ސްޓްރޯކެއް ޖެހިގެން ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ރާއްޖޭގެ މަޝްހޫރު ފިލްމީ ތަރި އަދި ޑައިރެކްޓަރު އަހުމަދު ނިމާލްގެ ހާލު މިހާރު ރަނގަޅުވަމުން އަންނަ ކަމަށް އޭނާގެ އާއިލާއިން ބުނެފިއެވެ.
ނިމާލުގެ ދަރިފުޅު، މަޝްހޫރު އެކްޓަރު ޖުމައްޔިލް ނިމާލް މީސްމީޑިއާގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ އޭނާގެ ބައްޕަގެ ހާލު މިހާރު ރަނގަޅުވަމުން އަންނަ ކަމަށެވެ. އަދި ބައްޕައާ ބެހޭ ގޮތުން ސައްހަ ނޫން މައުލޫމާތު ނުފެތުރުމަށް ޖުމައްޔިލް ވަނީ އާންމުންގެ ކިބައިން އިލްތިމާސްކޮށްފައެވެ. ނިމާލް ނިޔާވެއްޖެ ކަމަށް ބުނެ މީސްމީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި ދޮގު މައުލޫމާތު ފެތުރިފައިވާ ދަނޑިވަޅެއްގައި އާއިލާއިން މިކަން ސާފުކޮށްދީފައި މިވަނީ އާންމުންގެ ކަންބޮޑުވުންތަކާ ގުޅިގެންނެވެ.
އައިޖީއެމްއެޗުން މައުލޫމާތު ދީފައިވާ ގޮތުގައި، ނިމާލަށް އަދިވެސް ފަރުވާ ދެމުންދަނީ އެ ހޮސްޕިޓަލުގެ އައިސީޔޫގައެވެ. ނިމާލަށް ސްޓްރޯކެއް ޖެހިގެން ފަރުވާ ދޭން ފަށާފައިވަނީ މިދިޔަ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހުގެ ރޭގައެވެ. އެންމެ ފުރަތަމަ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު، އިތުރު ފަރުވާއަށް އޭނާ އައިޖީއެމްއެޗަށް ބަދަލުކޮށްފައިވަނީ މި މަހުގެ 1 ވަނަ ދުވަހުއެވެ.
އުމުރުން 60 އަހަރުން މައްޗަށް ގޮސްފައިވާ އަހުމަދު ނިމާލަކީ ދިވެހި ފިލްމީ ދާއިރާގައި ވަރަށް ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރައްވާފައިވާ، ގިނަ ބައެއްގެ ލޯބި ލިބިފައިވާ ފަންނާނެކެވެ. 1984 ވަނަ އަހަރު ރިލީޒްކުރި ފިލްމު “ނުފޫޒު” އިން ފިލްމީ ދާއިރާއަށް ތައާރަފުވި ނިމާލަކީ އެކްޓުކުރުމުގެ އިތުރުން ޑައިރެކްޓްކުރުމާއި ލިޔުންތެރިކަމުގެ ރޮނގުން ވެސް ފާހަގަކޮށްލެވޭ ކާމިޔާބު މަސައްކަތްތަކެއް ކޮށްފައިވާ ފަރާތެކެވެ.
“ވާލޯބި އެނގޭނަމަ” ފިލްމުން އެންމެ މޮޅު ޑައިރެކްޓަރުގެ ގައުމީ އެވޯޑު ހާސިލުކޮށްފައިވާ ނިމާލް ޑައިރެކްޓްކޮށްފައިވާ އަދި އެކްޓްކޮށްފައިވާ މަގުބޫލު ފިލްމުތަކުގެ ތެރޭގައި “ސިޓީ”، “އުދާސް”، “ޒަލްޒަލާ”، “ހިލިހިލާ” އަދި “ޔޫސުފް” ފަދަ ފިލްމުތައް ހިމެނެއެވެ. އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ “ކަނބުލޮ” އާއި “ލިލީ” އެވެ.

