މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ ދަށުން ހިންގާ ހުރިހާ އެއާޕޯޓްތަކެއްގެ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށްޓަކައި ގިނަ މަސައްކަތްތަަކެއް ކުރަމުންދާ ކަމަށް އެ ކުންފުނީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް މުހައްމަދު ވިދާޅުވެއްޖެއެވެ.
އާ އަހަރުގެ ތަހުނިޔާ ފޮނުއްވަމުން ޝަރީފް ވިދާޅުވީ، ނިމިދިޔަ އަހަރަކީ އެމްއޭސީއެލް އަށް ވަރަށް ކާމިޔާބު އަހަރެއް ކަމަށެވެ. މިގޮތުން ޒަމާނީ ގިނަ ވަސީލަތްތަކާ އެކު ދިވެހި ރައްޔިތުންނާއި ފަސެންޖަރުންނަށް ދެމުންގެންދާ ހިދުމަތްތައް ހަލުވިކޮށް، ހަރުދަނާ ކުރުމަށްޓަކައި ގިނަގުނަ މަސައްކަތްތަކެއް ކުރެވުނު އަހަރެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ތަރައްގީއަށް އަލިއަޅުވާލައްވަމުން ޝަރީފް ވިދާޅުވީ، “2025 ވަނަ އަަހަރަށް އަލްވަދާއު ކިޔަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ އާ ޓާމިނަލް ހުޅުވި ހުރިހާ އެއާލައިންތަކެއް އެތަނަށް ބަދަލުވެ ހިދުމަތް ދޭން ފެށުމާއި އެކު، އަދި ހަނިމާދޫ އިންޓަނޭޝަނަލް އެއަޕޯޓް ހުޅުވި ގިނަ ވަސީލަތްތަކާއެކު ހިދުމަތް ދޭން ފެށިފައިވޭ،” ކަމަށެވެ.
ޝަރީފް އިތުރަށް ވިދާޅުވީ، އެމްއޭސީއެލްގެ ދަށުން ހިންގާ ހުރިހާ އެއާޕޯޓްތަކެއްގެ ހިދުމަތުގެ ފެންވަރު މަތިކުރުމަކީ ކުންފުނިން ވަރަށް ބޮޑު އިސްކަމެއްދޭ ކަމެއް ކަމަށެވެ. އަދި ކުރިއަށް އޮތް އަހަރަކީ މިއަށްވުރެ ކާމިޔާބު އަހަރަކަށް ހެދުމަށް މުވައްޒަފުންގެ އެއްބާރުލުން ލިބޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ.
“2026 ވަނަ އަހަރަކީ މިއަށްވުރެ ކާމިޔާބު އަހަަރަކަށް ހެދުމަށްޓަކައި ހުރިހާ މުވައްޒަފުންގެ އެއްބަރުލުމާއި އެހީތެރިކަން ދޭނެ ކަމާއި މެދު ކުޑަވެސް ޝައްކެއް ނުކުރަން،” ޝަރީފް ވިދާޅުވިއެވެ.

