ފުވައްމުލަކު ސިޓީގެ އުތުރުން 4 މޭލު ބޭރުން ދަތުރުކުރަމުން ދަނިކޮށް، ދިޔަވަމުން ދިޔަ މުދާ އުފުލާ ބޯޓަކަށް އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑުން މިއަދު އެހީތެރިކަން ފޯރު ކޮށްދީފި އެވެ.
އެމްއެންޑީއެފްއިން މަޢުލޫމާތު ދެއްވި ގޮތުގައި، “ހަވާސާ” ނަމަކަށް ކިޔާ މި ބޯޓަށް ދިޔަވާކަމުގެ ރިޕޯޓު ލިބިފައި ވަނީ މިއަދު މެންދުރު 12:23 ހާއިރު އެވެ. މި މަޢުލޫމާތު ލިބުމާއެކު، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ފޯތު ސްކޮޑްރަންގެ ސިފައިންނާއި، ފުވައްމުލަކު ފަޔަރ ސްޓޭޝަނުގެ ފަޔަރ ފައިޓަރުންގެ އިތުރުން ފުވައްމުލަކު ޕޯސްޓުގެ ސިފައިން ވަނީ ޕަންޕާ އެކު އެ ސަރަހައްދަށް ގޮސް ހަރަކާތްތެރިވާން ފަށާފައެވެ.
މި ބޯޓު ފުވައްމުލަކު ސިޓީ ބަނދަރަށް ވަނުމުން، މިއަދު 13:10 ހާއިރު ދިޔަ ހިއްކުމުގެ މަސައްކަތް ވަނީ ފަށާފައެވެ. އެމްއެންޑީއެފްއިން ވިދާޅުވީ ބޯޓުގައި ބޮޑުވި ދިޔަގަނޑު އެއްކޮށް ހިއްކައި ނިމިފައި ވަނީ މިއަދު މެންދުރުފަހު 14:10 ހާއިރު ކަމަށެވެ.
މި ބޯޓަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތުގައި އެމްއެންޑީއެފްގެ އިތުރުން މޯލްޑިވްސް ސަރވިސްއިން ވެސް އަމަލީގޮތުން ބައިވެރިވެ، އެހީތެރިކަން ފޯރުކޮށްދީފައިވާކަން އެމްއެންޑީއެފްއިން ވަނީ ފާހަގަކުރައްވާފައެވެ.

