ކ. މާފުށީ ބަނދަރު ތަރައްގީ ކުރުމުގެ ބޮޑު މަޝްރޫއުގެ ތެރެއިން، މިހާރު ކުރިއަށްދަނީ ރޮކް ބޯލްޑާ ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕަނީ (އެމްޓީސީސީ) އިން ބުނެފިއެވެ. މާފުށީ ބަނދަރު ބޮޑުކުރުމުގެ އަމަލީ މަސައްކަތް ފަށާފައިވަނީ މެއި 22، 2023 ގައެވެ.
މި މަޝްރޫއުގެ މަސައްކަތްތަކާ ގުޅޭގޮތުން އެމްޓީސީސީން ހާމަކުރި ތަފްސީލުތަކަށް ބަލާއިރު، މިހާރު ވަނީ މުޅި މަޝްރޫއުގެ ދެބައިކުޅަ އެއްބަޔަށްވުރެ ބޮޑު ބައެއް ނިންމާލާފައެވެ. މި މަޝްރޫއުގެ ދަށުން ބަނދަރުގެ އެކި ސަރަހައްދުތަކުން ޖުމްލަ 90،000 އަށްވުރެ ގިނަ ކިއުބިކް މީޓަރުގެ ސަރަހައްދެއް ފުންކުރުމަށް ވަނީ ހަމަޖެހިފައެވެ.
އެގޮތުން 28,836 ކިއުބިކް މީޓަރަށް މިހާރު އޮތް ބަނދަރު ފުންކުރުމާއި، އަލަށް އިތުރުކުރާ ބައިން 63,711 ކިއުބިކް މީޓަރުގެ ސަރަހައްދެއް ފުންކުރުން ހިމެނެއެވެ. މީގެ އިތުރުން 4,414 ކިއުބިކް މީޓަރަށް ނެރު ފުންކުރުމުގެ މަސައްކަތް ވެސް މި މަޝްރޫއުގެ ތެރޭގައި ހިމެނޭ ކަމަށް އެ ކުންފުނިން ބުނެއެވެ.
މި މަޝްރޫއުގެ ދަށުން ކުރަންޖެހޭ އުމްރާނީ އެހެނިހެން މަސައްކަތްތަކުގެ ތެރޭގައި 31 މީޓަރުގެ ބޭރުތޮށި ޖެހުމާއި، ސޭންޑްފިލް ބްރޭކްވޯޓާ ހެދުމާއި، 64 މީޓަރުގެ ރިވެޓްމެންޓް ޖެހުމުގެ އިތުރުން 700 މީޓަރުގެ ޖިއޯ ބޭގް ރިވެޓްމެންޓް ޖެހުން ހިމެނެއެވެ. އަދި 374 މީޓަރުގެ އެއްގަމު ތޮށިލުމާއި، 367 މީޓަރުގެ ސްކޯރިން އެޕްރޮން ޖެހުމުގެ މަސައްކަތް ވެސް ކުރިއަށްދާނެއެވެ.
ބަނދަރުގެ ފެންވަރު ރަނގަޅު ކުރުމަށްޓަކައި 73 މޫރިން ރިންގާއި، 10 މޫރިން ބޮއި ހަރުކުރުމުގެ އިތުރުން އެކްސެސް ޕްލެޓްފޯމަކާއި، ކޮންކްރީޓް ބްރިޖެއް އަދި ކޮންކްރީޓް ޖެޓީއެއް ހެދުމަށް ވަނީ ނިންމާފައެވެ. އަދި ބަނދަރު ސަރަހައްދު އަލިކުރުމަށް 33 މަގު ބައްތި ހަރުކޮށް، 1,869 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުމުގެ މަސައްކަތް ވެސް އެމްޓީސީސީއާ ވަނީ ހަވާލުކޮށްފައެވެ.
ޖުމްލަ 82 މިލިއަން ރުފިޔާ ހަރަދުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއަކީ 600 ދުވަހުގެ ތެރޭގައި ނިންމުމަށް ކަނޑައަޅާފައިވާ މަޝްރޫއެކެވެ. މި މަސައްކަތް ނިމުމުން މާފުށީގެ ބަނދަރަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ބޮޑު ހައްލެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.

