މާލެ އާއި ހުޅުމާލޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ފާއިތުވި 48 ގަޑިއިރުގެ ތެރޭގައި މާލޭ ސަރަހައްދުގެ 415 ސަރަހައްދެއް ބަލައިފާސްކޮށް ހަތަރު އުޅަނދެއް ޓޯކޮށްފައިވާ ކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ވިދާޅުވެއްޖެއެވެ.
ފުލުހުން މައުލޫމާތު ދެއްވި ގޮތުގައި، ގޭންގް ކްރައިމް ސަޕްރެޝަން ޑިޕާރޓްމަންޓުން ކުރިއަށްގެންދިޔަ މި އޮޕަރޭޝަނުގައި ހޮޓްސްޕޮޓްސްގެ ގޮތުގައި ފާހަގަކުރެވޭ ސަރަހައްދުތައް 415 ފަހަރު ބަލައިފާސްކޮށްފައިވެއެވެ. އަދި މި މުއްދަތުގެ ތެރޭގައި ކުށުގެ މާހައުލުގައި އުޅޭ މީހުންނާ އެކު 94 އިންޓަރެކްޝަން ހަދާފައިވާ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.
މަގުމަތީގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގެ ތެރެއިން ވޭތުވެދިޔަ 48 ގަޑިއިރުގެ ތެރޭގައި ހަ އުޅަނދެއް ހުއްޓުވައި ޗެކްކޮށްފައިވެއެވެ. މީގެ ތެރެއިން ގަވާއިދާ ހިލާފުވެގެން ހަތަރު އުޅަނދެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ޓޯކޮށްފައިވާ ކަމަށް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައެވެ.
މީގެ އިތުރުން، މާލޭގެ އެކި ސަރަހައްދުތައް ޕެޓްރޯލްކޮށް ބެލެހެއްޓުމުގެ މަސައްކަތް ވެސް ފުލުހުން ވަނީ ވަރުގަދަކޮށްފައެވެ. އެގޮތުން ޖުމްލަ ނުވަ ގަޑިއިރަށްވުރެ ގިނަ ވަގުތު ފުލުހުން ފުޓްޕެޓްރޯލް ނުވަތަ ހިނގާފައި ޕެޓްރޯލް ކޮށްފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.
ދިވެހި ފުލުހުންގެ ހިދުމަތުން ވިދާޅުވީ، މާލެ ސަރަހައްދަކީ އަމާން އަދި ރައްކާތެރި ތަނެއްގެ ގޮތުގައި ބޭއްވުމަށްޓަކައި ކުރަންޖެހޭ މިފަދަ މަސައްކަތްތައް މެދުނުކެނޑި ކުރިއަށް ގެންދާނެ ކަމަށެވެ.

