ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތުގައި ހަރަކާތްތެރިވާ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން، ވިޒިޓް މޯލްޑިވްސް (އެމްއެމްޕީއާރުސީ) ގެ މެމްބަރޝިޕް ފީތައް ބޮޑުތަނުން ކުޑަކޮށްފިއެވެ. މިއީ ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރުމުގައި ކުދި ވިޔަފާރިތަކުގެ ބައިވެރިވުން އިތުރުކުރުމަށް އެ ކުންފުނިން ނިންމި ނިންމުމެކެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ވިޒިޓް މޯލްޑިވްސްގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޝިއުރީ ވިދާޅުވީ، މީގެ ކުރިން ގެސްޓުހައުސްތަކުން މެންބަރަކަށް ވުމަށްޓަކައި 1,000 ޑޮލަރު ދައްކަން ޖެހުނު ނަމަވެސް، މިހާރު އެ އަދަދު ވަނީ ވަރަށް ބޮޑަށް ކުޑަކޮށްފައެވެ. އައު އުސޫލުގެ ދަށުން 25 ކޮޓަރިއަށް ވުރެ މަދު ގެސްޓުހައުސްތަކުން ދައްކަން ޖެހޭނީ 350 ޑޮލަރެވެ. އަދި 25 ކޮޓަރިއަށް ވުރެ ގިނަ ތަންތަނުން ދައްކަން ޖެހޭނީ 750 ޑޮލަރެވެ.
ޝިއުރީ ވިދާޅުވި ގޮތުގައި މި ބަދަލަކީ މިހާރުވެސް އަމަލުކުރަން ފަށާފައިވާ ބަދަލެކެވެ. "މިގެނައި ބަދަލު ވަރަށް ބޮޑަށް ހުރިހާ ފަރާތްތަކުން ބަލައިގަނޭ. މިހާރު އަޅުގަނޑުމެންނަށް ވަރަށް ގިނަ މެންބަރުން ދަނީ ގުޅަމުން. މިއީ އަޅުގަނޑުމެން އޯލްރެޑީ އިމްޕްލިމެންޓެޑް،" އޭނާ ވިދާޅުވިއެވެ. ގެސްޓުހައުސްތަކުގެ މެންބަރޝިޕް ފީ ދައްކަން ޖެހޭނީ ކޮންމެ އަހަރެއްގެވެސް ފެށޭކޮޅުގައެވެ.
ވިޒިޓް މޯލްޑިވްސްގެ އަމާޒަކީ މިއަހަރުގެ ތެރޭގައި ވީހާވެސް ގިނަ ވިޔަފާރިތަކަށް ބައިވެރިވެވޭނެ ފަދަ އަގުހެޔޮ ފުރުޞަތުތަކެއް ފަހިކޮށްދީ، ރާއްޖޭގެ ފަތުރުވެރިކަމުގެ މާކެޓިންގ ނެޓްވޯކް އިތުރަށް ފުޅާކުރުމެވެ. މި ފިޔަވަޅުގެ ސަބަބުން ކުދި އަދި ބޮޑެތި ވިޔަފާރިތަކަށްވެސް ދުނިޔޭގެ ފެންވަރުގައި ރާއްޖެ އިޝްތިހާރު ކުރުމުގެ ފުރުޞަތު ހަމަހަމަކަމާއެކު ލިބިގެންދާނެ ކަމަށް އެ ކުންފުނިން ޤަބޫލުކުރެއެވެ.
މީގެ އިތުރުން، ރޯޑު ޝޯވތަކާއި އެކި ހަރަކާތްތަކުގެ އަގުތައް ކުޑަކޮށް، ނޮން-ފިޒިކަލް ޕާޓިސިޕޭޝަން ނުވަތަ ހަރަކާތްތަކުގައި ބައިވެރިވުމުގެ ޑިޖިޓަލް ފުރުޞަތުތައްވެސް ފަހިކޮށްދިނުމަށް ވަނީ ނިންމާފައެވެ. މީގެ ތެރޭގައި ޑިޖިޓަލް ޝޯވކޭސްތަކުގެ ޒަރީއާއިން ވިޔަފާރިތައް ބައިނަލްއަޤުވާމީ މާކެޓުގައި ތަމްސީލުކޮށްދިނުން ހިމެނެއެވެ.
ވިޔަފާރިތައް އިޝްތިހާރު ކުރުމަށް ބޭނުންވާ ފެންވަރު ރަނގަޅު ކޮންޓެންޓް އުފެއްދުމަށް އެހީތެރިވުމުގެ ގޮތުން، ވިޒިޓް މޯލްޑިވްސްއިން ރާވައިގެން ހިންގާ ކޮންޓެންޓް ދަތުރުތަކުގައި ބައިވެރިވުމުގެ ފުރުޞަތުވެސް ވަނީ ހުޅުވާލާފައެވެ. މި ދަތުރުތަކުގެ ސަބަބުން ރިސޯޓުތަކާއި ގެސްޓުހައުސްތަކަށް އެތަންތަން މާކެޓު ކުރުމަށް ބޭނުންވާނެ ޒަމާނީ ވަސީލަތްތަކާއި މާއްދާތައް ފޯރުކޮށްދެވޭނެ ކަމަށް އެ ކުންފުނިން މަޢުލޫމާތު ދެއެވެ.

