ރޯދަ ހަދިޔާގެ ގޮތުގައި ރައްޔިތުންނަށް ބަހާ މަސްދަޅުގެ 75 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާއްމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ. ވަޒީރު މިކަން ހާމަކުރެއްވީ ދައުލަތުގެ މީޑިއާގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުންނެވެ.
ވަޒީރު ވިދާޅުވީ މިދިޔަ އަހަރު ރޯދަ ހަދިޔާ ބެހުމުގެ ކަންކަން ވުޒާރާގެ ޒިންމާގެ ދަށަށް އައީ އެންމެ އެކަށީގެންވާ ގޮތެއްގައި އެކަން ތަރުތީބު ނުކުރެވި އޮތް ހާލަތެއްގައި ކަމަށެވެ. ނަމަވެސް، ދިމާވި ދަތިތަކުން އަރައިގަނެ ދައުލަތުގެ މުއައްސަސާތަކާ ގުޅިގެން ކާމިޔާބުކަމާއެކު އެ މަސައްކަތް ކުރިއަށް ގެންދެވުނުކަން އޭނާ ފާހަގަކުރެއްވިއެވެ.
"އޭރު ދިމާވި އަނެއް ގޮންޖެހުމަކީ ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް މަސްދަޅު ބަހަންޖެހުނުއިރު ދުރާލާ ތައްޔާރުވެވިފައި ނެތުމުގެ ސަބަބުން އެންމެ އެކަށީގެންވާވަރަށް މަސްދަޅުތަކެއް ނެތް އޭރު ތައްޔާރުކުރެވިފައެއް. އެކަމުގެ ތަޖުރިބާގެ އަލީގައި މިއަހަރު މިއަންނަނީ ތައްޔާރުވަމުން. އެގޮތުން މިފްކޯއިން އަޅުގަނޑުމެންނަށް މައުލޫމާތުދޭ ގޮތުގައި ރޯދަ ހަދިޔާގެ ގޮތުގައި ބަހާ މަސްދަޅުގެ 75 އިންސައްތަ މަސައްކަތް ވަނީ މިހާރު ނިމިފަ،" ވަޒީރު އާދަމް ޝަރީފް ވިދާޅުވިއެވެ.
ރޯދަ ހަދިޔާ ބެހުމުގެ މަސައްކަތް މި ހިނގާ ޖަނަވަރީ މަހުގެ ކުރީކޮޅު ފެށިގެންދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. މިދިޔަ ރަމަޟާން މަހު ސަރުކާރުން ވަނީ ޖުމްލަ 111,231 މަސްދަޅު ކޭސް ހަދިޔާކޮށްފައެވެ. މީގެ ތެރޭގައި މާލޭގެ ގޭބިސީތަކަށް ދޫކުރި 50,519 ކޭހާއި، އަތޮޅުތެރޭގެ ގޭބިސީތަކަށް ދޫކުރި 60,712 ކޭސް ހިމެނެއެވެ.
ރޯދަ ހަދިޔާއަކީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ޚާއްޞަ ވަޢުދުފުޅެއްގެ ދަށުން ދިވެހި ރައްޔިތުންނަށް ދެއްވަން ފެއްޓެވި ހަދިޔާއެކެވެ. މަސްދަޅު ކޭހުގެ އިތުރުން، ކުރިއަށް އޮތް ރަމަޟާން މަހުވެސް ޑޮމެސްޓިކް ރޭޓުން ބިލްކުރާ ގޭބިސީތަކުގެ ކަރަންޓު ބިލުން ޑިސްކައުންޓު ލިބޭނެކަން ރައީސް ވަނީ ހާމަކުރައްވާފައެވެ. އެގޮތުން ރަމަޟާން މަހު ކަރަންޓު ބިލަށް ދައްކަންޖެހޭނީ 400 ރުފިޔާކަން ސަރުކާރުން ވަނީ ކަނޑައަޅުއްވާފައެވެ.

