އެހެންމީހުންނަށް ފައިދާ ކުރަނިވި ކަމެއް ކޮށްދިނުމަކީ ހަގީގަތުގައިވެސް ނޭނގޭ އުފަލެއް އިހުސާސް ކޮށްދޭ ކަމެކެވެ. ތިމާއާއި އެހެންމީހުންނަށްވެސް އޭގެއިން މަންފާއެއް ކުރާނެ ފަދަ ކަމެއް އުފެއްދުމުގެ ހިޔާލު އައިކަމުގައިވިޔަސް އެކަމަށް އަމަލީ ސިފަ ގެނައުމަކީ ފަސޭހަ އަދި ކޮންމެ މީހަކަށް ކުރެވޭނެ ކަމެއްވެސް ނޫނެވެ. މިއަދު އަޅުގަނޑުމެންގެ މެހްމާނަކީ އެތައް ގިނަ ގޮންޖެހުންތަކާއި ދަތިތަކުލީފުތަކާ ކުރިމަތިލުމަށްފަހު، ކާމިޔާބީގެ ފުރަތަމަ ހަރުފަތުގައި ފިޔަވަޅު ހަރުދަނާ ކޮށް، އަމާޒަށް ވާސިލުވި ފަރާތެކެވެ. ދިވެހިންގެ ތެރޭގައި އާމްދަނީ ހޯދުމަށް ފަސޭހަ، މުޅިން އައު އަދި އެހާމެ މުހިންމު "ޕްލެޓްފޯމެއް" ތައާރަފު ކޮށްދިން ފަރާތެވެ.
އައްޑޫސިޓީ ފޭދޫ އަށް އުފަން ދީމާ ފާކިރަކީ ދިވެހިރާއްޖޭގެ އެންމެ ފުރަތަމަ ފްރީލާންސާ އެޕް ތައާރަފް ކުރި ފަރާތެވެ. ދުނިޔޭގެ އެހެން ގައުމުތަކުގައި، މަސައްކަތް ހޯދަން ބޭނުންވާ ފަރާތްތަކަށް އެމަގު ފަހި ކޮށްދޭނެ އެތައް ޕްލެޓްފޯމެއް ތިބިނަމަވެސް ރާއްޖެއަކީ މިފަދަ އެއްވެސް ޕްލެޓްފޯމެއް އޮތް ގައުމެއް ނޫނެވެ. އެހެންނަމަވެސް މިއަދަށްފަހު ފަސޭހައިން އިތުރު އާމްދަނީ ހޯދާނެ މަގެއް ހުޅުވިގެންދާނެއެވެ. ދީމާގެ "ޓާސްކިން އެޕް" މިއަދު ހަވީރު ލޯންޗު ކުރުމަށް ނިންމާފައިވާއިރު، މި އެޕްގެ އިންތިޒާރުގައި ތިބި މީހުން ގިނަކަން ފާހަގަކޮށްލަމެވެ.
ހުވަދޫމީޑިއާ އަށް ދީމާ އޭނާ މިމަންޒިލާ ހަމައަށް ވާސިލު ވުމަށް ކަޑައްތު ކުރި ރާސްތާ ކިޔައިދެމުން ދިޔައިރު އެންމެ ބޮޑަށް ފާހަގަވި ކަމަކީ ކަމަށް އޭނާގެ ހުރި ޝައުޤާއި ލޯތްބެވެ. ތެދަށް ބުނާނަމަ ދީމާގެ ބަސްތަކުން "ޓާސްކިން އެޕް"އަށް އޮތް އުއްމީދާއި ދެކޭ ހުވަފެންތައް ބޮޑުކަން ހާމަވެގެންދިޔައެވެ.
ދީމާގެ ޓާސްކިން އެޕް އުފެދިގެން އައި ގޮތް
އެންމެ ފުރަތަމަ ޓްރާންސް މޯލްޑިވިއަން އެއަރވޭޒްގެ ގެސްޓް ރިލޭޝަންސް އޮފިސަރެއްގެ ގޮތުގައި ވަޒީފާ އަދާ ކުރި ދީމާއަށް ހިއުމަން ރިސޯސްގެ ދާއިރާއިން ތައުލީމު ހާސިލު ކުރުމުގެ ފުރުސަތު ލިބުމުން އޭނާ ހިޔާރު ކުރީ އެދާއިރާއެވެ. ރިސޯޓުގެ އެހީތެރިކަމާއެކު މެޕްސް ކޮލެޖުން ހިއުމަން ރިސޯސަސްގެ ދާއިރާއިން އެސޯސިއޭޓް ޑިގްރީއެއް ހާސިލުކުރުމުގެ ފުރުސަތަކީ ދީމާގެ ހަގީގީ ކެރިއަރ ގެ ފެށުމެވެ.
