ދިވެހި އުފެއްދުމެއް ކަމަށްވާ ބިރުވެރި ފިލްމު ‘ޕަރީ – ޗެޕްޓަރ 1’ ގެ ޕްރިމިއާ ހަފްލާގައި ބައިވެރިވުމަށް އިންޑިއާގެ ހުނަރުވެރި އެކްޓަރު ސޫރްޖަސިކާ ދާސް ރާއްޖެ އައުމަށް ހަމަޖެހިއްޖެއެވެ. މި ފިލްމު ޕްރިމިއާ ކުރުމަށް ތާވަލުކޮށްފައިވަނީ 7 ޖެނުއަރީ 2026 ގައެވެ.
އިންޑިއާގެ އާސާމަށް އުފަން ސޫރްޖަސިކާ އަކީ ކުޑައިރުއްސުރެ އެކްޓިންގެ ދާއިރާއަށް ޝައުގުވެރިކަން ހުރި ނަމަވެސް، ތައުލީމަށް އިސްކަންދީގެން ފައިނޭންސްގެ ދާއިރާއިން އެމްބީއޭ ހާސިލްކޮށްފައިވާ ފަރާތެކެވެ. އޭނާ އެކްޓިންގެ ދާއިރާއަށް ރަސްމީކޮށް ވަދެފައިވަނީ 2019 ވަނަ އަހަރުގެ ފެބްރުއަރީ މަހު އޮޑިޝަންތަކުން ފުރުސަތު ހޯދައިގެންނެވެ.
ސޫރްޖަސިކާގެ ފުރަތަމަ ބޮޑު ކާމިޔާބީއަކީ 2019 ވަނަ އަހަރުގެ އޭޕްރިލް މަހު މަޝްހޫރު ޑައިރެކްޓަރު ރުޗީ ނަރައިންގެ އިންޑަސްއިންޑް ބޭންކްގެ އިޝްތިހާރަކުން ލިބުނު ފުރުސަތެވެ. އޭގެ ފަހުން 2023 ވަނަ އަހަރު ޔޫއޭއީގެ ބެލުންތެރިންނަށް އަމާޒުކޮށް އުފެއްދި ވެބް ސީރީޒްއަކުން ބޮޑު ރޯލެއް ލިބި، އޭނާ ވަނީ ބައިނަލްއަގުވާމީ ސަމާލުކަން ހޯދާފައެވެ.
އެކްޓިންގެ އިތުރުން ސޫރްޖަސިކާ އަކީ ބާރަތުނަޓްޔަމް އާއި ފްރީސްޓައިލް ނެށުމުގެ ތަމްރީނު ހޯދާފައިވާ، އަދި ހިންދުސްތާނީ ކްލެސިކަލް މިއުޒިކް އުނގެނިފައިވާ ފަންނާނެކެވެ. އޭނާގެ މި ހުރިހާ ކާމިޔާބީއެއްގެ ފަހަތުގައިވަނީ އޭނާގެ މަންމަގެ ފަރާތުން ލިބުނު އެއްބާރުލުމާއި އިރުޝާދު ކަމަށް އޭނާ ގަބޫލުކުރެއެވެ.
ސޫރްޖަސިކާގެ އާއިލާއަކީ ތައުލީމީ ގޮތުން ފާހަގަކޮށްލެވޭ އާއިލާއެކެވެ. އޭނާގެ ދެ ދައްތައިންގެ ތެރެއިން އެކަކީ ލެކްޗަރާއެއް ކަމަށްވާއިރު، އަނެއް ދައްތައަކީ ޑޮކްޓަރެކެވެ. މިފަދަ ހުނަރުވެރި ފަންނާނަކު ދިވެހި ފިލްމެއްގެ ޕްރިމިއާ އަށް ރާއްޖެ އައުމަކީ ދިވެހި ފިލްމީ ދާއިރާއަށް ލިބޭނެ ކުރިއެރުމެއް ކަމަށް ބެލެވެއެވެ.

