ގދ. ނަޑެއްލާ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ރަސްމީކޮށް މިއަދު ފަށައިފިއެވެ. މި މަސައްކަތް ފެށުމަށްޓަކައި އެ ރަށުގައި މިއަދު ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މަޝްރޫޢު އިފްތިތާޙްކޮށްދެއްވީ އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބެވެ.
މި ރަސްމިއްޔާތުގައި ނަޑެއްލާ ކައުންސިލްގެ ރައީސާއި، ކައުންސިލް މެމްބަރުންގެ އިތުރުން އެ ރަށުގެ ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވެފައިވެއެވެ. މި މަޝްރޫޢަކީ ނަޑެއްލާގެ ރައްޔިތުންނަށް ދިމާވެފައިވާ ލަފާފުރުމުގެ ދަތިތަކަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަޝްރޫޢެކެވެ.
ސަރުކާރުން ހެވީ ފޯސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ ދަށުން ބޮޑެތި މަސައްކަތްތަކެއް ކުރުމަށް ވަނީ ރޭވިފައެވެ. އެގޮތުން 82،080 ކޮޑި މީޓަރުގެ ސަރަޙައްދެއްގެ އައު ބަނދަރު ފަޅު ކޮނުމާއި، 19،600 ކޮޑި މީޓަރުގެ ސަރަޙައްދެއްގެ އައު ނެރު ކޮނުމުގެ މަސައްކަތް ހިމެނެއެވެ.
މީގެ އިތުރުން، މިހާރު ބޭނުންކުރަމުންދާ ބަނދަރު ފަޅުން 3،900 ކޮޑި މީޓަރު އަދި ނެރުން 16،000 ކޮޑި މީޓަރުގެ ވެލި ކޮނުމަށް ވަނީ ހަމަޖެހިފައެވެ. އަދި ބިން ހިއްކުމުގެ މަސައްކަތަށް 48،850 ކޮޑި މީޓަރުގެ ވެލި ކޮނުމާއި، 277.7 މީޓަރުގެ ރިވެޓްމަންޓް ޖެހުމުގެ އިތުރުން 105 މީޓަރުގެ ނެރުފައިކަށި ޖެހުމުގެ މަސައްކަތްވެސް މި މަޝްރޫޢުގެ ދަށުން ކުރިއަށްދާނެއެވެ.
މި މަޝްރޫޢުގެ ދަށުން ބަނދަރުގެ ބޭރުތޮށީގެ 17 މީޓަރުގެ ސަރަޙައްދެއް ތިރިކޮށް ޖެހުމާއި، ޖުމްލަ 188 މީޓަރުގެ ގްރޮއިން ޖެހުމަށް ވެސް ވަނީ ނިންމާފައެވެ. މި މަސައްކަތްތަކުގެ ސަބަބުން ބަނދަރަށް ވަދެނިކުމެ އުޅުމުގައާއި އުޅަނދުފަހަރު އެޅުމުގައި ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެއެވެ.
ޖުމްލަ 78.65 މިލިޔަން ރުފިޔާ ހޭދަކޮށްގެން ހިންގާ މި މަޝްރޫޢު ހެވީ ފޯސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފައިވަނީ 450 ދުވަހުގެ ތެރޭގައި މަސައްކަތް އެއްކޮށް ނިންމާލުމަށެވެ.

