ހުކުރު ޚުޠުބާގެ މަޢުޟޫތަކާ ގުޅޭގޮތުން ރައްޔިތުންގެ ޚިޔާލު ހޯދުމަށް ނިންމީ، މުޖުތަމަޢަށް އެންމެ ބޭނުންތެރި މަގުން ޚުޠުބާ ތައްޔާރުކުރުމަށް ކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވަޒީރު ވިދާޅުވީ، ރާއްޖޭގެ ހުރިހާ އިމާމުންނަކީ އަމިއްލައަށް ޚުޠުބާ ތައްޔާރުކޮށްގެން ދެވޭ ފެންވަރުގެ ބޭފުޅުން ނޫން ކަމަށެވެ. އަދި އަމިއްލައަށް ނުބަލާ ޚުޠުބާ ދިނުމުގެ ޤާބިލުކަން ހުންނަނީ ވަރަށް މަދު ޢިލްމުވެރިންނަށް ކަން ފާހަގަކުރައްވައި، އެފަދަ ބޭފުޅުންނަށް މިހާރުވެސް އެ ފުރުޞަތު އޮންނަކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު އިތުރަށް ވިދާޅުވީ، ޚުޠުބާ ދިނުމުގެ ކަންކަން ހައްދެއް އިމެއް ނެތި އެންމެންނަށް ހުޅުވާލައިފިނަމަ، ދީނީ ގޮތުން ނުތަނަވަސް ހާލަތަކަށް ރާއްޖެ ވެއްޓިގެން ދިޔުމުގެ ބިރު އޮންނާނެ ކަމަށެވެ. “އެފަދައިން ޚުޠުބާ ދެއްވާ ބައެއް ބޭފުޅުންވެސް ޚުޠުބާ ފަށާ ގޮތަށް ނިންމުން ލަސްވުމުގެ ސަބަބުން ރައްޔިތުންގެ އެތައް މަސްލަޙަތަކަށް ގެއްލުންވޭ،” ވަޒީރު ވިދާޅުވިއެވެ. އެހެންކަމުން ޚުޠުބާގެ ކަންކަން ކުރިއަށް ގެންދަނީ ދީނީ އެއްބައިވަންތަކަމާއި ރާއްޖޭގެ މަސްލަޙަތަށް ރިޢާޔަތްކޮށް ހަރުދަނާ ނިޒާމެއްގެ ތެރެއިން ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ޚުޠުބާގެ މަޢުޟޫތަކަށް ޚިޔާލު ހޯދުމަށް އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ކުރި ޕޯސްޓަށް މިހާތަނަށް 600 އެއްހައި ޚިޔާލު ވަނީ ލިބިފައެވެ. އޭގެ ތެރޭގައި އިޖުތިމާޢީ އެކި މައްސަލަތަކާއި، ދީނީ ހޭލުންތެރިކަން އިތުރުކުރުމާއި، ޒުވާނުންނަށް ދިމާވާ ގޮންޖެހުންތަކާ ގުޅޭ މަޢުޟޫތައް ހިމެނެއެވެ. އެ ވުޒާރާއިން ވަނީ ހުށަހަޅާފައިވާ މަޢުޟޫތަކުގެ ތެރެއިން އެންމެ ގިނަ ބަޔަކު ބޭނުންވާ ކަންކަން އިޚްތިޔާރުކޮށްދިނުމަށްވެސް އެދިފައެވެ.
ރާއްޖޭގެ ކުރީގެ ވެރިންނާއި ސަރުކާރުތަކުން ޚުޠުބާގެ ނިޒާމު ދަމަހައްޓާފައިވަނީ ވަރަށް ރަނގަޅަށް ކަމަށް ޤަބޫލުކުރައްވާ ކަމަށާއި، ކުރިއަށް އޮތް ތަނުގައިވެސް އެ ނިޒާމު އެގޮތުގައި ދަމަހައްޓާނެ ކަމުގެ ޔަޤީންކަން ވަޒީރު ވަނީ ދެއްވާފައެވެ. އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ޚުޠުބާ ތައްޔާރުކުރަނީ މުޖުތަމަޢުގައި ފާހަގަކުރެވޭ މުހިންމު ކަންކަމުގެ މައްޗަށް ބިނާކޮށެވެ.

