ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައި ހައްޔަރުކޮށްފައިވާ “ދަ ޓްރެވެލް ގައިސް ޕްރައިވެޓް ލިމިޓެޑް” ގެ ކުރީގެ އިސްވެރިޔާ ހުސައިން ސަނީ އުމަރު، ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފިއެވެ.
ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި، ސަނީ އުމަރުގެ ބަންދާ މެދު ގޮތެއް ނިންމުމަށް މިއަދު ކޯޓަށް ހާޒިރުކުރީ އޭނާ ކުރިން ބަންދުގައި ބެހެއްޓުމަށް ދީފައިވާ 30 ދުވަހުގެ މުއްދަތު ހަމަވުމާ ގުޅިގެންނެވެ. މައްސަލައިގެ ބާވަތަށް ރިއާޔަތްކޮށް، ކޯޓުން ވަނީ ޝަރީއަތް ނިމެންދެން އޭނާ ރިމާންޑް ޖަލެއްގައި ބަންދުކުރުމަށް ނިންމާފައެވެ.
ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން މީގެ ކުރިން ވެސް ހާމަކޮށްފައިވާ ގޮތުގައި، ތަހުގީގަށް ލިބޭ ކުރިއެރުންތަކަށް ބަލައި، ގާނޫނީ އިޖުރާއަތްތަކުގެ ތެރެއިން އޭނާ ޝަރީއަތް ނިމެންދެން ބަންދުކުރުމުގެ އަމުރަކަށް އެދުމަށް އޮތީ ނިންމާފައެވެ. ސަނީ އުމަރުގެ މައްޗަށް މި ތުހުމަތު ކުރެވުނީ އޭނާގެ ފަރާތުން ޖިންސީ ގޯނާ ލިބުނު ކަމަށް ބުނާ ކުއްޖެއްގެ އާއިލާއިން ފުލުހަށް މައްސަލަ ހުށަހެޅުމާ ގުޅިގެންނެވެ.
މި މައްސަލަ ފެންމަތިވިއިރު ސަނީ އުމަރު ހުރީ ރާއްޖެއިން ބޭރުގައެވެ. އޭނާ އެނބުރި ރާއްޖެ އައުމާއެކު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ސުވާލުކުރުމަށްފަހު ދޫކޮށްލި ނަމަވެސް، އަލުން ރާއްޖެއިން ފުރަން އުޅެނިކޮށް އޭނާ ވަނީ ހައްޔަރުކޮށްފައެވެ. ފުލުހުން ބުނި ގޮތުގައި އޭނާ ހައްޔަރުކުރީ ތަހުގީގަށް އެއްބާރުލުން ދޭނެ ކަމަށް ބުނެފައި ފުރައިގެން ދާން އުޅުމުން ކޯޓު އަމުރެއްގެ ދަށުންނެވެ.
ސަނީ އުމަރަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި، ހާއްސަކޮށް ހަލާލް ޓޫރިޒަމް ބްރޭންޑާއި ޕީއާރު ފާމްތަކުގައި އިސްކޮށް އުޅުނު ފަރާތެކެވެ. ނަމަވެސް މި ތުހުމަތުތަކާ ގުޅިގެން “ދަ ޓްރެވެލް ގައިސް” އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އޭނާގެ ހިއްސާ އަތުލުމަށް ބޯޑުން ނިންމާފައިވާ ކަމަށާއި، ކުންފުނީގެ ދުވަހުން ދުވަހަށް ހިންގާ ކަންކަމުގައި އޭނާގެ ބައިވެރިވުމެއް މިހާރު ނެތް ކަމަށެވެ.

