އޯގާތެރިކަމާއެކު ސިޔާސަތުތައް ބައްޓަންކޮށް، އެންމެން ޝާމިލުވާ ރާއްޖެއެއް ބިނާކުރުމުގައި ސަރުކާރުން ދެމިތިބޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ބައިނަލްއަޤުވާމީ ގޮތުން ފާހަގަކުރާ ބްރެއިލް ދުވަހާ ގުޅިގެން ސޯޝަލް މީޑިއާގައި ޙިއްސާ ކުރެއްވި ޕޯސްޓެއްގައެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ދުނިޔޭގެ ބްރެއިލް ދުވަސް ފާހަގަކުރަނީ އުނގެނުމަށް ބްރެއިލްއިން ހުޅުވާލަދޭ ދޮރުތަކާއި އޭގެ ސަބަބުން ލިބިގެންދާ މިނިވަން ކަމަށްޓަކައި ކަމަށެވެ. އަދި ބްރެއިލްއަކީ ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އަބުރުވެރިކަމާއެކު ދިރިއުޅުމުގެ ބާރު ލިބިދޭ މުހިންމު ވަސީލަތެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އެންމެން ޝާމިލުވާ މުޖުތަމަޢެއް ބިނާކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، އެފަދަ މުޖުތަމަޢެއް ބިނާ ކުރެވޭނީ ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތާއި ފުރުޞަތުތައް ލިބިގެން ކަމަށެވެ. “ދިވެހިރާއްޖޭން އަބަދުވެސް މަސައްކަތް ކުރާނީ، އޯގާތެރިކަމާއެކު ސިޔާސަތުތައް ބައްޓަންކޮށް ކޮންމެ ނިންމުމެއްވެސް އެންމެން ޝާމިލުވާ ގޮތަށް ނިންމުމަށް،” ރައީސް ވިދާޅުވިއެވެ. އަދި އެއްވެސް މީހަކު ބާކީވިޔަ ނުދޭ ރާއްޖެއެއް ބިނާކުރުމުގެ އަޒުމް އެމަނިކުފާނު އައުކުރެއްވިއެވެ.
އެންމެން ޝާމިލުވާ މުޖުތަމަޢެއް ބިނާކުރުމަށްޓަކައި ސަރުކާރާއި ދައުލަތުގެ މުއައްސަސާތަކުން މިހާރުވެސް އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އަބުރުވެރިކަމާއެކު ދިރިއުޅެވޭނެ މަގު ފަހިކުރުމަށް ސަރުކާރުގެ އެކި ކުންފުނިތައް މެދުވެރިކޮށް ވަޒީފާގެ ފުރުޞަތުތައް ދަނީ ފޯރުކޮށްދެމުންނެވެ.
މީގެ އިތުރުން، ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް މިނިވަންކަމާއެކު ވޯޓުލުމުގެ ޙައްޤު ކަށަވަރުކޮށްދިނުމަށްޓަކައި، ބްރެއިލް ބޭނުންކޮށްގެން ވޯޓުލެވޭނެ އިންތިޒާމު މިހާރު ވަނީ ރާއްޖޭގައި ހަމަޖައްސާފައެވެ. އަދި އާންމު ޚިދުމަތްތައް ފޯރުކޮށްދިނުމުގައިވެސް ބްރެއިލް ބޭނުންކުރުން އަންނަނީ އިތުރުވަމުންނެވެ.
ކޮންމެ އަހަރެއްގެ ޖެނުއަރީ މަހުގެ 4 ވަނަ ދުވަސް ބައިނަލްއަޤުވާމީ ބްރެއިލް ދުވަހުގެ ގޮތުގައި ފާހަގަކުރަނީ، ބްރެއިލްގެ ބާނީ ލުއީސް ބްރެއިލްގެ އުފަންދުވަހާ ގުޅުވައިގެންނެވެ. މި ދުވަސް ފާހަގަކުރުމުގެ މައިގަނޑު މަޤްޞަދަކީ ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ބާރުވެރިކުރުވުމުގައި ބްރެއިލްގެ މުހިންމުކަމާ މެދު އާންމުން ހޭލުންތެރިކުރުވުމެވެ.

