މާލޭގެ ވައިޖެހޭ މަގުގައި ރޭ ބިދޭސީންތަކެއްގެ މެދުގައި ހިނގި މާރާމާރީއާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި ތިން މީހަކު ރާއްޖެއިން ފޮނުވާލުމަށް (ޑީޕޯޓުކުރުމަށް) އިމިގްރޭޝަނާ ހަވާލުކުރުމުގެ މަސައްކަތް ފަށައިފިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން މައުލޫމާތު ދެއްވި ގޮތުގައި، ވައިޖެހޭ މަގުގައި ބިދޭސީންތަކެއް މާރާމާރީ ހިންގަމުންދާ ކަމުގެ ރިޕޯޓު ފުލުހުންނަށް ލިބިފައިވަނީ ރޭގެ 11:30 ހާއިރުއެވެ. މި ހާދިސާއާ ގުޅިގެން ފުލުހުން ވަނީ އެ ސަރަހައްދުން ތިން ބިދޭސީއަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
ފުލުހުން ވިދާޅުވީ، މި މާރާމާރީގައި ބައިވެރިވި ބިދޭސީންނަކީ ރާއްޖޭގައި އުޅުމުގެ ހުއްދަ އޮތް ބައެއް ނަމަވެސް، އަމަންއާމާންކަން ގެއްލޭ ފަދަ އަމަލުތައް ހިންގުމާ ގުޅިގެން އެމީހުން ޑީޕޯޓުކުރުމަށްޓަކައި އިމިގްރޭޝަނާ ހަވާލުކުރުމުގެ އިދާރީ މަސައްކަތްތައް މިހާރު ކުރަމުންދާ ކަމަށެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ މި ހާދިސާގެ ވީޑިއޯއިން ފެންނަ ގޮތުގައި، 10 ވަރަކަށް ބިދޭސީން އެ ސަރަހައްދުގައި އެކަކު އަނެކަކާ ކުރިމަތިލައި ހަމަނުޖެހުން ހިންގަމުންދެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މި މާރާމާރީ ހިންގާފައިވަނީ ހެންވޭރުގައި ހުންނަ “ޖެލީ ޓޭކްއަވޭ” ގައި މަސައްކަތްކުރާ ބިދޭސީ މުވައްޒަފުންތަކެއްގެ މެދުގައެވެ.
ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންނާއި، ކުށްތަކަށް އަރައިގަންނަ ބިދޭސީން ހޯދައި ފޮނުވާލުމަށް ސަރުކާރުން ފަށާފައިވާ ހާއްސަ އޮޕަރޭޝަންގެ ދަށުން، މިފަދަ ހަމަނުޖެހުން ހިންގާ ފަރާތްތަކާ މެދު ވަގުތުން ފިޔަވަޅު އަޅާނެ ކަމަށް ކަމާބެހޭ އިދާރާތަކުން ވަނީ ބުނެފައެވެ.

