ތެލަސީމިއާ ކުދިންނަށް ޚާއްޞަ ކޮށްގެން ދައުލަތުން ދޭން ނިންމާފައިވާ މާލީ އެހީތެރިކަމަށް ނުވަތަ އެލަވަންސަށް އެދި ހުށަހެޅުމުގެ ފުރުޞަތު މިއަދުން ފެށިގެން ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) އިން ހުޅުވާލައިފިއެވެ. މި އެލަވަންސަކީ ތެލަސީމިއާ ކުދިންގެ ފަރުވާގެ ނިޒާމު ހަރުދަނާކޮށް، އެ ކުދިންނަށް އާންމު ދިރިއުޅުމެއް އުޅުމަށް މަގުފަހިކޮށްދިނުމަށް ސަރުކާރުން ނިންމާފައިވާ ނިންމުމެކެވެ.
ތެލަސީމިއާ އެލަވަންސް ދިނުމާ ގުޅޭގޮތުން އެކުލަވާލާފައިވާ ޤަވާއިދުގައިވާ ގޮތުން، މި އެލަވަންސަށް އެދި ހުށަހަޅާ ކޮންމެ ފަރާތަކަށް މަހަކު 2,000 ރުފިޔާ ދިނުމަށް ވަނީ ކަނޑައަޅާފައެވެ. މި އެލަވަންސް ދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާން ކުރެއްވީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައެވެ.
މި އެލަވަންސް ދިނުމަށް ހަމަޖެހިފައިވަނީ ތެލަސީމިއާ އެންޑް އަދަރ ހިމޮގްލޮބިނޯޕަތީސް ސެންޓަރުގައި ބަލަހައްޓަމުން އަންނަ ތެލަސީމިއާ ހުންނަ މީހުންގެ ޤައުމީ ދަފްތަރުގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށެވެ. އެލަވަންސަށް އެދި ހުށަހަޅާ އެޕްލިކޭޝަން އެޕްރޫވްވުމުން، ޖެހިގެން އަންނަ މަހުން ފެށިގެން އެލަވަންސް ލިބެން ފަށާނެއެވެ. އެލަވަންސަށް އެދޭ ފަރާތަކީ 18 އަހަރު ނުފުރޭ ކުއްޖެއްނަމަ، ފޯމުގައި ބެލެނިވެރިޔާގެ މަޢުލޫމާތު ހިމަނަންޖެހޭނެއެވެ.
ޤަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުން، ތެލަސީމިއާ ސެންޓަރުން ތެލަސީމިއާ ހުންނަ މީހުންގެ ޚާއްޞަ ދަފްތަރެއް ބަލަހައްޓަންޖެހެއެވެ. މި ދަފްތަރުގައި ކުދިންގެ އުމުރުފުރާތަކާއި، ތެލަސީމިއާގެ ބާވަތާއި، ފަރުވާއާ ގުޅޭ މުހިންމު ތަފްސީލުތަކުގެ އިތުރުން ޞިއްޙީ މިންގަނޑުން ފަރުވާ ހޯދަންޖެހޭ ކަމަށް ކަނޑައަޅާފައިވާ މިންގަނޑުތައް ހިމަނަންޖެހެއެވެ.
އެލަވަންސް ދިނުން ހުއްޓާލާނެ ހާލަތްތަކުގެ ތެރޭގައި، ތެލަސީމިއާ ސެންޓަރުގެ ޞިއްޙީ މިންގަނޑުން ބަލައި އިތުރަށް ފަރުވާކުރަން ނުޖެހޭ ކަމަށް ކަނޑައެޅުން، އެލަވަންސް ލިބޭ ފަރާތް ނިޔާވުން، ނުވަތަ އެލަވަންސް ބޭނުންނުވާކަމަށް ލިޔުމުން އެދުން ހިމެނެއެވެ. ނަމަވެސް، ފަރުވާ ހޯދުން ހުއްޓާލާފައިވާ ކުއްޖެއްގެ ޙާލަތު ބަދަލުވެ، އަލުން ފަރުވާ ހޯދަންޖެހޭ ކަމަށް ސެންޓަރުން ކަނޑައަޅައިފިނަމަ، އަލުން އެލަވަންސް ދޭން ފަށާނެއެވެ.
ސަރުކާރުގެ މި ނިންމުމަކީ ތެލަސީމިއާ ކުދިންނަށް ދިމާވާ މާލީ ދަތިތަކަށް ލުޔެއް ހޯދައިދީ، އެ ކުދިންނަށް ބޭނުންވާ ފަރުވާގެ ކަންކަން ފަސޭހަކަމާއެކު ކުރިއަށް ގެންދިއުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.

