ހުކުރު ހުތުބާ ލިޔާ މައުޟޫއުތަކާ މެދުގައި ރައްޔިތުންގެ ހިޔާލު ހޯދަން ބޭނުންވާތީ އެކަމުގައި ރައްޔިތުންނަށް ހިޔާލު ދެވޭނެ ގޮތް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އިން މިއަދު ހަމަޖައްސައިފިއެވެ.
އިސްލާމިކް މިނިސްޓްރީން ވިދާޅުވީ، ހުކުރު ހުތުބާ ލިޔާ މައުޟޫއުތަކަކީ ރައްޔިތުންނާ ގުޅުންހުރި އަދި ރައްޔިތުން ބޭނުންވާ މައުޟޫއުތަކަކަށް ހެދުމަށްޓަކައި އާންމުންގެ ހިޔާލު ހޯދުމަކީ މުހިންމު ކަމެއް ކަމަށް ދެކޭ ކަމަށެވެ. އެހެންކަމުން، މި އަހަރުގެ ތެރޭގައި ހުތުބާ ލިޔުމަށް އާންމު ރައްޔިތުން ބޭނުންވާ މައުޟޫއުތައް ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ.
މި އަހަރުގެ ހުކުރު ހުތުބާތަކުގައި އަޑުއަހަން ބޭނުންވާ މައުޟޫއުތައް ހުށަހެޅުމަށް މިނިސްޓްރީން އެދިފައިވަނީ އެ މިނިސްޓްރީގެ ފޭސްބުކް ޕޭޖުގައި ކޮށްފައިވާ ޕޯސްޓަށް ކޮމެންޓް ކުރުމުގެ މެދުވެރިކޮށެވެ. މިއީ ހުތުބާގެ މައުޟޫއުތައް ކަނޑައެޅުމުގައި ރައްޔިތުންގެ ބައިވެރިވުން އިތުރުކުރުމަށް އެޅުނު ފިޔަވަޅެކެވެ.
އިސްލާމިކް މިނިސްޓްރީން މި ފުރުސަތު ހުޅުވާލުމާއެކު، ގިނަ އަދަދެއްގެ ރައްޔިތުން ދަނީ އެކި ދާއިރާތަކުން ހުތުބާ ލިޔުމަށް ބޭނުންވާ މައުޟޫއުތައް ހުށަހަޅަމުންނެވެ. މީގެ ތެރޭގައި އިޖުތިމާއީ އަދި ދީނީ ގޮތުން މުހިންމު ކަންކަން ހިމެނޭކަން ފާހަގަކުރެވެއެވެ.

