުރޭ ތިން ކުދިންނަށް ރުޤްޔާ ކުރުމުގެ ނަމުގައި އަނިޔާކުރި މައްސަލައެކެވެ.
މި މައްސަލާގައި ދައުވާ އުފުލާފައިވަނީ ރ. ކަނދޮޅުދޫ، ދިލްސާދުއާގެ މުޙައްމަދު އަޞީލް އާއި އެ ރަށު މިރިހިމާގެ އިސްމާޢީލް ވަޙީދުގެ މައްޗަށެވެ. މި ދެ މީހުންގެ މައްޗަށް ދައުވާކުރުމަށް ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވަނީ 30 ޑިސެންބަރު 2020 ގައެވެ. ކޯޓުން މިއަދު ވަނީ މި މައްސަލާގައި ހިމެނޭ 12 ދައުވާވެސް ސާބިތުވާކަމަށް ކަނޑައަޅާފައެވެ.
މުޙައްމަދު އަޞީލްގެ މައްޗަށް އިއްވި 25 އަހަރާއި 10 މަހާއި 24 ދުވަހުގެ ޖަލު ހުކުމުގެ ތަފްސީލަށް ބަލާއިރު، ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން އަތްލުމުގެ ދައުވާއަށް 11 އަހަރު، އަދި ކުޑަކުއްޖެއްގެ ކުރިމަތީގައި ޖިންސީ އަމަލެއް ހިންގުމުގެ ދައުވާއަށް 7 އަހަރުގެ ޖަލު ހުކުމެއް ވަނީ އިއްވާފައެވެ. މީގެ އިތުރުން ޖިންސީ ގޯނާކުރުމާއި، ކުޑަކުއްޖަކު އެކްސްޕްލޮއިޓް ކުރުމާއި، ހުއްދަނޫން ގޮތުގައި މީހުން ހިފެހެއްޓުމާއި، އަނިޔާ ދިނުމުގެ ކުށްވެސް އޭނާގެ މައްޗަށް ވަނީ ސާބިތުވެފައެވެ.
މި މައްސަލާގައި ދެން ހިމެނޭ އިސްމާޢީލް ވަޙީދުގެ މައްޗަށް ސާބިތުވެފައިވަނީ ކުޑަކުއްޖަކާމެދު އިހުމާލުވުމުގެ ކުށާއި، އެކްސްޕްލޮއިޓޭޝަންގެ އަމަލެއް ހިންގާކަން އެނގިހުރެ ރިޕޯޓްނުކުރުމުގެ ކުށުގެ އިތުރުން، ހުއްދަނޫން ގޮތުގައި މީހުން ހިފެހެއްޓުމާއި ގައިގައި އަތްލުމުގެ ދައުވާތަކެވެ. މި ކުށްތަކާ ގުޅިގެން އޭނާ 6 އަހަރާއި 9 މަހާއި 18 ދުވަހަށް ޖަލަށްލުމަށް ކޯޓުން ވަނީ ހުކުމްކޮށްފައެވެ.
މި މައްސަލައަކީ ދީނީ ކަންކަމުގެ ނިވާފަތްގަނޑުގައި ތިބެ ކުޑަކުދިންނާއި އަންހެނުންނަށް ކުރާ މިފަދަ އަނިޔާތަކާ ދެކޮޅަށް ދައުލަތުން ހަރުކަށި ފިޔަވަޅު އަޅަމުންދާކަން ހާމަވެގެންދިޔަ މައްސަލައެކެވެ. ކޯޓުގެ މި ނިންމުމާއެކު މި މައްސަލައިގެ ޝަރީޢަތް މިވަނީ ނިމުމަކަށް އައިސްފައެވެ.

