ށ. ފުނަދޫ އެއަރޕޯޓަށް ރޭގަނޑު ދަތުރުތައް ފެށުމުގެ ކުރިން ބާއްވަންޖެހޭ އެންމެ ފަހުގެ ޓެސްޓް ފްލައިޓް ކާމިޔާބުކަމާއެކު ބާއްވައިފިއެވެ. ގައުމީ އެއަރލައިން، މޯލްޑިވިއަންގެ މި ޓެސްޓް ފްލައިޓް ފުނަދޫ އެއަރޕޯޓުގައި ޖައްސާފައިވަނީ އިއްޔެ އިރުއޮއްސި 7:30 ހާއިރުއެވެ.
މި ދަތުރުގައި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)، މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީ އަދި އައިލެންޑް އޭވިއޭޝަން ސާވިސަސް ލިމިޓެޑްގެ އިސް އޮފިޝަލުން ބައިވެރިވެވަޑައިގެންނެވިއެވެ. އިއްޔެ ބޭއްވި ޓެސްޓް ފްލައިޓަށްފަހު، މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީން މިހާރު ވަނީ ފުނަދޫ އެއަރޕޯޓަށް ރޭގަނޑު ދަތުރުތައް ކުރުމުގެ ރަސްމީ ހުއްދަ ދީފައެވެ.
ފުނަދޫ އެއަރޕޯޓް އިތުރަށް ތަރައްގީކޮށް ރޭގަނޑުގެ ދަތުރުތައް ފެށުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅެކެވެ. މި ވައުދުފުޅުގެ ދަށުން އެއަރޕޯޓުގެ ހިދުމަތް ފުޅާކުރުމުގެ މަޝްރޫއު އެމްއޭސީއެލްއާ ހަވާލުކޮށް، އަމަލީ މަސައްކަތް ފަށާފައިވަނީ މިދިޔަ އޮކްޓޫބަރު މަހުގެ 15 ވަނަ ދުވަހު ރައީސް އެ އަތޮޅަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިންނެވެ.
އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ މި އަހަރު ނިމުމުގެ ކުރިން ފުނަދޫ އެއަރޕޯޓުގައި ލައިޓުތައް ޖަހައި ރޭގަނޑު ދަތުރުތަކަށް ތައްޔާރުކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. މިއީ 2020 ވަނަ އަހަރު ހުޅުވި މި އެއަރޕޯޓުގެ ހިދުމަތްތައް ފުޅާކުރުމަށް ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ.
މި މަޝްރޫއުގެ ދަށުން އެއަރޕޯޓުގައި ޒަމާނީ ފެންވަރުގެ ލައުންޖެއް ހެދުމާއި، ރެސްޓޯރެންޓަކާއި، ޓާމިނަލްގެ ފެންވަރު މަތިކުރުމުގެ އިތުރުން ބެގޭޖް ކޮންވެޔޯ ބެލްޓް ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ. މީގެ އިތުރުން ރަންވޭގެ ދިގުމިން އިތުރުކުރުމަށްވެސް ވަނީ ނިންމާފައެވެ.

