ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެކުގައި ބޭއްވުމަށްޓަކައި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށް އިސްލާޙު ގެނައުމުގެ ބިލެއް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ. މި ބިލު މަޖިލީހަށް ހުށަހަޅުއްވާފައިވަނީ އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާޙެވެ.
ސަރުކާރުގެ ފަރާތުން މި ބިލު ހުށަހެޅުއްވި މައިގަނޑު މަޤްޞަދަކީ ރައީސުލްޖުމްހޫރިއްޔާއަކު ހޮވުމަށް ބާއްވާ އިންތިޚާބާއި މަޖިލިސް މެންބަރުން ހޮވުމަށް ބާއްވާ އިންތިޚާބު އެއް ތާރީޚެއްގައި ބޭއްވުމަށް ކަނޑައެޅުމެވެ. މި ބަދަލާއެކު މަޖިލީހުގެ އުމުރު ގުނުމުގެ އުސޫލަށްވެސް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށް ބިލުގައި ބަޔާންކޮށްފައިވެއެވެ.
ބިލުގައިވާ ގޮތުން، މަޖިލީހުގެ އުމުރަކީ ކޮންމެ 5 އަހަރެއްގެ ޑިސެމްބަރު މަހުގެ 1 ވަނަ ދުވަހުން ފެށިގެން ހިނގާ މުއްދަތެކެވެ. އަދި ކުރިއަށް އޮތް ތަނުގައި މަޖިލިސް އިންތިޚާބު ބާއްވާނީ ޤާނޫނުއަސާސީގެ 110 ވަނަ މާއްދާގެ ދަށުން ބާއްވާ ރިޔާސީ އިންތިޚާބާ އެކުގައެވެ. އައު މަޖިލީހުގެ ފުރަތަމަ ޖަލްސާ ބާއްވަން ޖެހޭނީ ޑިސެމްބަރު 1 ވަނަ ދުވަހު ކަމަށްވެސް ބިލުގައި ކަނޑައަޅާފައިވެއެވެ.
މި އިސްލާޙުގެ ސަބަބުން މިހާރު ހިނގަމުންދާ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ދައުރު ކުރުވެގެންދާނެއެވެ. މިހާރު އޮތް ގޮތުން 2029 ވަނަ އަހަރު މަޖިލީހުގެ ދައުރު ހަމަވި ނަމަވެސް، މި ބިލު ފާސްވުމުން 20 ވަނަ މަޖިލީހުގެ އުމުރު 1 ޑިސެމްބަރު 2028 އަށް ހަމަވާނެއެވެ. އެހެންކަމުން ދެން އެންމެ އަވަހަށް ބާއްވާ އިންތިޚާބުތައް ވާނީ މި އިސްލާޙާ އެއްގޮތަށް ބާއްވާ އިންތިޚާބުތަކަކަށެވެ.
ދެ އިންތިޚާބު އެކުގައި ބޭއްވުމަކީ އިންތިޚާބުތަކަށް ދައުލަތުން ކުރަންޖެހޭ ޚަރަދު ކުޑަވެ، ވޯޓުލާ މީހުންގެ އަދަދު އިތުރުވާނެ ކަމެއް ކަމަށް ސަރުކާރުން ދެކެއެވެ. މީގެ ކުރިން އިލެކްޝަންސް ކޮމިޝަނުންވެސް ވަނީ ދެ އިންތިޚާބު ދޭތެރޭ އޮންނަ ކުރު މުއްދަތުގެ ސަބަބުން އިދާރީ ގޮތުންނާއި މާލީ ގޮތުން ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާކަން ފާހަގަކޮށްފައެވެ.
މި ބަދަލަކީ ސިޔާސީ ޕާޓީތަކަށާއި، ކެންޑިޑޭޓުންނަށާއި، އަދި ވޯޓުލާ ރައްޔިތުންނަށްވެސް އިންތިޚާބުތަކުގެ ސަބަބުން އުފުލަންޖެހޭ ތަކުލީފުތައް ކުޑަކޮށްދޭނެ ބަދަލެއް ކަމަށް ބެލެވެއެވެ.

