ސައުދީ އަރަބިއްޔާއަށް އުމުރާގެ އަޅުކަން އަދާކުރުމަށް ގޮސް އުޅުނު ދިވެހި ފިރިހެނަކު ކުއްލި ގޮތަކަށް ރޭގެ ވަގުތެއްގައި ނިޔާވެއްޖެއެވެ. މި ހާދިސާގައި ނިޔާވެފައި ވަނީ މ. ސައްކެޔޮމާގެ، މުހައްމަދު އިމްތިޔާޒެވެ.
މުހައްމަދު އިމްތިޔާޒަކީ އަލް މަނާސިކް ގްރޫޕްގެ ހަވާލުގައި އުމްރާގެ އަޅުކަމަށް ދިޔަ މީހެކެވެ. އެ ގްރޫޕްގެ އޮފިޝަލަކު މައުލޫމާތު ދެއްވި ގޮތުގައި، އޭނާ ނިޔާވީ ޒިޔާރަތް ދަތުރުތައް ނިންމުމަށްފަހު، އުމްރާގެ އަޅުކަމުގެ ތެރެއިން ސަފާ އާއި މަރުވާގައި އުޅެނިކޮށް ހޭނެތިގެން ވެއްޓިގެންނެވެ.
އެ ގްރޫޕްގެ އޮފިޝަލް ވިދާޅުވީ، އިމްތިޔާޒް ވެއްޓުމާއެކު ވަގުތުން ހޮސްޕިޓަލަށް ގެންދެވުނު ކަމަށެވެ. “ވަގުތުން ހޮސްޕިޓަލަށް ގެންދިޔަ، ހޮސްޕިޓަލުން އަޅުގަނޑުމެންނަށް ގުޅާފައި އެންގީ ގާތްގަނޑަކަށް 6:30 ހާއިރު ހާޓް އެޓޭކެއް ކަަމަށް،” އޮފިޝަލް ވިދާޅުވިއެވެ.
ނިޔާވި މުހައްމަދު އިމްތިޔާޒްގެ ހަށިގަނޑު ރޭގެ ވަގުތެއްގައި މައްކާގައި ވަނީ ވަޅުލައިފައެވެ. ކޮންމެ އަހަރަކުވެސް ސްކޫލް ބަންދާ ދިމާކޮށް ގިނަ އަދަދެއްގެ ދިވެހިން އުމްރާގެ އަޅުކަމަށް ސައުދީ އަރަބިއްޔާއަށް ދަތުރުކުރެއެވެ.

