ގޭތެރޭގެ މެއިންޓަނެންސް ކަންކަމުން ފެށިގެން އެކި ކަހަލަ ފަންނީ ޚިދުމަތްތައް ހޯދުމުގައި ދިމާވާ ދަތިތަކަށް ހައްލެއް ގެނައުމުގެ މަގްސަދުގައި، ދިވެހި ހުނަރުވެރިންނާއި ޚިދުމަތް ހޯދާ ފަރާތްތައް ގުޅުވައިދޭ އާ ޕްލެޓްފޯމެއް ކަމަށްވާ "ޓާސްކިން" އިފުތިތާހުކޮށްފިއެވެ. މިއީ ދިވެއްސަކު އިސްވެ ހުރެ، ރާއްޖޭގެ މަސައްކަތްތެރިންނަށް އަމިއްލަ މަސައްކަތުން އާމްދަނީ ހޯދޭނެ މަގު ފަހިކޮށްދިނުމަށް އުފެއްދި އުއްމީދީ އެޕްލިކޭޝަނެކެވެ.
މިހާރު ދެން ދިމާވާ ހާލަތަކާހެދި ކުއްލިއަކަށް ހިދުމަތެއް ހޯދުމަށް ބޭނުންވެގެން އެކަމާ ގުޅުންހުރި އެނގޭ މީހަކު ހޯދުމަށް އައިބޭ ގައި ފީނާކަށް ނުޖެހޭނެއެވެ. ނުވަތަ ބިދޭސީން ގެންނަން ޖެހޭތީ އުނދަގޫ ވާކަށް ވެސް ނުޖެހޭނެއެވެ. ޓާސްކިން އިން ގެންސްމިދެނީ އިންޤިލާބީ ބަދަލެކެވެ.
މި ޕްލެޓްފޯމް މެދުވެރިކޮށް އެކައުންޓިން، ޓެކްސް، މެއިންޓަނެންސް، މިހެންގޮސް އެތައް ކްރިއޭޓިވް ދާއިރާތައް ހިމެނޭހެން ތަފާތު އެކި ދާއިރާތަކުން ދިވެހި ފަންނުވެރިން ހޯދޭނެއެވެ. މިހާރު ބިދޭސީން ބޮޑު ކޮންޓްރޯލެއް އޮންނަ މަސައްކަތުގެ ދާއިރާތަކުން ދިވެހިންނަށް ފުރުސަތު ހޯދައިދިނުމަކީ މި އެޕްގެ މައިގަނޑު އެއް މަގްސަދެވެ. އެޕް އިފުތިތާހު ކުރިއިރުވެސް 1,000 އަށް ވުރެ ގިނަ ދިވެހި މަސައްކަތްތެރިން ވަނީ މި ޕްލެޓްފޯމުގައި ރަޖިސްޓަރީ ވެފައެވެ.
ޓާސްކިން އެޕްގެ ފައުންޑަރ އަދި ސީއީއޯ ދީމާ ފާކިރު މައުލޫމާތު ދެއްވި ގޮތުގައި މި އެޕް ފަރުމާކޮށްފައިވަނީ ކަސްޓަމަރުންނަށް ރައްކާތެރިކަމާއެކު ބޭނުންކުރެވޭނެ ގޮތަށެވެ. އެގޮތުން ޚިދުމަތް ދޭ ފަރާތްތަކުގެ މައުލޫމާތު ކަށަވަރުކޮށް (verify) ކުރެވޭނެ ނިޒާމެއް މި އެޕްގައި ހިމެނެއެވެ. ކަސްޓަމަރުންނަށް އެމީހަކު ބޭނުންވާ މަސައްކަތެއް އެޕްގައި ޕޯސްޓުކުރުމުން، މަސައްކަތްތެރިންނަށް އެކަމަށް އަގު ހުށަހަޅައި "ބިޑް" ކުރުމުގެ ފުރުސަތު ލިބެއެވެ. އަދި ޚިދުމަތުގެ އަގާއި ވަގުތު ކަނޑައެޅުމުގައި ދެފަރާތުގެ މެދުގައި ވާހަކަދައްކައިގެން ގޮތް ނިންމުމުގެ އިހުތިޔާރު އޮވެއެވެ.

އިއްޔެ ހަވީރުގެ ޓާސްކިން އެޕް ލޯންޗުކުރުމުގެ އިވެންޓުގެ ތެރެއިން ރެލީ ކުރިއަށްދިޔަމަންޒަރު–ފޮޓޯ: ޓާސްކިންޓީމް
މި އެޕް އިފުތިތާހު ކުރުމުގެ ގޮތުން އިއްޔެ ހަވީރު ހުޅުމާލޭގައި ވަނީ ފޯރިގަދަ ހަރަކާތްތަކެއް ބާއްވާފައެވެ. ސެންޓްރަލް ޕާކުން ފެށި ޕިކަޕް ރެލީ ހުޅުމާލޭގެ ފޭސް 1 އަދި ފޭސް 2 ގައި ކުރިއަށް ގެންގޮސްފައިވާއިރު، މި ހަރަކާތުގެ ތެރެއިން އާންމުންނަށް އެޕާ ބެހޭ މައުލޫމާތު ދީފައިވެއެވެ. މީގެ އިތުރުން، އެޕްގެ ސޯޝަލް މީޑިއާ ޕޭޖު މެދުވެރިކޮށް ބޭއްވި ފޮޓޯ ކޮންޓެސްޓުގެ ނަސީބުވެރިންނަށް އިނާމު ދިނުންވެސް މި ހަރަކާތުގެ ތެރެއިން ކުރިއަށް ދިޔައެވެ.
މުޅި ރާއްޖެއަށް ހުޅުވާލެވިފައިވާ މި ޚިދުމަތަކީ އަތޮޅުތެރޭގެ ރަށްރަށުގެ މަސައްކަތްތެރިންނަށްވެސް ބައިވެރިވެވޭނެ ފުރުސަތެކެވެ. ޚާއްސަކޮށް ވަޒީފާ އަދާކުރާ ފަރާތްތަކަށާއި ޒުވާނުންނަށް އިތުރު އާމްދަނީ ހޯދުމަށް މިއީ ރަނގަޅު މަގަކަށް ވެގެންދާނެއެވެ. "ޓާސްކިން" އެޕް މިހާރު އެޕަލް އެޕް ސްޓޯރާއި ގޫގުލް ޕްލޭ ސްޓޯރުން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.
ޓާސްކިން އެޕް އަދި އެޕްގެ ފައުންޑަރ/ސީއިއޯ އާ ބެހޭ ގޮތުން އިތުރަށް ވިދާޅުވުމަށް:


