ނިމިދިޔަ 2025ވަނަ އަހަރަކީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ތާރީޚުގައި ރެކޯޑު އަދަދަކަށް ފަތުރުވެރިން ޒިޔާރާތްކުރި އަހަރެއްގެ ގޮތުގައި ތަފާސްހިސާބުތަކުން ދައްކައިފިއެވެ. ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރާއިން އާންމުކޮށްފައިވާ އެންމެ ފަހުގެ ރިޕޯޓުތަކަށް ބަލާއިރު، މިދިޔަ އަހަރު ރާއްޖެއަށް 2.2 މިލިޔަނަށްވުރެ ގިނަ ފަތުރުވެރިން ވަނީ ޒިޔާރާތްކޮށްފައެވެ.
ތަފާސްހިސާބުތައް ދައްކާގޮތުން 2025ވަނަ އަހަރު މުޅި ޖުމްލަ 2,246,516 ފަތުރުވެރިން ރާއްޖެއަށް ޒިޔާރާތްކުރިއެވެ. މިއީ 2024ވަނަ އަހަރު ރާއްޖެއަށް ޒިޔާރާތްކުރި 2,046,615 ފަތުރުވެރިންނާ އަޅާ ބަލާއިރު 9.8 އިންސައްތަ އިތުރު އަދަދެކެވެ. އަހަރުގެ ތެރޭގައި އެންމެ ގިނަ ފަތުރުވެރިން ޒިޔާރާތްކޮށްފައިވަނީ ޑިސެމްބަރު މަހުގައެވެ. އެ މަހު އެކަނިވެސް 224,455 ފަތުރުވެރިން ރާއްޖެއަށް އައިސްފައިވެއެވެ.
ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރާތްކުރި ގައުމުތަކަށް ބަލާއިރު، އެއްވަނައިގައި އޮތީ ޗައިނާއެވެ. ޗައިނާއިން 329,428 ފަތުރުވެރިން ޒިޔާރާތްކުރިއިރު، ދެވަނައިގައި އޮތް ރަޝިއާއިން 278,760 ފަތުރުވެރިން ވަނީ އައިސްފައެވެ. ތިންވަނައިގައި އޮތީ 202,171 ފަތުރުވެރިންނާއެކު އިނގިރޭސިވިލާތެވެ.
ފަތުރުވެރިން ޒިޔާރާތްކުރި އަދަދުގެ އިތުރުން، އެ ފަރާތްތަކުން ރާއްޖޭގައި ކުރި ހޭދަވެސް ވަނީ ރެކޯޑު މިންވަރަކަށް އިތުރުވެފައެވެ. މިދިޔަ އަހަރު ފަތުރުވެރިން ރާއްޖޭގައި 5.4 ބިލިޔަން އެމެރިކާ ޑޮލަރު ހޭދަކޮށްފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ. މިއީ 2024ވަނަ އަހަރާ އަޅާބަލާއިރު 15.8 އިންސައްތައިގެ ކުރިއެރުމެކެވެ.
މި ނަތީޖާއާއެކު 2025ވަނަ އަހަރު ވެގެން ގޮސްފައިވަނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް ބޮޑެތި ކާމިޔާބީތަކެއް ލިބި، އިގްތިސާދީ ގޮތުން ބޮޑު ކުރިއެރުމެއް ލިބުނު އަހަރަކަށެވެ.

