އަތޮޅުތަކުގައި އިސްރަށްވެހިންގެ ނާދީ ތަރައްޤީ ކުރުމަށް ކައުންސިލްތަކުގެ ޝައުޤުވެރިކަން ބޮޑު ކަމަށާއި، މި އަހަރުގެ ތެރޭގައި ރާއްޖޭގެ 4 އަތޮޅެއްގައި އިސްރަށްވެހިންގެ ނާދީ ހުޅުވާނެ ކަމަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ހާމަކުރައްވައިފިއެވެ.
އިސްރަށްވެހިންނަށް ދޭންޖެހޭ ރައްކާތެރިކަން ކަށަވަރުކޮށް، މުޖުތަމަޢުގައި އިސްރަށްވެހިންގެ ދައުރު ފުޅާކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅެކެވެ. މި ވަޢުދުފުޅުގެ ދަށުން ސަރުކާރުން ވަނީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އިސްރަށްވެހިންގެ މަރުކަޒުތައް ޤާއިމުކުރުމަށް ނިންމަވާފައެވެ.
އިސްރަށްވެހިންގެ ނާދީ ތަރައްޤީ ކުރުމާ ގުޅޭގޮތުން އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢާއިޝަތު ޝިހާމް ވިދާޅުވީ، އިސްރަށްވެހިން އެ އުމުރަށް ދިޔުމުން ވަރަށް ބޮޑަށް އެކަނިވެރިކަން އިޙުސާސް ކުރާ ކަމަށެވެ. އެހެންކަމުން، އެކަނިވެރިކަން ކުޑަކުރުމަށާއި އުފާވެރި މާޙައުލެއްގައި ވަގުތު ހޭދަކުރުމަށް އެ ފަރާތްތައް އެއްތަނަކުން ބައްދަލުވާނެ ތަނެއް ހުރުމަކީ ނުހަނު މުހިންމު ކަމެއް ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
ވަޒީރު އިތުރަށް ވިދާޅުވީ، މިހާތަނަށް 74 ކައުންސިލަކުން ނާދީ ތަރައްޤީ ކުރުމަށް ޝައުޤުވެރިކަން ފާޅުކޮށްފައިވާ ކަމަށެވެ. “ވަރަށް ބޮޑު ވިސްނުމެއް އަތޮޅު ކައުންސިލްތަކާއި އަތޮޅުގެ ހިނގުމުގައި ތިއްބަވާ ބޭފުޅުންގެ އެބައޮތްކަން. އެގޮތުން ގާތްގަނޑަކަށް 74 ކައުންސިލަކުން ވަނީ ޝައުޤުވެރިކަން ފާޅުކޮށްފައި،” ވަޒީރު ވިދާޅުވިއެވެ. އަދި ކުރިއަށް އޮތް 6 މަސް ދުވަހުގެ ތެރޭގައި ބައެއް ރަށްރަށުގައި ނާދީތައް އުފެދިގެންދާނެ ކަމަށާއި، އެކަމަށް ބޭނުންވާ ތަމްރީނުތައް ވެސް މިހާރު ކުރިއަށްދާ ކަމަށް އެކަމަނާ ވިދާޅުވިއެވެ.
މާލެ ސަރަހައްދުގެ އިތުރުން މި އަހަރު އިސްރަށްވެހިންގެ ނާދީ ތަރައްޤީކުރުމަށް ހަމަޖެހިފައިވަނީ ލ. އަތޮޅު، ދ. އަތޮޅު، ރ. އަތޮޅު އަދި ށ. އަތޮޅުގައެވެ. މި ނާދީތައް ހިންގާނީ އެ ރަށްރަށުގެ ކައުންސިލްތަކުން ކަމަށްވީ ނަމަވެސް، ހަރަކާތްތައް ހިންގުމުގައި ބޭނުންވާ ފަންނީ އެހީތެރިކަން ވުޒާރާއިން ފޯރުކޮށްދެއްވާނެއެވެ.
ސަރުކާރުގެ އުންމީދަކީ މާލެ ސަރަހައްދެކޭ އެއްގޮތަށް އަތޮޅުތަކުގައި ތަރައްޤީ ކުރާ ނާދީތަކުގައި ވެސް އިސްރަށްވެހިންނަށް ބޭނުންވާ ތަފާތު މުބާރާތްތަކާއި، އިޖުތިމާޢީ ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމެވެ. މީގެ ސަބަބުން އިސްރަށްވެހިންގެ ދުޅަހެޔޮކަމާއި މުޖުތަމަޢުގައި އެފަރާތްތަކުގެ ބައިވެރިވުން އިތުރުވެގެންދާނެ ކަމަށް ބެލެވެއެވެ.

