މާލޭގެ ބޮޑުތަކުރުފާނުމަގުގެ އުތުރު ފަރާތުގެ ސަރަހައްދު ތަރައްގީ ކުރުމަށް އެމްޓީސީސީން ކުރިއަށްގެންދާ މަޝްރޫއުގެ ތެރެއިން، ބާޒާރުމަތީގެ މަގު ހެދުމުގެ މަސައްކަތުގެ 38 މީޓަރުގެ ސަރަހައްދެއް ޝީޓް ޕައިލްކުރުމުގެ މަސައްކަތް މިހާރު ވަނީ ނިންމާލާފައެވެ.
އެމްޓީސީސީން ހާމަކުރި ގޮތުގައި ބާޒާރުމަތީ މަގު ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަސައްކަތުގެ ދަށުން، އިމާރާތްތައް ހުރި ފަރާތުގެ ކޭބަލް އެޅުމާއި މަސްމާރުކޭޓު ހިމެނޭ ސަރަޙައްދުގެ ދުވާރު ހެދުމުގެ މަސައްކަތް މިހާރު ވަނީ އެއްކޮށް ނިމިފައެވެ. މިހާރު އެ ކުންފުނިން ކުރިއަށްގެންދަނީ ސީ ޗެނަލް އިންސްޓޯލް ކުރުމާއި ފެންހޮޅި އެޅުމުގެ މަސައްކަތްތަކެވެ.
މީގެ އިތުރުން، މި ހަފްތާގެ ތެރޭގައި ޓައި ރޮޑާއި އެންކާ ބްލޮކްގެ މަސައްކަތް ފެށުމަށް ތާވަލުކުރެވިފައިވާ ކަމަށްވެސް އެމްޓީސީސީން މައުލޫމާތު ދެއެވެ. ބާޒާރުމަތީ ސަރަހައްދުގެ މަގު ހެދުމުގެ އަމަލީ މަސައްކަތް ފަށާފައިވަނީ މިދިޔަ ޑިސެމްބަރު މަހުގެ 9 ވަނަ ދުވަހުއެވެ. މި މަޝްރޫއުގެ ތެރެއިން މަގުގެ 70 މީޓަރުގެ ސަރަހައްދެއްގައި މިހާރު ވަނީ ފެންހޮޅި އަޅާ ނިންމާފައެވެ.
މާލޭގެ ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ހެދުމުގެ ބޮޑު މަޝްރޫއުގެ އަމަލީ މަސައްކަތް ފެށީ އޮގަސްޓް 21 ގައެވެ. ތިން ސެގްމަންޓަކަށް ބަހާލައިގެން ކުރިއަށް ގެންދާ މި މަޝްރޫއުގެ ތެރޭގައި ބޮޑުތަކުރުފާނުމަގު އުތުރު ފަރާތުން ހަތަރު ލޭންއަށް މަގު ފުޅާކުރުމާއި، ހުޅުމާލެ ފެރީ ޓާމިނަލުން ފެށިގެން ލޯކަލް މާރުކޭޓާ ހަމައަށް 830 މީޓަރުގެ ސަރަޙައްދެއްގައި ތާރު އެޅުން ހިމެނެއެވެ.
މީގެ އިތުރުން ދުވާރުތައް ހެދުމާއި، ފެން ހިންދާ ނިޒާމް ގާއިމުކުރުމާއި، ރޯޑް މާކިން އަދި ސައިން ބޯޑް ހަރުކުރުމުގެ މަސައްކަތްވެސް މި މަޝްރޫއުގެ ދަށުން ކުރިއަށްދާނެއެވެ. މި މަސައްކަތުގެ ފުރަތަމަ ބައި މިހާރު ނިމިފައިވާއިރު، އެ ސަރަހައްދު މިހާރު ވަނީ އާންމުންނަށް ހުޅުވާލާފައެވެ.

