ގދ. ތިނަދޫ އިންޑަސްޓްރިއަލް ޒޯންގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ މަސައްކަތްތައް ބާރުސްޕީޑުގައި ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.
އެމްޓީސީސީން ހާމަކޮށްފައިވާ ގޮތުގައި، ތިނަދޫ އިންޑަސްޓްރިއަލް ޒޯންގެ ބިން ހިއްކުމުގެ އިތުރުން، ފޭސް 2 ގެ ގޮނޑުދޮއް ހިމާޔަތް ކުރުމުގެ މަސައްކަތުގެ ތެރެއިން އެ ސަރަހައްދު ކޮނުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ. މި މަޝްރޫއަކީ ތިނަދޫގެ އިގްތިސާދީ ކުރިއެރުމަށް އަމާޒުކޮށްގެން ކުރިއަށްގެންދާ މުހިންމު މަޝްރޫއެކެވެ.
މި މަޝްރޫއުގެ އެންމެ ފަހުގެ ތަފްސީލުތައް ހިއްސާކުރަމުން އެމްޓީސީސީން ބުނީ، މަޝްރޫއުގެ ބޮޑުބައެއް މިހާރު ނިމިފައިވާ ކަމަށެވެ. އެގޮތުން ރިވެޓްމަންޓް ޖެހުމުގެ މަސައްކަތުގެ 77 އިންސައްތަ އަދި އެއްގަމު ތޮށިލުމުގެ މަސައްކަތުގެ 96 އިންސައްތަ ވަނީ ފުރިހަމަކުރެވިފައެވެ. މީގެ އިތުރުން، ކޮންކްރީޓް ބްރިޖް ހެދުމުގެ މަސައްކަތުގެ 65 އިންސައްތަ މިހާރު ވަނީ ނިމިފައެވެ.
މި މަޝްރޫއަކީ 2022 ވަނަ އަހަރު އެމްޓީސީސީން އަމަލީ މަސައްކަތް ފެށި މަޝްރޫއެކެވެ. މި މަސައްކަތް އެ ކުންފުންޏާ ހަވާލުކޮށްފައިވަނީ މިނިސްޓްރީ އޮފް ފިނޭންސްގެ ފަރާތުން 125.2 މިލިއަން ރުފިޔާއަށެވެ. މި މަޝްރޫއު ނިންމުމަށް ކަނޑައަޅާފައިވަނީ 660 ދުވަހުގެ މުއްދަތެކެވެ.
ތިނަދޫން އަލަށް ހިއްކާ މި ބިން ތަރައްގީ ކުރުމަށް ހަމަޖެހިފައިވަނީ ސިނާއީ މަސައްކަތްތަކަށް ހާއްސަ އަވަށެއްގެ ގޮތުގައެވެ. މި ސަރަހައްދު ނިމުމުން ރަށުގެ ސިނާއީ މަސައްކަތްތަކަށް ބޭނުންވާ ޖާގަ ލިބި، ރަށުގެ އިގްތިސާދަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.

