ޒަކާތުގެ ޤާނޫނުގެ ދަށުން، އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ދަށުން ހިނގަމުންދާ އިދާރާއެއްގެ ގޮތުގައި، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، މިއަދު މޯލްޑިވްސް ޒަކާތު ހައުސް ޤާއިމުކުރައްވައިފިއެވެ. މިއާއެކު، ޒަކާތުގެ ޤާނޫނަށް ޢަމަލުކުރަން ފެށުމުގެ ކުރިން އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ދަށުން ހިނގަމުން އައި މޯލްޑިވްސް ޒަކާތު ހައުސް، މިއަދުން ފެށިގެން ވަނީ އުވާލައްވާފައެވެ.
ޒަކާތުގެ ފުރަތަމަ ޤާނޫނު ރައީސުލްޖުމްހޫރިއްޔާ ތަސްދީޤު ކުރެއްވީ، ނިމިދިޔަ 2025 ވަނަ އަހަރުގެ ޑިސެންބަރު 6 ވަނަ ދުވަހުއެވެ. އަދި މި ފެށުނު އާ އަހަރާއެކު، މި ޤާނޫނަށް ޢަމަލުކުރަން ފެށޭނެއެވެ. މި އާ އޮނިގަނޑުގެ ދަށުން ޒަކާތުގެ ކަންކަން ބެލެހެއްޓުމަށް ހަމަޖެހިފައިވަނީ މިހާރު ތަސްދީޤުކުރެވިފައިވާ ޤާނޫނީ އުޞޫލުތަކުގެ މަތިންނެވެ.
ޤާނޫނުގެ މަޤުޞަދުތައް
މި ޤާނޫނަކީ، އިސްލާމްދީނުގައި ޒަކާތް ޝަރުޢު ކޮށްފައިވާ މަޤުޞަދުތައް ޙާސިލު ކުރެވޭނެ ގޮތެއްގެ މަތިން ޒަކާތުގެ ކަންކަމާ ގުޅޭ ޤާނޫނީ އޮނިގަނޑެއް އެކުލަވާލުމަށް އެކުލަވާލާފައިވާ ޤާނޫނެކެވެ. މީގެ އިތުރުން، ޤާނޫނުގެ ދަށުން ދައްކަންޖެހޭ ޒަކާތުގެ ބާވަތްތަކާއި، ޒަކާތް ދެއްކުން ލާޒިމުވާ ފަރާތްތަކާއި، ޒަކާތް ދެއްކުން ލާޒިމުވާ މުދަލުގެ ބާވަތްތައް ކަނޑައެޅުމަކީވެސް މި ޤާނޫނުގެ މުހިންމު މަޤުޞަދެކެވެ.
މީގެ އިތުރުން ދިރިއުޅުމުގެ ހަމަހަމަކަމާއި، އިޖުތިމާޢީ ފުދުންތެރިކަން އިތުރުކުރުމަށްޓަކައި ޒަކާތުގެ ގޮތުގައި ލިބޭ މުދަލާއި ފައިސާގެ ބޭނުން ފުރިހަމަ ގޮތުގައި ހިފޭނެ ގޮތެއްގައި މަތިން ޒަކާތުގެ ގޮތުގައި ލިބޭ މުދަލާއި ފައިސާ ބެހުމާއި، އެ ފައިސާ ބޭނުންކުރުމާ ގުޅޭ ޢާންމު އުޞޫލުތައް މި ޤާނޫނުގެ ދަށުން ކަނޑައެޅިގެންދާނެއެވެ.
މި އާ އިދާރާ ޤާއިމުކުރެއްވުމާ ގުޅިގެން، ރާއްޖޭގެ ޒަކާތުގެ ނިޒާމު އިތުރަށް ހަރުދަނާވެ، ޒަކާތުގެ ފައިސާ އޭގެ ޙައްޤުވެރިންނަށް ފޯރުކޮށްދިނުމުގައި މިހާރަށްވުރެ ހަރުދަނާ އަދި ދެފުށް ފެންނަ ނިޒާމެއް ޤާއިމުވެގެންދާނެ ކަމަށް ބެލެވެއެވެ.