"ޓާސްކިން އެޕް" އުފެއްދުމުގެ ހިޔާލު ދީމާއަށް އައީ މުޅި ދުނިޔެއަށް ކުރިމަތިވި ކޮވިޑުގެ ނުރައްކާތެރި އަދި އެހާމެ ދަތި ދުވަސްވަރުގައެވެ. އެ ދުވަސްވަރު ފަތުރުވެރިކަމުގެ ދާއިރާއާއި އެހެނިހެން ހިދުމަތްދޭ ދާއިރާތަކުން ގިނަ ބައެއްގެ ވަޒީފާ ގެއްލިގެން ދިޔަ މަންޒަރު ދީމާ ވަރަށް ގާތުން ދުށްޓެވެ.
އެދުވަސްވަރު ޚުދު ދީމާވެސް ދިޔައީ ނަސީބާއި ތަގުދީރާ ހަނގުރާމަ ކުރަމުންނެވެ. އެއީ ދީމާއަށްވެސް އެންމެ ދަތިވި ވަގުތެވެ. އަދި އެވަގުތު އޭނާއަށް އެތަކެއް ތަޖުރިބާތަކެއް ކުރެވުނު ހިތްދަތި މަންޒަރެއް ވަރަށް ގާތުން ފެނުނެވެ. ވަޒީފާތަކުން މަހުރޫމުވެ، އުޅޭ ބޯހިޔާވައްސަށް ކުލި ނުދެއްކި މީހުން އުޅުނު ހާލު ފެނުން ވީ ދީމާގެ ހިތުގެ ކަނެއްގައި އަލި ވޮށެއް ދިއްލެން މެދުވެރިވި ސަބަބަކަށްވެސްމެއެވެ.

ދީމާގެ އުއްމީދުތައް ފުރިހަމަވެގެން މިއައީ އެތައް ގޮންޖެހުމަކަށްފަހު އެތައް ހިތްވަރަކާއެކު—-ފޮޓޯ:ދީމާ
ކޮވިޑުގެ ތަދުކަމާއެކު ދިވެހިންގެ ދިރިއުޅުމަށް ވަރަށްވެސް ގިނަ ބަދަލުތަކެއް އައެވެ. އޭގެ ތެރޭގައި އެންމެ ބޮޑަށް ފާހަގަވެގެންއައި ބަދަލަކީ އޮންލައިން ކަންކަން އާންމުވެގެން ދިއުމެވެ. އޮންލައިން ވިޔަފާރިއާއި އޮންލައިން ޓިއުޝަނާއި ކޯސް އަދި ބައެއްކަހަލަ ވަޒީފާތައްވެސް އޮންލައިން ވާން ފެށިއެވެ. އަދި ކޮވިޑުގެ ބަންދުން ފިލިއިރު ބައެއް ކަންކަން އޮތީ އޮންލައިންކޮށް "ތަންހަރު" ވެފައެވެ. ބައެއް މީހުންނަށް އެއީ މާރަނގަޅު ގޮތެއްކަމަށް ފާހަގަ ވެގެން އެގޮތުގައި ދެމި ތިބުމަށް އިތުރު މަގުތައް ކޮށަން ފެށިއެވެ. ކޮންމެ އަޑިގަޑަކަށްފަހު އުސްގަނޑެއް އަންނަ ގޮތަށް ކޮވިޑުގެ ތަދުމަޑުކަމުގެ ފަހަތުން ދެން އައީ ތަރައްގީގެ އަލިކަމެކޭ ބުނުމަކީ ގޯހަކަށް ނުވާނެއެވެ.
ދީމާ ވެސް އޭނާގެ އުއްމީދުތަކަށް ކުލަ ގެނައުމުގެ މަސައްކަތް ފެށިއެވެ. ހުވަފެނެއް ދުށުމަކުން އަދި ސީދާ ނުވާނެތާއެވެ. އެކަމަށް މަސައްކަތްވެސް ކުރަން ޖެހޭނެތާއެވެ.
