ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިއުލާންކުރެއްވި ގޮތަށް، ފުރާނައަށް ނުރައްކާވާފަަދަ ބޮޑެތި ބަލިތަކަށް ބޭސް ކުރުމަށް ޕެންޝަން ފައިސާއިން ޚަރަދުކުރެވޭ ގޮތް ހެދުމަށް، ޕެންޝަނާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ. ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ހުށަހެޅުއްވީ މިލަންދޫ ދާއިރާގެ މެންބަރު ހަސަން މުފީދު އަބްދުލްގާދިރެވެ.
މި ބިލުގެ ފުރަތަމަ ކިޔުން އިއްވުމާއި ބިލަށް ބަހުސްކުރުން ދައުރުން ބޭރުން މާދަމާ ބާއްވާ ޖަލްސާގައި ކުރިއަށް ގެންދިޔުމަށް ވަނީ އެޖެންޑާ ކޮށްފައެވެ. މި އިސްލާހުގެ އެންމެ މުހިންމު އެއް ބޭނުމަކީ ފުރާނައަށް ނުރައްކާވާފަަދަ ބޮޑު ބައްޔެއް ނުވަތަ ޓާމިނަލް އިލްނަސްގެ ޙާލަތުގައިވާ ފަރާތްތަކަށް ޕެންޝަން ފަންޑުގައިވާ ފައިސާ ދޫކުރުމުގެ އުސޫލުތައް ޤާނޫނުގައި ކަނޑައެޅުމެވެ.
މިވަގުތު ރާއްޖޭގެ ޕެންޝަން ނިޒާމު އޮތްގޮތުން ދައުލަތުގެ ބަޖެޓަށް ބުރަވާތީވެ، ޕެންޝަން ނިޒާމަށް އަހަރުން އަހަރަށް ޚަަރަދުކުރަންޖެހޭ މިންވަރު ވަރަށް ބޮޑަށް އިތުރުވެއެވެ. މިކަން ހައްލުކުރުމަށް އެކި ސަރުކާރުންތަކުން އެކި ފަހަރު މަސައްކަތްކުރި ނަމަވެސް، އެކަށީގެންވާ ހައްލެއް މިހާތަނަށް ގެނެވިފައެއް ނުވެއެވެ. ނަމަވެސް ޕެންޝަން ނިޒާމުގައި ހުރި ނަހަމަ އެތައް ކަމެއް ހައްލުކުރުމަށް ޚާއްސަ ފިޔަވަޅުތަކެއް އެޅުއްވުމަށް އަދުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ނިންމަވާފައެވެ.
ފުރާނައަށް ނުރައްކާވާފަަދަ ބޮޑު ބައްޔެއް ކަމަށް މި އިސްލާހުގައި ބުނެފައިވަނީ އެކަށީގެންވާ ޞިއްޙީ ފަރުވާ ފޯރުކޮށްދިން ނަމަވެސް، 12 މަހަށް ވުރެ ދިގު މުއްދަތަކަށް އެ މީހަކު ދިރިހުރުމަކީ ނާދިރުކަމެއް ކަމަށް އެފަދަ ބައްޔަކާ ބެހޭ ސްޕެޝަލިސްޓު ޑޮކްޓަރަކު ކަނޑައަޅާފައިވާ ޞިއްޙީ ހާލަތްތަކަށެވެ. ޕެންޝަން ލިބޭ އުމުރު ހަމަނުވިކަމުގައިވިޔަސް ބޮޑު ބައްޔަކަށް ފަރުވާ ހޯދާ ހާލަތެއްގައި ޕެންޝަންގައި ހުރި ފައިސާ ދޫކޮށްދިނުމަށް އެދި ހުށަހަޅައިފިނަމަ، ވަކިވަކިން ނުވަތަ އެއްފަހަރާ އެ ފައިސާ ދޫކުރެވޭނެ ކަމަށް އިސްލާހުގައިވެއެވެ.
މި ބިލުގައި ޙައްޖުވުމަށްޓަކައި ކުރިއާލައި ޖާގަ ރިޒާވްކުރުމަށް ޕެންޝަން ފަންޑުގެ ފައިސާ ބޭނުންކުރެވޭނެ ގޮތްތައްވެސް ވަނީ ހިމަނާފައެވެ. އެގޮތުން ހައްޖަށް ދިއުމަށްޓަކައި ހައްޖު ކޯޕަރޭޝަނަށް ދައްކަންޖެހޭ އަގުގެ 20 އިންސައްތަ ދައްކައިފިނަމަ، ބާކީ 80 އިންސައްތަ ފައިސާ ޕެންޝަން އެކައުންޓުން ދެއްކޭނެ ގޮތް ހެދުމަށް ވަނީ ހުށަހަޅާފައެވެ.
ޚާއްސަ ހާލަތްތަކުގައި ޕެންޝަން ފަންޑުން ފައިސާ ލިބޭގޮތަށް ޤާނޫނަށް އިޞްލާޙު ގެންނަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.
މިދިޔަ ޑިސެމްބަރު މަހު ގަލޮޅު ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ “ޚާއްސަ ހާލަތްތަކުގައި ޕެންޝަން ފަންޑުން ފައިސާ ބޭނުންކުރެވޭ ގޮތަށް، އާދެ އެޚާއްސަ ހާލަތްތައް އޭގައި ބަޔާންކުރެވޭނެ، އެހެންވީމަ މިހާރަށްވުރެ ގިނަ ފުރުޞަތުތައް އެމީހާގެ ޕެންޝަން ފައިސާ ބޭނުންކުރެވޭގޮތަށް ޤާނޫނަށް އިސްލާހު އެބަ ހުށަހަޅަން” ކަމަށެވެ.
މީގެ އިތުރުން، އުމުރުން ދުވަސްވީ މީހުންގެ އަސާސީ ޕެންޝަންގެ ގޮތުގައި ލިބިދެވޭ ފައިސާއަށްވުރެ ބޮޑު ޢަދަދެއްގެ ފައިސާ އާމްދަނީގެ ގޮތުގައި ލިބޭ މީހުންނަށް، އަސާސީ ޕެންޝަން ލިބިނުދެވޭނެކަމަށް ކަނޑައެޅުމާއި އެކަމާ ގުޅޭ އުސޫލުތައްވެސް މި ބިލުގައި ވަނީ ހިމަނާފައެވެ.

