ހުޅުމާލެ ފަޅުގައި އޮތް ސަފާރީއެއްގައި ހުއްދަ ނުނަގައި، ޤަވާއިދާ ޚިލާފަށް ބަނގުރަލުގެ ވިޔަފާރި ކުރަމުން ދިޔަ ބަޔަކު ފުލުހުން ހައްޔަރުކޮށްފިއެވެ. މި ބަޔަކު ހައްޔަރުކޮށްފައިވަނީ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވި ގޮތުގައި، މި އޮޕަރޭޝަނަކީ ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހުޅުމާލޭ ފަޅުގައި ކުރިއަށް ގެންދިޔަ އޮޕަރޭޝަނެކެވެ. މިދިޔަ ބުރާސްފަތި ދުވަހު ހިންގި މި އޮޕަރޭޝަނުގައި ކޯޓު އަމުރެއްގެ ދަށުން އެ ސަފާރީ ބަލައި ފާސްކޮށްފައިވެއެވެ.
އެ ސަފާރީ ބަލައި ފާސްކުރުމުގެ ތެރެއިން 102 ފުޅި ބަނގުރާ އަދި 218 ދަޅު ބަނގުރާ ފެނިފައިވާ ކަމަށް ފުލުހުން މަޢުލޫމާތު ދެއްވައެވެ. މި ތަކެއްޗަކީ އެއްވެސް ހުއްދައެއް ނެތި ޤަވާއިދާ ޚިލާފަށް ވިޔަފާރި ކުރުމަށް ގެންގުޅުނު ތަކެތި ކަމަށް ބެލެވެއެވެ.
މި މައްސަލައާ ގުޅިގެން ފަސް މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އޭގެ ތެރޭގައި ހިމެނެނީ:
- 1. އެމްޑީ ޝޭކަރު ހޮސައިން (34އ) – އިންޑިއާ
- 2. ރަސެލް މިއާ (35އ) – ބަންގްލަދޭޝް
- 3. ޕުބުދު އަސެލަ ބަންދަރަ ދޮލޮސްބަ ގެދަރަ (27އ) – ސްރީލަންކާ
- 4. ތަރަކަ ސަމަން ކުމާރަ ދޭވަ (35އ) – ސްރީލަންކާ
- 5. މުޙައްމަދު މަނިކު (52އ) – ހ. ބިންމަތީއާގެ / މާލެ
މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން، ޝޭކަރު ހޮސައިނާއި ރަސެލް މިއާ 5 ދުވަހަށް، ސްރީލަންކާގެ ދެ މީހުން 7 ދުވަހަށް، އަދި މުޙައްމަދު މަނިކު 3 ދުވަހަށް ބަންދު ކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
ފުލުހުން ގެންދަނީ މި މައްސަލަ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ. މިފަދަ ޤަވާއިދާ ޚިލާފު ޢަމަލުތައް ހުއްޓުވުމަށް ފުލުހުން ދަނީ މާލެ ސަރަޙައްދުގެ ފަޅުތެރޭގައި ޚާއްޞަ އޮޕަރޭޝަންތައް ހިންގަމުންނެވެ.