"ގޭގައި މެޝިން ކަހަލަ އެއްޗެއް ހަލާކުވުން ކަހަލަ ކަމެއްވިޔަސް އެކި އެކި ވެބްސައިޓްތަކާ އެޕްތައް ސާޗް ކުރަން މިޖެހެނީ، ގިނަފަހަރު ނުލިބިފައި އޮންނަނީ، އެގޮތަށް ކަންތައް ވާތީ ހިތަށް އަރާ އަބަދުވެސް މިކަހަލަ ޕްލެޓްފޯމެއް އޮންނަން ޖެހެއޭ އަސްލު، ދެން އެކަމަކުވެސް 2023 އައިއިރުވެސް ބަޔަކު އެކަހަލަ އެޕެއް ތައްޔާރެއް ނުކުރި، އައިބޭ ނޫން އެހެން ގޮތެއް ހަމަ ނެތް، ދެން ހިތަށް އެރީ ބަޔަކު ނުކުރި ނޫންހޭ، އަމިއްލައަށް ފަށަންވީއޭ،" ދީމާ ހިނިތުންވެލަމުން ކިޔައިދިނެވެ.
ދީމާ ބުނީ ތެދެކެވެ. އަވަސް ރައިޑް، އަވަސް ފުޑް އެޕް އިން ހިދުމަތް ހޯދާ މީހުން މިއަދު ގިނައެވެ. އެކަމަކު އެއީ ވަކި ހާއްސަ ބައަކަށް އޮތް އެޕެކެވެ. އާންމު ދިރިއުޅުމަށް ބޭނުންވާ ހިދުމަތްތައް ހޯދަން އަޅުގަނޑުމެން އެންމެން ވެސް މިފީނަނީ އައިބޭ، ، ވައިބާ، ފޭސްބުކް، ފަދަ މަންސަތަކުގައެވެ. ގިނަ ފަހަރަށް ވަރަށް މުހިންމުވެގެން ކުއްލިއަކަށް ޖެހޭ ކަމަކަށް ހައްލު ނުލިބި މުޅި އެދުވަހާއި އެރެއެއް ހޭދަވެގެންދާއިރުވެސް އެކަމެއް ނުވެފައި ތިބެން ޖެހޭ ފަހަރު މަދެއް ނޫނެވެ. އެހެންކަމުން ދީމާގެ މި ފިޔަވަޅާއެކު އެތައް ބަޔަކަށް ފަސޭހަތަކެއް ލިބިގެންދާނެކަން ހަމަ ޔަގީނެވެ.
"ފުރަތަމަ ފެށި އިރު، އެޕް ޑިވެލޮޕްކުރުން ފިޔަވާ، އަމިއްލައަށް ގިނަ ކަންތައް ކުރީ، ވަރަށް ރަނގަޅު ފީޑްބްކެ ރިސާޗުން ދެއްކީ،" ދީމާ ކިޔައިދިން ގޮތުގައި އޭނާ މިކަން ކުރީ ފުރިހަމަ ދިރާސާތަކާއި ހިޔާލުތައް ހޯދައި ބުރަވާ ކޮޅުވެސް ބަލާފައެވެ. ހަމަ ކަމަކަށް ކަމެއް ކުރީ ނޫނެވެ. މިއަދު މަންޒިލާ ހަމައަށް ވާސިލުވި ނަމަވެސް އެޕް ލޯންޗުކުރުމާ މިދެމެދުގެ ދަތުރުގައި ދީމާއަށް ދިމާވި ގޮންޖެހުންތައް މަދެއްނޫނެވެ. ފުރަތަމަ 2023 ވަނަ އަހަރު، ޑިވެލޮޕް ކުރަމުން އައި "ފާކިރު އެޕް" އަށް ބޭނުންވާ ޑޭޓާ ތަށް ހޯދާ މައުލޫމާތޫ އެއްކޮށް އެޕް ޑިވެލޮޕް ކުރުމުގައި ކުރިޔަށް ގޮސް އެއްކޮށް ނުނިމެނީސް ދިމާވި ހުރަސްތަކަކުން މަޑު ޖައްސަލާން ޖެހުމަކީ ދިމާވީ ބޮޑު ގޮންޖެހުމެކެވެ. ވަރުގަދަ ޗެލެންޖެކެވެ. އެތައް ފައިސާއަކުން އަތްދޮވެވި ގެއްލުންތަކެއް ފޫބައްދަން ވެސް ޖެހުނެވެ. އެހެންނަމަވެސް ހިތްވަރު ދޫނުކޮށް އަނެއްކާވެސް ފެށީއެވެ. ގްރާންޓްތައް ލިބޭތޯ އެކި މުއައްސަސާތަކަށް ހުށަހެޅުމުން އެކަމުންވެސް ލިބުނީ މާޔޫސްވާ ކަހަލަ ޖަވާބެކެވެ. އެއްވެސް ދިމާއަކުން ދީމާގެ އުއްމީދުތައް ރޯޝަން ކުރުވަން އަތެއް ނުދިނެވެ. އެހެންނަމަވެސް ފިރިމީހާއާ ދެމީހުންގެ ހިތްވަރާއި މިންނެތް މަސައްކަތުގެ ނަތީޖާއަކަށްވީ ރަނގަޅު ޑިވެލޮޕަރ އެއް ލިބުމެވެ. އަދި ދެން ނަސީބު އަތުގައި ހިފައިފިއެވެ. މަސައްކަތް އަވަސްކަމާއެކު ފަށައި އެޕް ލޯންޗުކުރުމުގެ ވަގުތާ ހަމައަށްވެސް އާދެވުނީއެވެ.
