ހުޅުމާލޭ ފޭސް އެކެއްގައި ބިދޭސީއަކު ގެންގުޅުނު ފޮއްޓެއްގެ ތެރެއިން މަސްތުވާތަކެތި ފެނުނު މައްސަލައެއްގައި ފުލުހުން މީހަކު ހައްޔަރުކޮށްފިއެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ބަންގްލަދޭޝްއަށް ނިސްބަތްވާ 25 އަހަރުގެ ފިރިހެނެކެވެ.
ފުލުހުން ވިދާޅުވި ގޮތުގައި، މި މީހާ ހައްޔަރުކޮށްފައި ވަނީ އިއްޔެ ފުލުހުން ޕެޓްރޯލްކުރަމުން ދިޔައިރު އޭނާގެ އަމަލުތައް ހުރިގޮތުން ތުހުމަތުކުރެވިގެން ހުއްޓުވައި ބަލައިފާސްކުރުމަށް ފަހުގައެވެ. އޭނާ ހުއްޓުވައި ސުވާލުކޮށް، އެ ވަގުތު އޭނާ ގެންގުޅުނު ފޮށި ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ރަބަރު ޕެކެޓުތަކެއް ފެނިފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއްވިއެވެ.
ފުލުހުން އިތުރަށް ވިދާޅުވީ، އޭނާގެ އަތުން ފެނުނު މި ތަކެތީގެ ވަގުތީ ބަރުދަނުގައި 94.34 ގުރާމް ހުރި ކަމަށެވެ. މި ތަކެތި މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، އޭނާ 10 ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ. މި މައްސަލަ ފުލުހުން އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށްވެސް އެ މުއައްސަސާއިން ވިދާޅުވިއެވެ.

