އދ. އޮމަދޫ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން، ކީވޯލްގެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށް އެ މަސައްކަތްކުރަމުން އަންނަ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.
އެމްޓީސީސީން މިއަދު ހާމަކުރި ގޮތުގައި، އދ. އޮމަދޫގެ ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތްތަކުގެ 36 އިންސައްތަ މިހާރު ވަނީ ނިމިފައެވެ. އަދި މިހާރު ކުރިއަށްދަނީ ކީވޯލްގެ ކޮންކްރީޓް ކެޕިންގެ ހުރިހާ މަސައްކަތްތަކެއް ކަމަށް އެ ކުންފުނިން ސޯޝަލް މީޑިއާ ޕްލެޓްފޯމް “އެކްސް” ގައި ކުރި ޕޯސްޓެއްގައި ބުނެފައިވެއެވެ.
މި މަޝްރޫޢަށް ބޭނުންވާ ބޮޑު ހިލައިގެ ފުރަތަމަ ޝިޕްމެންޓް މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ސައިޓަށް ގެންގޮސް، ހިލަތައް ބޭލުމުގެ މަސައްކަތް ވަނީ ކޮށްފައެވެ. މީގެ އިތުރުން، އެއްގަމު ތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ބްލޮކް އިންސްޓޯލް ކުރުމުގެ މަސައްކަތް ވެސް އެމްޓީސީސީން އަންނަނީ ކުރަމުންނެވެ.
އޮމަދޫ ބަނދަރު ތަރައްޤީ ކުރުމަށް އެމްޓީސީސީއާ ހަވާލުކޮށްފައި ވަނީ 2023 ވަނަ އަހަރުއެވެ. ނަމަވެސް އެކި ސަބަބުތަކާހުރެ، މި މަޝްރޫޢު އެކި ފަހަރު މަތިން ހުއްޓިފައި އޮތުމަށްފަހު، މިހާރު އަންނަނީ ބާރު ދުވެލީގައި މަސައްކަތް ކުރަމުންނެވެ.
އަރިއަތޮޅު ދެކުނުބުރީގެ ބައެއް ރަށްތަކަށް 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުޢިއްޒު ކުރެއްވި ދަތުރުފުޅުގައި އޮމަދޫއަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވައި ވިދާޅުވީ، 25 ވަރަކަށް އަހަރު ފަހުން އެ ރަށުގެ ބަނދަރު އަލުން ތަރައްޤީކޮށްދެއްވާނެ ކަމަށެވެ. ރައީސް ވަނީ ރައްޔިތުންގެ ކަންބޮޑުވުންތަކަށް ޙައްލު ލިބިދެނިވި ފަދަ ފުރިހަމަ ބަނދަރެއް ހައްދަވައިދެއްވާނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ.
އެމްޓީސީސީން އަންނަނީ ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި މިފަދަ ތަރައްްޤީގެ ގިނަ މަޝްރޫޢުތަކެއްގެ މަސައްކަތް ހުއްޓުމެއް ނެތް ކުރިއަށް ގެންދަމުންނެވެ.