ދީމާގެ ޓާސްކިން އެޕްގެ ހަމައެކަނި މަގުސަދަކީ އާމްދަނީ ހޯދޭނެ މަސައްކަތްތަކެއް ފަސޭހައިން ހޯދޭނެ މަގު ފަހިކުރުމެއް ނޫނެވެ. އާންމުކޮށް ގޭގެގެ މަސައްކަތްތަކަށް ބޭރު މީހުން ހޯދާ އުސޫލު ބަދަލުކޮށް، ދިވެހި މަސައްކަތްތެރިންނަށް ފުރުސަތުތައް ފުޅާކުރުމަކީވެސް ދީމާގެ މަގުސަދެކެވެ. މިފަދަ އެތައް މާތް މަގުސަދުތަކެއްގައި ދީމާ ތައްޔާރުކުރި ޓާސްކިން އެޕްލިކޭޝަން މިއަދު ހަވީރު ލޯންޗު ވާން ދާއިރު މި އެޕްލިކޭޝަނަކީ ހަމައެކަނި ދިވެހިންނަށް ރަޖިސްޓްރީވެވޭ ގޮތަށް ފަރުމާކޮށްފައިވާ ވަސީލަތެއްކަން ފާހަގަކޮށްލަނީ ފަޚުރުވެރިކަމާއެކުގައެވެ.
މި އެޕްލިކޭޝަންގެ އެންމެ ހާއްސަ އެއް ސިފައަކީ މަސައްކަތްތެރިންގެ މައުލޫމާތު ކަށަވަރުކުރުމަށްފަހު ދޫކުރާ "ވެރިފައިޑް ބެޖް" އެވެ. މީގެ އިތުރުން މަސައްކަތްތެރިޔާގެ ތަޖުރިބާއާއި، ކުރިން ހިދުމަތް ހޯދި މީހުންގެ ރިވިއުތަކާއި، ތައުލީމީ ފެންވަރު ފަދަ މައުލޫމާތުތައް ހިދުމަތް ހޯދާ ފަރާތްތަކަށް ފަސޭހައިން ފެންނަން ހުންނާނެއެވެ. ޓެކްނޮލޮޖީއަށް އަހުލުވެރި ނޫން މީހުންނާއި އިސްރަށްވެހިންނަށް ލުއިފަސޭހަކޮށްދިނުމުގެ ގޮތުން، މި އެޕްލިކޭޝަންގައި އެމީހުންނަށް ހާއްސަ ފީޗާތަކެއް ބޭނުންކުރެވޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ. މި މަޝްރޫއުގެ މައިގަނޑު އުއްމީދަކީ ދިވެހި ހުނަރުވެރިންނަށް އަމިއްލަ ފައިމައްޗަށް ތެދުވުމުގެ ފުރުސަތު ހޯދައިދިނުމެވެ.
ދީމާ އަކީ ގޮންޖެހުންތަކުން ފިލާވަޅު ލިބިގަނެ، އަމިއްލަ ފައިމައްޗަށް ތެދުވި ހިތްވަރުގަދަ އަންހެނެއް!
ދީމާއަކީ ހިތްވަރުގަދަ ނަމޫނާ މިސާލެއް، ޅަފުރާގެ ޒަޚަމް ފަސޭހަ ކުރުމަށް ކޮންމެހެން ފިޔަވަޅު ކަސިޔާރު ކުރާކަށް ނުޖެހޭ! ތަޖުރިބާއިން ލިބޭ ޢިބްރަތުން ދިރިއުޅުން އާރާސްތު ކުރެވޭނެ!
