ރާއްޖޭގެ އުމްރާނީ ތަރައްޤީގެ އެންމެ ބޮޑު އެއް ހިއްސާދާރު ކަމަށްވާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން މިދިޔަ އަހަރުގެ ތިންވަނަ ކުއާޓަރުގައި 44 މަޝްރޫއެއްގެ އަމަލީ މަސައްކަތް އަލަށް ފަށާފައިވާކަން އެ ކުންފުނިން ހާމަކޮށްފިއެވެ. މިއީ އެ ކުންފުނިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގަމުންދާ މަޝްރޫއުތަކުގެ ތެރެއިން ފާހަގަކޮށްލެވޭ ކުރިއެރުމެކެވެ.
އެމްޓީސީސީން ހާމަކުރި ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ އަހަރުގެ ތިންވަނަ ކުއާޓަރަކީ އެ ކުންފުނިން ގިނަ މަސައްކަތްތަކެއް ކުރިއަށް ގެންދިޔަ ދުވަސްވަރެކެވެ. އެގޮތުން އެ މުއްދަތުގެ ތެރޭގައި ޖުމްލަ 373 މަޝްރޫއެއްގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވާއިރު، 44 މަޝްރޫއެއްގެ އަމަލީ މަސައްކަތް އަލަށް ފަށައި، އިތުރު 68 މަޝްރޫއެއް އެމްޓީސީސީއާ ވަނީ ހަވާލުކުރެވިފައެވެ. މީގެ އިތުރުން ހިނގަމުންދިޔަ މަޝްރޫއުތަކުގެ ތެރެއިން 6 މަޝްރޫއެއްގެ މަސައްކަތް ވަނީ މުޅިން ނިންމާލާފައެވެ.
މި މަޝްރޫއުތަކުގެ ތެރޭގައި ހިމެނެނީ ރަށްރަށުގެ ބަނދަރު ހެދުމާއި، ބިން ހިއްކުމާއި، ގޮނޑުދޮށް ހިމާޔާތްކުރުމުގެ އިތުރުން މަގު ހެދުމާއި އެއަރޕޯޓް ތަރައްޤީކުރުމުގެ މުހިންމު މަސައްކަތްތަކެވެ. މިދިޔަ ކުއާޓަރުގައި ނިންމާލި ފާހަގަކޮށްލެވޭ މަޝްރޫއުތަކުގެ ތެރޭގައި ހއ. އިހަވަންދޫގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔާތްކުރުން، ހއ. ހޯރަފުށީގެ ގޮނޑުދޮށް ހިމާޔާތްކުރުން، އަދި މ. ދިއްގަރުގެ ގޮނޑުދޮށް ހިމާޔާތްކުރުމުގެ މަސައްކަތް ހިމެނެއެވެ.
މީގެ އިތުރުން، މާލެ ސިޓީ ކައުންސިލްގެ އައު އިމާރާތުގެ ކޮންސަލްޓެންސީއާއި، ތިލަފުށީގެ ލޮޖިސްޓިކް ޓަރމިނަލް އަދި ފެލިދޫގެ އައުޓްޑޯރ ޖިމްގެ މަސައްކަތްވެސް އެމްޓީސީސީން ވަނީ ތިންވަނަ ކުއާޓަރުގައި ނިންމާލާފައެވެ. މި މަޝްރޫއުތަކަކީ ރަށްރަށުގެ އިޖުތިމާއީ އަދި އިޤްތިޞާދީ ތަރައްޤީއަށް މުހިންމު ދައުރެއް އަދާކުރާނެ މަސައްކަތްތަކެއް ކަމަށް ބެލެވެއެވެ.
މާލީ ގޮތުން ބަލާއިރު، އެމްޓީސީސީއަށް ތިންވަނަ ކުއާޓަރުގައި 501.2 މިލިޔަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވެއެވެ. ކުންފުނި ހިންގައިގެން 29.3 މިލިޔަން ރުފިޔާގެ ފައިދާއެއް ހޯދާފައިވާއިރު، ޖުމްލަ ފައިދާގެ ގޮތުގައި 13.4 މިލިޔަން ރުފިޔާ ލިބިފައިވާކަމަށް އެ ކުންފުނީގެ ރިޕޯޓުތަކުން ދައްކައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ރަށްރަށުގެ ތަރައްގީއަށް ހާއްސަ އިސްކަމެއް ދެމުންދާއިރު، އެމްޓީސީސީން އަންނަނީ އެކުންފުންޏާ ހަވާލުކުރެވިފައިވާ މަޝްރޫއުތައް ވީހާވެސް ހަލުވި މިނެއްގައި ނިންމުމަށް މަސައްކަތް ކުރަމުންނެވެ.

