ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބަށް ބޭނުންވާ 7000 އޮފިޝަލުން ތަމްރީނުކުރުމުގެ މަސައްކަތް މި މަހުގެ 11 ވަނަ ދުވަހު ފެށުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.
މި ބޮޑު ތަމްރީނު ޕްރޮގްރާމް ފެށުމުގެ ކުރިން، ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާ އޮފިޝަލުން ތަމްރީނުކުރާނެ ޓްރެއިނަރުން ތައްޔާރުކުރުމަށް ބާއްވާ “ޓްރެއިނިންގ އޮފް ޓްރެއިނަރސް” (ޓީ.އޯ.ޓީ) ޕްރޮގްރާމް މިއަދު ވަނީ ފަށާފައެވެ. މާލޭގައި ހުންނަ ސެންޓަރ ފޯރ ހަޔަރ ސެކަންޑަރީ އެޑިއުކޭޝަން (ސީ.އެޗް.އެސް.އީ) ގައި ކުރިއަށްގެންދާ މި ޕްރޮގްރާމް މި މަހުގެ 9 ވާ ހުކުރު ދުވަހުގެ ނިޔަލަށް ކުރިއަށްދާނެއެވެ.
އިލެކްޝަންސް ކޮމިޝަނުން މައުލޫމާތު ދޭ ގޮތުގައި، ޓްރެއިނަރުން ތަމްރީނުކުރުމުގެ މި ޕްރޮގްރާމުގައި ރާއްޖޭގެ އެކި ސަރަހައްދުތަކުން ޖުމްލަ 95 ޓްރެއިނަރުން ބައިވެރިވެއެވެ. މީގެ އިތުރުން ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗް.އާރް.ސީ.އެމް) ގެ ފަރާތުންވެސް މި ތަމްރީނުތަކުގައި ބައިވެރިވާކަން އެ ކޮމިޝަނުން ފާހަގަކުރެއެވެ.
މި ތަމްރީނު ޕްރޮގްރާމްގެ މައިގަނޑު މަޤުޞަދަކީ އިންތިޚާބު ކުރިއަށްދާއިރު މާލެއާއި، އަތޮޅުތަކުގެ އިތުރުން ރާއްޖެއިން ބޭރުގައި ބެހެއްޓޭ ވޯޓުފޮށިތަކުގައި މަސައްކަތްކުރާ އޮފިޝަލުންނަށް، ޤާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތަށް ވޯޓުނެގުމާއި ވޯޓުގުނުމުގެ މަސައްކަތްތައް ކުރިއަށް ގެންދާނެ ގޮތް އޮޅުންފިލުވައިދިނުމެވެ. މިގޮތުން އިންތިޚާބުގެ ކަންކަން އަމަލީގޮތުން ހިންގުމަށް ބޭނުންވާ އިލްމީ އަދި ފަންނީ ތަމްރީނު މި ޕްރޮގްރާމުގެ ތެރެއިން ފޯރުކޮށްދެވޭނެއެވެ.
އަތޮޅުތެރޭގައި ވޯޓުނަގާ އޮފިޝަލުން ތަމްރީނުކުރުމުގެ މަސައްކަތް ޖަނަވަރީ 11 ވާ އާދީއްތަ ދުވަހު ފެށުމަށް ހަމަޖެހިފައިވާއިރު، މާލެ ސަރަހައްދުގައި ތަމްރީނު ޕްރޮގްރާމްތައް ފެށުމަށް ހަމަޖެހިފައިވަނީ މި މަހުގެ 15 ވަނަ ދުވަހުއެވެ. މިއީ އިންތިޚާބުގެ ކަންކަން އިންސާފުވެރިކަމާއި އަމާންކަމާއެކު ކުރިއަށް ގެންދިއުމަށްޓަކައި އިލެކްޝަންސް ކޮމިޝަނުން ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ.