ދީމާގެ ޅަފުރާ ދިޔައީ ފަސޭހަކޮށް އުފަލުގައޭ ބުނެވޭކަށް ނެތެވެ. އޭނާގެ ހަޔާތަކީ ފޮނި ހުވަފެންތަކެއްގެ މައްޗަށް އެކަނި ބިނާވެފައިވާ ދަތުރެއް ނޫނެވެ. މިއަދު ހިނިތުންވެ އެންމެން ކުރިމަތީ އިސްއުފުލައިގެން އެހެރަ ދީމާ ވަނީ ދިރިއުޅުމުގެ އެންމެ އަނދިރި ފަރާތްތަކާ ވެސް ކުރިމަތިލާފައެވެ. ގާތްތިމާގެ މީހުންނާއި، ރައްޓެހިންނާއި، އަދި މަސައްކަތުގެ މާހައުލުން ނަފްސާނީ އަދި ޖިންސީ ގޯނާގެ ޝިކާރައަކަށްވުމާއި، އޮފީސް ސިޔާސަތާއި ގަނާކުރުމުގެ ސަބަބުން ވަޒީފާއާއި ކެރިއަރ ގެއްލިގެން ދިއުންފަދަ ހިތްދަތި އެތައް ކަމެއް އޭނާ ތަހައްމަލު ކުރިއެވެ. މީގެ ސަބަބުން ނަފްސާނީ ދުޅަހެޔޮކަން ދަށްވެ، މާޔޫސްކަމާއި ނުތަނަވަސްކަމުގެ ތެރޭގައި ދުވަސްތައް ހޭދަކުރަން ޖެހުނެވެ.
ނަމަވެސް، ދީމާ ގަބޫލުކުރާ ގޮތުގައި މި ހުރިހާ ނާކާމިޔާބީއަކީ އޭނާގެ ކުރިއެރުމަށް ލިބުނު ފިލާވަޅުތަކެކެވެ.
ގޮންޖެހުންތަކުގެ ތެރެއިން "ޓާސްކިން" އުފަންވުން؛ ދީމާގެ ހިތްވަރާއި ކެތްތެރިކަމުގެ ފުރިހަމަ ފޮނި މޭވާ!
މި އެޕްލިކޭޝަންގެ ހިޔާލު ދީމާ ހިއްސާކުރުމުން، ގިނަ ބަޔަކު ވަނީ އެއީ ރާއްޖޭގައި ހިނގާނެ ކަމެއް ނޫން ކަމަށް ބުނެ ގޮންޖެހުންތައް ކުރިމަތިކުރުވާފައެވެ. އަދި ބައެއް މީހުން އޭނާގެ ހިޔާލު ކޮޕީކުރަންވެސް މަސައްކަތް ކުރިއެވެ. ނަމަވެސް، ދީމާގެ ޖަވާބަކީ "ބަލަމާ ހިނގާށެވެ" މިއެވެ.

ދީމާ އޭނާގެ އެޕްގެ މަސައްކަތާއި ގެއާއި އާއިލާގެ ކަންކަން ބެލެންސް ކުރީ ވަރަށްވެސް ފުރިހަމައަށް —-ފޮޓޯ:ދީމާ
އެޕްލިކޭޝަންގެ މަސައްކަތް ސުމަކުން ފެށި އިރު، ދީމާއަކީ މިހާރު 14 މަހުގެ ތުއްތު ކުއްޖެއްގެ މަންމައެކެވެ. އެއް އަތުން ދަރިފުޅަށް ގާތުންދެމުން، އަނެއް އަތުން ލެޕްޓޮޕް ނުވަތަ ފޯނު ބޭނުންކޮށްގެން މަސައްކަތުގެ ޑެޑްލައިންތައް އޭނާ ފުރިހަމަ ކުރިއެވެ. މި މަޝްރޫއަކީ އެއްވެސް ލޯނެއް ނުވަތަ އެހީއެއް ނެތި، އަމިއްލަ ފައިސާއިން ކުރިއަށްގެންދިޔަ މަސައްކަތެކެވެ. ގިނަ އަދަދެއްގެ ފައިސާއާއި ވަގުތު މި ދަތުރުގައި ގެއްލިގެން ދިޔަ ނަމަވެސް، ރާއްޖެއަށް މިފަދަ ޕްލެޓްފޯމެއްގެ މުހިންމުކަން ބޮޑުކަމުން އޭނާ ހިތްވަރު ދޫކޮށެއް ނުލިއެވެ.
