އަންނަ ބުދަ ދުވަހު އޮލިމްޕަސް ސިނަމާގައި ރިލީޒްކުރުމަށް ހަމަޖެހިފައިވާ ދިވެހި ފިލްމު “ޕަރީ” ޕްރިމިއާ ކުރުމަށް ބޮލީވުޑްގެ މަޝްހޫރު ފަންނާނަކު ރާއްޖެ އަންނާނެކަން އެ ފިލްމުގެ ޕްރޮޑަކްޝަން ޓީމުން ހާމަކޮށްފިއެވެ. މިއީ ދިވެހި ފިލްމީ ދާއިރާއަށް ލިބިގެންދާނެ ބޮޑު ކުރިއެރުމެއްގެ ގޮތުގައި ގިނަ ބަޔަކު ދަނީ ސިފަކުރަމުންނެވެ.
ފިލްމުގެ ޕްރޮޑަކްޝަން ޓީމުން ބުނީ ފިލްމުގެ ޕްރިމިއާ ނައިޓަށް ބޮލީވުޑްގެ މަޝްހޫރު ފަންނާނެއް އަންނާނެ ކަމަށެވެ. ނަމަވެސް އެއީ ކޮން ފަންނާނެއް ކަމެއް އަދި އެ ޓީމުން ރަސްމީކޮށް ހާމަކޮށްފައެއް ނުވެއެވެ. މިއީ ފިލްމު ބަލަންދާ ފަރާތްތަކަށް ދޭ ސަޕްރައިޒެއްގެ ގޮތުގައި ވަނީ ބެލެވިފައެވެ.
“ޕަރީ” އަކީ ބިރުވެރި އަދި އިހުސާސްތަކުން ފުރިގެންދާނެ ފިލްމެއް ކަމަށް އެ ފިލްމުގެ ޓީމުން ދަނީ ބުނަމުންނެވެ. ފިލްމުގެ ޓްރެއިލާ އާންމުކުރުމާއެކު ގިނަ ބައެއްގެ ސަމާލުކަން ވަނީ މި ފިލްމަށް ހުއްޓިފައެވެ. ޓްރެއިލާ ބެލުމަށްފަހު ގިނަ ބަޔަކު ބުނަމުން ދަނީ މި ފިލްމަކީ ވަރަށް މޮޅު އަދި ބިރުވެރި ފިލްމަކަށް ވާނެ ކަމަށް ގަބޫލުކުރެވޭ ކަމަށެވެ.
ސްރީލަންކާގައި މަންޒަރުތައް ނަގާފައިވާ މި ފިލްމަކީ ގިނަ ދުވަސްތަކަކަށްފަހު އަލީ ސީޒަން ދިވެހި ސިނަމާއިން ފެނިގެންދާނެ ފިލްމެކެވެ. މި ފިލްމަކީ އަހުމަދު އަހުސަން އާއި އަލީ ސީޒަން ގުޅިގެން ޕްރޮޑިއުސްކޮށްފައިވާ ފިލްމެކެވެ. ފިލްމުގެ ޓްރެއިލާ އިން ފެންނަ ގޮތުގައި ލީޑް ރޯލުތަކުން ފެންނަ ތަރިންގެ މޮޅު ހުނަރާއެކު، ފިލްމުގައި ހިނގާ ބިރުވެރި ހާދިސާތަކުން އެމީހުންނަށް ކުރާ އަސަރު ވަރަށް ފުރިހަމައަށް ދައްކުވައިދެއެވެ.
މި ފިލްމުގެ މުހިންމު ރޯލުތަކުން ފެނިގެންދާނީ ޝީލާ ނަޖީބް، ރިޝްމީ ރަމީޒް، އައިޝަތު ލަމްސާ ލަތީފް، ޖުމައްޔިލް ނިމާލް، މުހައްމަދު ނައުޝާދު އަލީގެ އިތުރުން އަލީ ސީޒަންއެވެ. މި ފިލްމަކީ ދިވެހި ސިނަމާއަށް އާ ދިރުމެއް ގެނެސްދޭނެ ފިލްމެއް ކަމަށް ގިނަ ބަޔަކު އުންމީދު ކުރެއެވެ.

