ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އިން އާ އަހަރުގެ ފެށުމާ ދިމާކޮށް އެ ކުންފުނީގެ އާ ބްރޭންޑް އިމޭޖް ރަސްމީކޮށް ދައްކާލައިފިއެވެ. މިއީ ކުންފުނީގެ ޚިދުމަތްތައް ތަރައްގީކޮށް، އާ އުންމީދުތަކަކާއެކު ފެށި އާ ބްރޭންޑިންގް އެކެވެ.
އާރުޑީސީން ހާމަކުރި ގޮތުގައި، މި އާ ބްރޭންޑް އިމޭޖް ދައްކާލުމަކީ ކުންފުނީގެ ޚިދުމަތްތައް އިތުރަށް ހަރުދަނާކޮށް، ފެންވަރު ރަނގަޅު ކުރުމަށް ވެފައިވާ އިގުރާރު އާކުރުމެކެވެ. މީގެ އިތުރުން، ގައުމުގެ އިންފްރާސްޓްރަކްޗާ ބިނާކުރުމުގެ މަސައްކަތުގައި އިސްދައުރެއް އަދާކޮށް، ކުރިއަރާފައިވާ ކުންފުންޏަކަށް ވުމަށް އާ އަހަރާއެކު އާ ހިތްވަރެއް ލިބިގެންދާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.
ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އިން އާ އަހަރާ ދިމާކޮށް ލޯންޗު ކުރި އާ ލޯގޯ ފަރުމާކޮށްފައިވަނީ ދިވެހިންގެ އަތްތެރިކަމުގެ އެންމެ އަސާސީ ބިންގާ ކަމުގައިވާ ދިވެހި ރުކުގެ ފަން ވިނުމުގެ ފުރަތަމަ މަރުހަލާ ރަމްޒުކޮށްދޭ ގޮތަށެވެ. މިއީ އެ ކުންފުނީގެ އުފެއްދުންތެރިކަމާއި އިމާރާތްކުރުމުގެ ފެށުން ދައްކުވައިދޭ ރަމްޒެއް ކަމަށް އާރުޑީސީން ބުނެއެވެ.
އާރުޑީސީން ހާމަކުރި ގޮތުގައި، ދިވެހިރާއްޖޭގެ އާދަކާދައާއި ސަގާފަތުގައި ފަނުން ވިޔެފައިވާ ފުރާޅުތަކާއި ފާރުތަކަކީ ކާބަފައިން ދިރިއުޅުމުގައި ބޭނުންކުރި އެންމެ މުހިންމު އެއް ވަސީލަތެވެ. ފަން ވިޔުމުގައި ކޮންމެ ފަތެއް އަނެއް ފަތަކާ ގުޅި ބާރުވެރިވާ ފަދައިން، މި ލޯގޯއިން ރަމްޒުކޮށްދެނީ ދިވެހިންގެ ދިރިއުޅުމުގައި ފެންނަ އެކުވެރިކަމާއި އެއްބައިވަންތަކަމެވެ. ކުންފުނި ރީބްރޭންޑް ކުރުމުގައި މި ފަންނުން “އިންސްޕިރޭޝަން” ލިބިގަތީ ގެދޮރު އިމާރާތްކުރުމަށް ބޭނުންކުރި މި ވަސީލަތުގައި އެކުލެވޭ މުހިންމު މާނަތަކުގެ ސަބަބުންނެވެ.
މި ލޯގޯއާ ގުޅޭގޮތުން ކުންފުނިން ފާހަގަކުރި މުހިންމު ބައެއް މާނަތަކުގެ ތެރޭގައި އެކުވެރިކަމާއި ގުޅުން ހިމެނެއެވެ. ފަން ވިނުމުގެ ފުރަތަމަ ފަންވަތް މަޅާލުމުން ނިޒާމެއް އުފެދިގެން އަންނަ ގޮތަށް، ކުންފުނީގެ ކޮންމެ މަސައްކަތަކީވެސް ބިންގަލެއް އެޅުމަށާއި ގުޅުންތަކެއް އުފެއްދުމަށް ކުރާ މަސައްކަތެކެވެ. އަދި ވިޔުމުގެ ޕްރޮސެސްގައި ކޮންމެ ފަންވަތެއް އަނެއް ފަންވަތާ ގުޅި އެހީތެރިވާ ފަދައިން، މުވައްޒަފުންގެ މެދުގައި އޮންނަ ގާތްކަމާއި ޚިދުމަތް ލިބިގަންނަ ފަރާތްތަކާއެކު އޮންނަ އެއްބާރުލުން ވެސް މި ލޯގޯއިން ދައްކުވައިދެއެވެ.
މީގެ އިތުރުން، ލޯގޯގައި ހިމެނޭ ހަ ކަން (ހެކްސަގޮން) ބައްޓަމުން ދައްކުވައިދެނީ ކުންފުނީގެ ހަރުދަނާކަމާއި ބިންގަލުގެ ވަރުގަދަކަމެވެ. އާރުޑީސީން ބުނި ގޮތުގައި މި ރީބްރޭންޑްކުރުމަކީ ކުންފުނީގެ އާ ފެށުމެކެވެ. ދިވެހި އަތްތެރިކަމުގެ އަސާސީ ހަމަތަކުގެ މައްޗަށް ބިނާކޮށް އާ ފޮޅުވަތެއް ލިޔަމުންދާއިރު، މި ލޯގޯއަކީ ކުންފުނީގެ މާޒީއާއި މުސްތަޤްބަލު ގުޅުވައިދޭ ފާލަމެކެވެ.
ކުންފުނީގެ އާ ބްރޭންޑް އިމޭޖާ އެކު، ޚިދުމަތްތައް ރަނގަޅުކުރުމަށާއި ގައުމުގެ އިންފްރާސްޓްރަކްޗާ ބިނާކުރުމުގައި އިސްދައުރެއް އަދާކުރުމަށް އާ އަޒުމަކާއެކު ކުރިއަށްދާނެ ކަމަށް އާރުޑީސީން ވަނީ ބުނެފައެވެ. ކުންފުނީގެ ކޮންމެ ޑިޕާޓްމަންޓަކާއި މުވައްޒަފަކީވެސް އެކުވެރި މާހައުލެއްގައި، އެކަކު އަނެކަކާ ގުޅިގެން ވަރުގަދަ މަސައްކަތްތަކެއް ކުރާ ބައެއް ކަމަށް އެ ކުންފުނިން ފާހަގަކުރެއެވެ.

