ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ދިމާވެފައިވާ މާލީ ގޮންޖެހުންތަކަށް ހައްލެއް ހޯދައިދިނުމުގެ މަގުސަދުގައި "ބިޒްނަސް އެކްސްޕޭންޝަން ފައިނޭންސިންގ" ގެ ނަމުގައި އެސްއެމްއީ ޑިޖިޓަލްއިން އައު ފައިނޭންސިންގ ޕްރޮޑަކްޓެއް މިއަދު ތައާރަފްކޮށްފިއެވެ. މި ފައިނޭންސިންގެ މައިގަނޑު ބޭނުމަކީ މިހާރުވެސް ހިނގަމުންދާ ވިޔަފާރިތައް އިތުރަށް ތަރައްގީކޮށް ފުޅާކުރުމަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމެވެ.
މި ފައިނޭންސިންގެ ދަށުން ވިޔަފާރިތަކަށް ބޭނުންވާ ހަރުމުދާ ގަތުމަށާއި، އާމްދަނީ އިތުރުކުރުމަށްޓަކައި އައު ދާއިރާތަކަށް ވިޔަފާރި ފުޅާކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ. މީގެ އިތުރުން، އުފެއްދުންތެރިކަން އިތުރުކުރުމަށާއި ވިޔަފާރީގެ އައު އައުޓްލެޓްތައް ހުޅުވުމަށްވެސް މި ފެސިލިޓީ ބޭނުންކުރެވޭނެ ކަމަށް އެސްއެމްއީ ޑިޖިޓަލްއިން މައުލޫމާތުދެއެވެ.
މި ސްކީމްގެ ދަށުން އެއްވެސް ރަހުނަކާނުލާ 1,000,000 ރުފިޔާއާ ހަމައަށް ފައިނޭންސް ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި ޖުމްލަ 5,000,000 ރުފިޔާއާ ހަމައަށް މާލީ އެހީތެރިކަން ފޯރުކޮށްދޭއިރު، ފައިސާ އަނބުރާ ދެއްކުމަށް 10 އަހަރުގެ ދިގު މުއްދަތެއް ލިބޭނެއެވެ. މީގެ ތެރޭގައި 12 މަސްދުވަހުގެ ގްރޭސް ޕީރިއަޑެއް ނުވަތަ ފައިސާ ދައްކަން ނުޖެހޭ މުއްދަތެއްވެސް ހިމެނެއެވެ.
މިކަމާ ގުޅޭގޮތުން އެސްއެމްއީ ޑިޖިޓަލްގެ ސީއީއޯ ބަދުރުއްދީން ހަސަން ވިދާޅުވީ، މި ފައިނޭންސިންގ މެދުވެރިކޮށް ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުން ކަނޑައަޅާފައިވާ ލަނޑުދަނޑިތަކަށް ވާސިލްވުމަށް ބޮޑު ބާރަކަށް ވެގެންދާނެ ކަމަށެވެ. "މި ފައިނޭންސިންގެ އެހީގައި ވިޔަފާރިތައް ތަރައްގީކޮށް، ކުރިއަށް އޮތް މަރުހަލާއަށް ވާސިލްވުމަށް އެހީތެރިވެދޭނެ. މިއީ އުފެއްދުންތެރިކަން އިތުރުކުރުމަށާއި، އައު މާކެޓްތަކަށް ވަނުމަށާއި އަދި އައު އައުޓްލެޓްތައް ހުޅުވައި ވިޔަފާރީގެ ކުރިމަގު އުޖާލާކުރުމަށް ލިބޭ ރަނގަޅު ފުރުސަތެއް،" ބަދުރުއްދީން ވިދާޅުވިއެވެ.
ބަދުރުއްދީން އިތުރަށް ފާހަގަކުރެއްވި ގޮތުގައި މި ފައިނޭންސިންގެ ސަބަބުން މުޅި އިގްތިސާދަށްވެސް ހެޔޮ އަސަރުތަކެއް ކުރާނެއެވެ. މި ފައިނޭންސިންނަށް އެދި ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ އެސްއެމްއީ ޑިޖިޓަލްގެ ރަސްމީ ވެބްސައިޓް www.smedigital.mv ގައި ހިމެނޭ އެސްއެމްއީ ޕޯޓަލް މެދުވެރިކޮށް ހުޅުވާލާފައެވެ.

