ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) ގެ ރައީސްގެ މަޤާމަށް، ކުރީގެ ވަޒީރު ޑރ. ޢާއިޝަތު ރަމީލާ އައްޔަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފިއެވެ. މި މައްސަލަ ދިރާސާ ކުރުމަށް މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީއަށް މިހާރު ވަނީ ފޮނުވާފައެވެ.
ޑރ. ޢާއިޝަތު ރަމީލާ އެޗްއާރުސީއެމްގެ މެންބަރުކަމަށް އައްޔަން ކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފައިވަނީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 29 ވަނަ ދުވަހުއެވެ. އެކަމަނާ އެ ކޮމިޝަންގެ މެންބަރުކަމުގެ ހުވާ ކުރެއްވީ މިދިޔަ ޑިސެންބަރު މަހުގެ 3 ވަނަ ދުވަހުއެވެ.
އެޗްއާރުސީއެމްގެ ރައީސްގެ މަޤާމު ހުސްވީ، އެ މަޤާމުގައި ކުރިން ހުންނެވި މަރިޔަމް މުނާގެ މެންބަރުކަމުގެ ދައުރު ހަމަވުމާ ގުޅިގެންނެވެ. ޤާނޫނު ބުނާގޮތުން އެޗްއާރުސީއެމްގެ ރައީސްގެ މަޤާމަށް، ކޮމިޝަންގެ މެންބަރުންގެ ތެރެއިން ބޭފުޅަކު އައްޔަން ކުރައްވާނީ ރައްޔިތުންގެ މަޖިލީހުގެ ރުހުމާއެކު ރައީސުލްޖުމްހޫރިއްޔާއެވެ.
ޑރ. ރަމީލާއަކީ މި ސަރުކާރުގެ ފުރަތަމަ ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވަޒީރެވެ. ނަމަވެސް، ޞިއްޙީ ޙާލުކޮޅު ހުރިގޮތުން އެކަމަނާ ވަނީ 1 ޑިސެންބަރު 2024 ގައި ވަޒީރުކަމުގެ މަޤާމުން އިސްތިއުފާ ދެއްވާފައެވެ. އެކަމަނާ މިހާރު ހުންނެވީ އެޗްއާރުސީއެމްގެ މެންބަރެއްގެ މަޤާމުގައެވެ.
ޖުމްލަ 5 މެންބަރުންގެ މައްޗަށް އެކުލެވޭ އެޗްއާރުސީއެމްގައި މިހާރު ތިއްބަވަނީ ކޮމިޝަންގެ ނައިބު ރައީސް މުޙައްމަދު ޝަފީޤް މަޙްމޫދާއި، މެންބަރު ސަމާޢު އަޙުމަދު ނަޖީބާއި، އިސްމާއިލް ޙަބީބާއި އަޙްމަދު މަޤުސޫމްގެ އިތުރުން ޑރ. ޢާއިޝަތު ރަމީލާއެވެ.

