ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ހއ. ދިއްދޫ ރައްޔިތުންނަށް ވެވަޑައިގެންފައިވާ ވައުދުފުޅާ އެއްގޮތަށް، އެ ރަށުގެ އެއާޕޯޓު މަސައްކަތާއި ބިން ހިއްކުމުގެ ބިޔަ މަޝްރޫއު ފެށުމަށްޓަކައި ދުނިޔޭގެ ތިންވަނައަށް އެންމެ ބޮޑު ޑްރެޖަރު މިއަދު އެ ރަށުގައި ބަނދަރުކޮށްފިއެވެ.
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ކުރިއަށްގެންދާ މި މަޝްރޫޢުގެ ދަށުން ދިއްދޫގެ ބިމަށް 110 ހެކްޓަރުގެ ސަރަހައްދެއް އިތުރުކުރުމަށް ވަނީ ހަމަޖެހިފައެވެ. މިއީ އެ ރަށުގެ މިހާރުގެ ބިމުގެ ބޮޑުމިނަށްވުރެވެސް ބޮޑު ސަރަހައްދެކެވެ. މިގޮތުން ހިއްކާ ބިން ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރަށުގެ ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް ހިންގުމަށާއި، ދިއްދޫގައި ތަރައްގީކުރާ އެއާޕޯޓް އެޅުމަށެވެ.
މި މަޝްރޫއާ ގުޅޭގޮތުން ދިއްދޫ ދާއިރާގެ ރައްޔިތުންގެ މަޖިލިސް މެންބަރު އަބްދުއްލަތީފު މުހައްމަދު ވިދާޅުވީ، އިތުރުކުރެވޭ ބިމަކީ އެއާޕޯޓު ތަރައްގީކުރުމުގެ އިތުރުން ރަށުގެ ކުރިއެރުމަށް ބޭނުންވާ މުހިއްމު ގިނަ މަސައްކަތްތަކަކަށް މަގުފަހިވެގެންދާނެ ބިމެއް ކަމަށެވެ. “އެއާޕޯޓަކީ ދިއްދޫގެ މުސްތަގުބަލަށް އިންގިލާބީ ބަދަލެއް ގެންނާނެ ބިޔަ މަޝްރޫއެއް،” މެންބަރު ވިދާޅުވިއެވެ.
މެންބަރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި އެއާޕޯޓާއެކު ދިއްދޫގައި ފަތުރުވެރިކަން ތަރައްގީކޮށް، ވިޔަފާރިތައް ފުޅާކުރުމުގެ ގިނަ ފުރުސަތުތަކެއް ހުޅުވިގެންދާނެއެވެ. އަދި ހިއްކާ ބިމުގައި އެއާޕޯޓަށް ބޭނުންވާ ހިދުމަތްތަކާއި އައު ވިޔަފާރިތައް ގާއިމުކުރެވިގެންދާއިރު، ރަށުގެ ރައްޔިތުންނަށް ވަޒީފާގެ ގިނަ ފުރުސަތުތަކެއް ލިބިގެންދާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި ވާންޖެހޭ ތައްޔާރީތައް ދިއްދޫ ކައުންސިލާއި އެމްއޭސީއެލް ގުޅިގެން މިހާރު އަންނަނީ ކުރަމުންނެވެ. ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން އަންނަނީ ބިމުގެ ޖާގައިގެ ދަތިކަން ހުރި ރަށްރަށުގެ ބިން އިތުރުކުރުމާއި، ސަރަހައްދީ އެއާޕޯޓުތައް ތަރައްގީކުރުމުގެ ގިނަ މަޝްރޫއުތަކެއް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގަމުންނެވެ.