މިފަދަ ބޮޑުކަމެއް ކާމިޔާބުވުމުގެ ފަހަތުގައި ތިބީ ހެޔޮއެދޭ، ދީމާދެކެ ލޯބިވާ، މީހުންނެވެ. އެއެންމެނަށް ދީމާ ހާއްސަ ޝުކުރެއް އަދާކުރެއެވެ. ދީމާގެ ޝުކުރުގެ ލިސްޓު ފެށުނީ މާތްﷲއަށް ހަމްދު ކުރުމާއެކުގައެވެ.
އޭނާގެ މި ކާމިޔާބީގެ ދަތުރުގައި އެންމެ ބޮޑު ހިތްވަރަކާއި ބާރެއް ލިބިގެންދިޔައީ އޭނާގެ ލޯބިވާ ފިރިމީހާއާއި ދަރިފުޅުގެ ފަރާތުންނެވެ. އޭނާގެ ހުވަފެންތަކުގައި ކުލަޖެއްސުމަށްޓަކައި ފިރިމީހާ ވަނީ އާމްދަނީގެ ބޮޑުބައެއް މި މަޝްރޫއަށް އިންވެސްޓްކޮށް، ދީމާގެ ގާބިލިއްޔަތަށް ފުރިހަމައަށް އިތުބާރުކޮށްފައެވެ. ހަމައެފަދައިން، "ޓާސްކިން" އެޕްލިކޭޝަންގެ ޑިވެލޮޕަރުންނާއި ވިޔަފާރި ބައިވެރިންނަކީ، މި މަސައްކަތުގެ ފުރަތަމަ ދުވަހުން ފެށިގެން މި ތަސައްވުރަށް ފުރިހަމައަށް އީމާންވެ، ދީމާއާއެކު ސާބިތުކަމާއެކު ދެމިތިބި ފަރާތްތަކެވެ.
މީގެ އިތުރުން، އޭނާގެ މައިންބަފައިންނާއި، ކޮއްކޮއާއި، އާއިލާގެ އެންމެހާ މެންބަރުންގެ އިތުރުން ގާތް ރައްޓެހިން ދިން ނުގުޑާފަދަ އެހީތެރިކަމަކީ ދީމާގެ މި ދަތުރުގެ ވަރުގަދަ ތަނބުތަކެވެ. ނަމަވެސް، ދީމާ އެންމެ ހާއްސަ ޝުކުރެއް އަދާކުރަނީ އޭނާގެ ހިޔާލަށް ނޫނެކޭ ބުނެ، އެ މަސައްކަތަށް ފާޑުކިޔައި، އެއީ ނުވާނެ ކަމެއް ކަމަށް ބުނެ ގޮންޖެހުންތައް ކުރިމަތިކުރުވި މީހުންނަށެވެ. އެމީހުންގެ އެ ނުރުހުމުގެ ބަސްތަކާއި ހުރަސްތަކަކީ، އޭނާގެ އަޒުމް އިތުރަށް ވަރުގަދަކޮށް، މިއަދު އޭނާ މި ހުރި ކާމިޔާބީގެ އުސްމިނަށް ވާސިލުވުމަށް ލިބުނު އެންމެ ބޮޑު ހަކަތައެވެ. އެމީހުންގެ އެ ބަސްތަކުން ދީމާއަށް ދަސްކޮށްދިނީ، އަމިއްލަ ނަފްސަށް އިތުބާރުކޮށްގެން ކޮންމެ ހުރަހެއްވެސް ގިރާކުރެވިދާނެ ކަމެވެ.
ދީމާގެ ވާހަކައަކީ ކޮންމެ ޒުވާނަކަށްވެސް ލިބޭނެ ބޮޑު ހިތްވަރެކެވެ. "ޓާސްކިން" އެޕްލިކޭޝަނަކީ ހަމައެކަނި ވިޔަފާރިއެއް ނޫނެވެ. އެއީ އެތައް ގޮންޖެހުންތަކެއް ގިރާކުރުމަށްފަހު އުފަންވި އުއްމީދީ އުފެއްދުމެކެވެ. ދީމާ ފަދަ އަންހެނުންނަކީ ދިވެހި މުޖުތަމައަށް ފެންނަން ހުރި ދިރިހުރި ނަމޫނާއެކެވެ. ހުވަދޫމީޑިއާއިން އެދެނީ ދީމާއަށްވެސް އަދި ޓާސްކިން އަށް ފާގަތި ފަހި މާދަމާއެއް ލިބުމެވެ.


